ތޮއްޑޫ އޭ ބުނުމުން އެންމެ ފުރަތަމަވެސް މީހުންގެ ހިތަށް އަރަނީ ތޮއްޑޫ "ކަރާ" މިފަދައިންނެވެ. މިއީ ބައެއް މީހުންނަށް ނޭނގުނު ނަމަވެސް ގިނަ ބަޔަކު ދަންނަ ނަމަކެވެ. އެފަދަ ގޮތަކަށް އެރަށް ސިފަ ނުވާ ފަރާތްތަކަށް މިހާރު އެރަށުގެ ބަނދަރު މަތިން ފެނިގެންދާ މަންޒަރުން އެއީ އެރަށް ކަން އެނގިގެންދާނެ ކަން ޔަގީނެވެ.

ރާއްޖޭގެ ފަތުރުވެރިން އަންނަ ބައެއް ރަށްތަކުގެ ތެރޭގައި ހިމެނޭ މާފުށި، ތުލުސްދޫ ފަދަ ރަށްތަކުގައިވެސް އެރަށެއްގެ ނަން ފެންނަ ގޮތަށް ނަން ބޯޑު ހަރުކޮށްފައި ހުރެއެވެ. އެހެން ނަމަވެސް ތޮއްޑޫ އިން ފެނިގެން ދިޔައީ ޒަމާނުއްސުރެ ދިވެހިން އެރަށަށް ކިޔާ އުޅޭ "ތޮއްޑޫ ކަރާ" ނަމުން މަޝްހޫރުވެފައިވާ "ކަރާ" ޖަހާފައިވާ ގޮތަކަށް ބޯޑު ހަދާފައިވާ މަންޒަރެވެ.

މިކަމާއި ގުޅިގެން ތޮއްޑޫ ކައުންސިލްގެ ނައީބު ރައީސް، ހަސަން އަބްދުﷲ "ވަގުތު" އަށް ވިދާޅުވީ، ތޮއްޑޫގެ ނަން ބޯޑަށް ބަދަލު ގެނެސްފައި ވަނީ ކައުންސިލާއި ގެސްޓްހައުސް ހިންގާ ފަރާތްތަށް ބޭނުން ވެގެން ކަމަށާއި އެކަމުގެ ސަބަބުން އެރަށަށް ކައިރި ކުރާ ފަރާތްތަކަށް އެއީ ކޮން ރަށެއްކަން ފަސޭހައިން ދަނެގަނެވޭނެ ކަމަށެވެ.

ހަސަން ވިދާޅުވީ، އެ މަސައްކަތް ކޮވިޑް-19ގެ ކުރިން ފަށާފައިވާ ކަމަށާއި އެހެން ނަމަވެސް ކޮވިޑް-19ގެ ބަލި މަޑު ކަމުގެ ސަބަބުން ހުއްޓުމަކަށް އައިސް މިހާރު ގާތްގަނޑަކަށް ނިންމާލެވިފައިވާ ކަމަށެވެ.

"މިދިޔަ މަހު އެ މަސައްކަތް ފައްޓާފައި ވަނީ ފަހުން. ކޮވިޑް-19ގެ ކުރިން އަޅުގަނޑުމެން އެ މަސައްކަތް ފައްޓައިފިން. އެ ދޭތެރެއިން ތަންކޮޅެއް އުނދަގޫ ދުވަސްކޮޅެއް މިދިޔައީ. އެހެން ހުއްޓުމަކަށް އައިސް، އޭގެ ފަހުން ގެސްޓުން ގެންނަންވާއިރަށް އެމަސައްކަތް ނިންމާލާފައި ހުޅުވާ ގޮތަށް ވާހަކަ ދެކެވުނީ." ހަސަން ވިދާޅުވިއެވެ.

ތޮއްޑޫ ސެރީނާ ގެސްޓްހައުސްގެ ވެރިޔާ އަދި ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ކުރީ ގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ، ތޮއްޑޫގެ އެންމެ ބޮޑު ފަތުރުވެރިންގެ މާކެޓެއް އޮންނަނީ ރަޝިއާގައި ކަމަށާއި އެގޮތަށް އެ ބަދަލު ގެނައުމުން ފަތުރުވެރިން އެރަށަށް އަންނަ ވަރު އިތުރުވެގެންދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ކަރަމް ވިދާޅުވީ، ރަށުގެ ބޯޑު އަދި އެއްކޮށް ނުނިމޭ ކަމަށާއި، ބައެއް އަކުރު ތަކުގައި އަދި ކުލަ ޖައްސަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސާފިޔު

    ނޫނޭ އޭޑީގެ ކުރެހުން ވަރުގަދަ އިނގޭ. ތޮއްޑޫ މަންމާ

  2. ޢާދަމް

    ތިއަކުރު ތަަކަށްބަލާލީމާތި ހެދި ބައެއްގެފެންވަރު ސާފުވޭ.

    5
    1
  3. ލޮލްލޮލް

    އެހެން..ތޮއްޑޫ ލޯގޯގަ ކަރަލެއް އިނުމަކީ ކޮން ތަފާތުކަމެއް...