ވިލިމާލޭގައި ގަސް އިންދުމުގެ މަސައްކަތް ކުރާ ފަރާތްތަކަށް އެކަން ތަނަވަސް ކޮށްދިނުމުގެ ގޮތުން ޕްލޭނިން މިނިސްޓްރީއާއި މަޝްވަރާކޮށް ބިމެއް ކަނޑައަޅާފައިވާ ކަމަށް މާލޭ ސިޓީ މޭޔަރ ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މޭޔަރ ސިފާ މިހެން ވިދާޅުވެފައިވަނީ ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޭޔަރ ސިފާ ވިދާޅުވީ، ރާއްޖެއަށް ކުރިމަތި ވެފައިވާ ކޮވިޑް-19ގެ ބަލި މަޑު ކަމުގެ ސަބަބުން ވަރަށް ގިނަ ވިޔަފާރިތަކަށް ދަށްވެފައިވާ ކަމަށެވެ. އެގޮތުން ވަކިން ހާއްސަކޮށް ވިލިމާލޭގައިވެސް އެކިކަހަލަ ކުދި ވިޔަފާރިތައް ކުރާ ފަރާތްތަކަށާއި، އެކި ކަހަލަ މަސައްކަތް ކުރާ މީހުންނަށް ވަރަށް ދަތިއުނދަގޫ ހާލަތެއް ކުރިމަތިވެފައިވާކަމަށް މޭޔަރ ފާހަގަ ކުރެއްވިއެވެ.

އެކަމުން އަރައިގަތުމަށް ވިލިމާލޭގައި އެކި ކަހަލަ މަސައްކަތް ކުރާ ފަރާތްތަކަށް އިތުރު ފުރުޞަތު ތަނަވަސްކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން، ހޯމް ގާޑެނިންގ ނުވަތަ ގަސް އިންދުމަށް ޝަޢުގުވެރިވާ ފަަރާތްތަކަށް އެ މަސައްކަތް ކުރެވޭނެ ޚާއްސަ ބިމެއް ޕްލޭނިންގ މިނިސްޓްރީއާއެކު މަޝްވަރާކުރުމަށްފަހު، މިހާރު ހަމަޖައްސާފައިވާކަމަށް މޭޔަރ ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ، ވިލިގިލީގެ ގިނަ ޒުވާނުންނަކީ ތިލޭރުކަން ކުރާ މީހުން، ވެލްޑަރުން، ކާޕެންޓަރުން، ރާނާ މަސައްކަތް ކުރަން ބޭނުންވާ ބަޔަކަށް ވާތީ، އެމީހުން އެބޭނުންވާ މަސައްކަތްތައްވެސް ކުރެވޭނެ ގޮތްތައް ހެދޭނީ ކިހިނެތްތޯ ބަލަމުން އަންނަ ކަމަށެވެ.

އެގޮތަށް ބިމެއް ހަމަޖެއްސުމުގެ ބޭނުމަކީ ވިލިމާލޭގެ ގިނަ ރައްޔިތުންނަކީ ގަސް އިންދުމަށް ލޯބިކުރާ ބަޔަކަށްވެފައި، މީހުން ހިނގާ މަގުތަކުގައާއި، ހުސްކޮށް ހުންނަ ބިންތަކުގައި އެކީ އެކައްޗަކަށް ގަސް އިންދުމުގެ ސަބަބުން، މަދިރި އާލާވުމުގެ ފުރުޞަތު ބޮޑުވުމާއި، ސާފުތާޙިރުކަން ގެއްލޭތީ ކަމަށް މޭޔަރ ވިދާޅުވިއެވެ.

މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، ވިލިމާލޭގައި ގަސް އިންދުމަށް ޚާއްސަކޮށްފައި ބިން ބޭނުންކުރާނެގޮތުގެ އުޞޫލު އެކުލަވާލުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާރު ކުރައްވަމުންދާ ކަމަށެވެ.