ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމުގައި ބޭރުގެ އެކި ގައުމުތަކުން ރާއްޖެއަށް ނުފޫޒު ފޯރުވަން އުޅުނު ކަމަށާއި އެފަދަ އެކި ދައުވަތުތައް ލިބިވަޑައިގެންނެވި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި އެ ކޯލިޝަންގެ ހާއްސަ އެޑްވައިޒަރެއްގެ މަގާމު ވެސް ފުރުއްވާ ރައީސް ވަހީދު ވިދާޅުވީ ޖިއޮގްރަފީ ގޮތުން ރާއްޖެ އޮންނަ ސަރަހައްދުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ބާރުތައް އަބަދުވެސް ރާއްޖެ ބޭނުންވާ ކަމަށެވެ.

ރައީސް ވަހީދުގެ ވެރިކަމުގައި ވެސް ބޭރުގެ އެކި ގައުމުތަކުން ރާއްޖެއަށް ނުފޫޒު ގަދަ ކުރަން މަސައްކަތް ކުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ ކުރު މުއްދަތުގައި ވެސް ރާއްޖެއަށް ގަދަ ކުރަން ބޭނުންވާ ގައުމުތަކުން އެކި ގޮތުން ހުށަހެޅުންތައް ހުށަހެޅި ކަމަށް ވިދާޅުވިއެވެ.

"ދުނިޔޭގެ ގައުމެއްގެ ވަޒީރު ފެންވަރުގެ ބޭފުޅަކު އަޅުގަނޑު ކައިރި ވިދާޅުވީ، ޓީވީއަށް މިއަދު އޭނާއާއެކީ އަރައި އިސްތިއުފާ ދެއްވާކަން އިއުލާން ކުރަައްވަން ހިނގާށޭ،" ދޮޅު އަހަރެއްހާ ދުވަހު ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް ވަހީދަށް ކުރިމަތިވި ހާދިސާއެއް ހިއްސާކުރައްވަމުން ވިދާޅުވިއެވެ.

"އެ ދުވަހު އެ ނުފޫޒަށް އަޅުގަނޑު ތިރިވެ، ޓީވީއަށް އެރިނަމަ ގައުމުގެ މިނިވަން ކަން ގެއްލުނީސް،" ވަކި ގައުމެއްގެ ނަން ހާމަނުކުރަައްވައި ރައީސް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ، ދިވެހި ގައުމަށް ކުރިމަތިވަމުން ދިޔަ ބޭރުގެ ގަދަ ނުފޫޒުތައް ހުއްޓުވާލީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށެވެ. "ބޭރުގެ ބައެއް ގައުމުތަކުން ރައީސް ޔާމީންއަށް ވަރަށް ނަފްރަތު ކުރާނެ، އެއީ އެ ގައުމުތަކުން ބޭނުންވާ ކަންކަން ރާއްޖޭގައި ކުރުމުގެ ފުރުސަތު ރައީސް ޔާމީން ނުދެއްވީތީ،" ރައީސް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ ގައުމުގެ މިނިވަންކަމަށް އަސަރު ކުރާ އެތައް ކަމެއް މި ބަލިމަޑުކަމުގެ ހާލަތުގައި ދިވެހިންގެ ކުރިމަތިން ފެންނަމުންދާ ކަމަށެވެ. މި ކަން ނުހުއްޓުވިއްޖެނަމަ މި ޖީލު ވެގެން ދާނީ އެންމެ ނުކުޅެދޭ ޖީލަށް ކަމަށާއި މި ކަން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަރެސް

    ވަޙީދު ރާއްޖޭގެވެރިކަންކުރެއްވީ ހަމަޖެހިފައިވާގޮތަށް ގަވާޢިދުން ވީމާ، އަޑަށްބާރުލާފައި ބާގީވަހީދު
    ކިތަންމެވަރަކަށްގޮވިއަސް އެކަންގަބޫލެއްނުކުރެވޭނެ ސަބަބުވަރަށްސާފު ގާނޫނުއަސާސީގައިވާގޮތުން
    ކޮންމެފަދަހާލަތެއް މެދުވެރިވެގެންވެސް ވެރިކަމުގައިހުންނަވާ ފަރާތެއްއިސްތިއުފާދެއްވައިފިނަމަ ނާއިބުރައީސް ރައީސްކަމާ ހަވާލުވެލައްވަންޖެހުމާ މައްސަލަތަހުގީގުކުރެއްވި ފަރާތަށްވެސް ބަގާވާ

    23
    3
  2. ޑައެލޯގް

    ވަހީދަށް އަޅުގަޑު ސަޕޯޓް އެބައޮތެވެ. ވަހީދުވިދާޅުވީ ތެދުފުޅެކެވެ. ޔާމީނަށް ހުޅަގުންނާއި އިންޑިޔާ މެދުވެރިކޮށް ރީދޫކުދިންނާއި އަންނި ގައުމު އަޅުވެތިކަމަށް ދީލާލަން ވަރަށް ޕްރެޝަރުކުރިއެވެ. ނަމަވެސް ޔާމީނުގެ ގަޓްކަމުން އެވެރިންވަނީ ފަހަށްޖެހިފައެވެ.