ހދ. ކުޅުދުއްފުށި ސިޓީގައި ފަހުން ކޮވިޑް-19 އަށް ފައްސިވީ އެއް އާއިލާއެއްގެ ބައެއް ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އެރަށުން ފަހުން ކޮވިޑް-19 އަށް ފައްސިވި ހަތަރު މީހުންނާއެކު އެރަށް ވަނީ މޮނީޓަރިންގއަށް ލާފައެވެ.

އެރަށުން އިއްޔެ ކޮވިޑް-19 އަށް ފައްސިވީ ފުލުހެއްގެ އާއިލާ އެވެ. އެ ފުލުސް މީހާ ކޮވިޑް-19 އަށް ފައްސިކަން އެނގުނީ އެރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވުމުން، ފަހުން ވަކި ތަރުތީބެއް ނެތި ނެގި ސުންކު ތަކުންނެވެ.

އެ ފުލުހާއެކު އިތުރު ފުލުހަކުވެސް ފައްސިވި އެވެ. އެއީ ކަރަންޓީނުގައި ތިބި ބައެއް ނޫނެވެ.

އެ މީހުން ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ގިނަބައެއްގެ ކޮންޓެކްޓް ޓްރޭސިންގ ހަދައި ކޮވިޑް-19 އަށް ޓެސްޓު ކުރިއެވެ.

އެ ހެދި ޓެސްޓުތަކުން ފުލުސް މީހެއްގެ އާއިލާއެއްގެ ހަތަރު މީހަކު ވަނީ ފައްސިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެ ފުލުސް މީހާގެ އަންހެނުންނާއި (35އ)، އެ ދެމަފިރިންގެ ދެ ކުދިންނާއި (އުމުރުން 9 އަހަރާއި އުމުރުން 10 އަހަރު)، އަދި އެ ކުދިންގެ މާމަ (75އ)އެވެ.

ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާނު "ވަގުތު"އަށް ވިދާޅުވީ، އެރަށުން ކޮވިޑް-19 އަށް ފައްސިވީ އެއް އާއިލާއެއްގެ ހަތަރު މީހުން ކަމަށާއި، އެ މީހުންގެ ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކައުންސިލުން އެދެނީ ރައްކާތެރިވެ ތިބުމަށް!

ކުޅުދުއްފުށީގައި ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވަމުންދާތީ މި ދަނޑިވަޅުގައި ރައްކާތެރިވުމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅުތައް އެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.

އެރަށު ކައުންސިލުން ނެރުނު އިއުލާނެއްގައި ވިދާޅުވީ، ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދަށް ފުރިހަމައަށް ބޯލެބުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށެވެ.

އެގޮތުން ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ބޭރަށް ނުނިކުންނެވުމަށާއި ބޭރަށް ނުކުންނަނަމަ މާސްކު އަޅައި ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައި ވެއެވެ.

އަދި މިސްކިތަށް ދިއުމުގައި އިސްލާމިކް މިނިސްޓްރީގެ އެންގުންތަކަށް ބޯލެބުމުގެ ގޮތުން، މާސްކު އެޅުމާއި، މުސައްލައެއް ހިފައިގެން މިސްކިތަށް ދިއުމަށާއި، ގެއިން ވުޟޫ ކޮށްގެން ދިއުމާއި، ކުޑަކުދިންނާއި މުސްކުޅިން ޖަމާއަތުގައި ބައިވެރި ނުވުމާއި، ބަލީގެ އަލާމާތެއް ހުރިނަމަ ޖަމާއަތަށް ނުދިއުމަށް އިލްތިމާސްކޮށްފައި ވެއެވެ.

މީގެ އިތުރުން ވިޔަފާރި ކުރުމަށް ފިހާރަތަކަށް ދިއުމުގެ ބަދަލުގައި އޮންލައިންކޮށް މުދަލަށް އޯޑަރު ކުރެއްވުމަށާއި، އާންމު ސާފުތާހިރުކަމަށް ސަމާލުވުމާއި ގިނަ ގިނައިން އަތްދޮވުމަށް ނަސޭހަތްތެރިވެފައި ވެއެވެ.

ތިލަދުންމަތީގެ ފުލުހުންގެ އިހާ!

ތިލަދުންމަތީގެ ފުލުހުންގެ އިހާ (ކްލަސްޓާ) އާއި ގުޅުން ހުރި ގިނަބަޔަކު ދަނީ ފައްސިވަމުންނެވެ. މީގެ ތެރެއިން ގިނައީ ފުލުހުންނެވެ.

މި އިހާގައި ހިމެނޭ މީހުން ތަކުގެ ތެރެއިން އެރަށުން ފުރަތަމަ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މާލެއަށް ދަތުރު ކުރި ފުލުހުންތަކަކާއި ކޮންޓެކްޓްވި ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ. އޭގެފަހުން ކުޅުދުއްފުށީ ޕޮލިސްޓޭޝަންގެ ދެ ފުލުހަކާއި ށ. ފޯކައިދޫ ފުލުހަކު ވަނީ ފައްސިވެފައެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ދެ ފުލުހަކު ކޮވިޑް-19 އަށް ފައްސިވީ ވޭދަނަތަކަށްފަހު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިޔަށް ދަނިކޮށް، އިތުރު ދެ ފުލުހަކާއި ސްޓޭޝަނުގައި މަސައްކަތްކުރި ތިން ބިދޭސީއަކު ވެސް ފައްސިވެފައި ވެއެވެ. އޭގެ ފަހުން ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކުން ފައްސިވެފައި ވަނީވެސް ދެ ފުލުހެކެވެ.

މިއާއެކު އެ އިހާއަށް ނިސްބަތްވާ މީހުންގެ އަދަދުއަށް 17 އަށް ވަނީ އަރާފައެވެ.

މީގެ އިތުރުން އެރަށުގައި ހޯމް ކަރަންޓީންގައި ތިބި ބައެއް މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބްރާހީމް

    ހިތާމަޔާއި އެކު ފާހަގަ ކުރަންޖެހެނީ މިކަން މިހެން ދިމާވެގެން މިދިޔައީ ޒިންމާ އުފުލަންތިބި ބައެއްގެ އިހުމާލުންކަން. އެޗް.އޯ.ސީން މިކަން ފާހަގަ ނުކުރާތީ އެކަން ހިތާމަޔާއި އެކު ފާހަގަކޮށް ކުއްވެރިކުރަން. ޚާއްޞަ ހުއްދައިގެ ދަށުން ކުޅުދުއްފުއްޓަށާއި ހއ. ހދ އަދި ށ ގެ ބައެއް ރަށްރަށަށް ފޮނުވި ޓީމްގެ އިޙްމާލު! ކަން އެއޮތީވެނިމިފަ! ދެން އޮތީ ހެދުނު ގޯހަށް މަޢާފަށް އެދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ކުރިޔަށް ދިޔުން. އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތްކުރުން.