ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގްރޭޓާރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އެއްކޮށްލުމަށް
ސަރުކާރުން ނިންމެވުމާ ގުޅިގެން، ތިލަފުއްޓާއި ގުޅިފަޅުން ސިނާއީ ބިންތަކާއި ކޮމާޝަލް ޔުނިޓްތަކުގެ ކުލީގެ ފައިސާ މާދަމާ އިން ފެށިގެން ދެން ދައްކަން ޖެހޭނީ އެޗްޑީސީ އަށް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ޖީއެމްއައިޒެޑްއެލް އާއި އެޗްޑީސީ އެއްކޮށްލަން ނިންމުމާ ގުޅިގެން ތިލަފުއްޓާއި ގުޅީފަޅުން ސިނާއީ ބިންތަކާއި ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުންތައް ނަގުލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން މި ދެ ރަށުގައި ކުލީގެ ފައިސާތައް މާދަމާަ އިން ފެށިގެން އެޗްޑީސީއަށް ދައްކަމުން ދިއުމަށް އެ އިއުލާނުގައި ވެއެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ، ޗެކުން ފައިސާ ދައްކަވާ ފަރާތްތަކުން ޗެކު ތައްޔާރު ކުރައްވަންވާނީ 'ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑް' ގެ ނަމުގައި ކަމަށެވެ. އަދި ނަގުދު ފައިސާއިން ކުއްޔާއި އެހެނިހެން ފީ ދައްކަން ބޭނުންވާ ފަރާތްތަކަށް އެ
ކޯޕަރޭޝަނުގެ މައި އޮފީހުގައި ޤާއިމުކޮށްފައިވާ ކޭޝް ކައުންޓަރުތައް މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށް ބުނެފައި ވެއެވެ.

އަދި ލުއިފަސޭހަކޮށް ފައިސާ ދެއްކޢޭނޭ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އެޗްޑީސީން ތައާރުފްކޮށްފައިވާ 'މައި ހުޅުމާލެ' ވެބް ޕޯޓަލްގައިވާ "ކުއިކް ޕޭ' މެދުވެރިކޮށް، ތިލަފުށި އަދި ގުޅިފަޅުން ސިނާއީ ބިންތަކާއި ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ނަންގަވާފައިވާ ފަރާތްތަކުން އެ ތަންތަނާ ގުޅިގެން އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސަމުން ދާ ކަމަށް އެ އިއުލާނުގައި ވެއެވެ،