މިއަހަރުގެ ފެބުރުވަރީ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހްޤީގަށް ބޭނުންވާ ހެކި ހުރިކަމަށް ތުހުމަތު ކުރެވިގެން ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ ފޯނު ފުލުހުންނަށް ދެއްކުމަށް އެދުމުން އެކަމަށް އިންކާރު ކުރި މައްސަލައިގައި މަޢުމޫން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޢަދުލުއިންސާފު ޤާޢުމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ އަޑު އެހުމެއް މާދަމާ ހެނދުނަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފިއެވެ.

މަޢުމޫންގެ މައްޗަށް ދައުވާ އުފުލާފައިވާ ޢަދުލުއިންސާފު ޤާޢުމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ އިބްތިދާއީ ފަހު އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ. މި މައްސަލައިގެ ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ވޭތުވެދިޔަ ދެ ހަފްތާގައި ތަކުރާރުކޮށް ކްރިމިނަލް ކޯޓުގައި ތާވަލު ކުރި ނަމަވެސް، އެމަނިކުފާނުގެ ޞިއްޙީ ހާލުކޮޅު ތަން ނުދިނުމުގެ ސަބަބުން އެއްވެސް އަޑުއެހުމެއް ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.

މި މައްސަލައިގައި ދައުލަތުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި، ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށްވެސް ދައުވާ އުފުލާފައިވެއެވެ. އެކު އެކީގައި ކުރިއަށް ގެންދިއުމަށްފަހު މަޢުމޫނުގެ ޞިއްޙީ ހާލުކޮޅު ތަން ނުދިނުމުގެ ސަބަބުން ދެ ފަނޑިޔާރުންގެ ބައި ވަކިން ކުރިއަށް ގެންގޮސް ދެ ފަނޑިޔާރުނގެ ޝަރީއަތުގެ އިބްތިދާޢީ މަރުޚަލާ މިހާރު ނިމިފައެވެ.

އިބްތިދާއީ މަރުހަލާފައި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ސްޕްރީމް ފަނޑިޔާރު ޢަލީ ހަމީދުގެ ފަރާތްޕުޅުން ހުށަހެޅުއްވި ހުރިހާ ހުށަހެޅުމަކަށް ވަކި ވަކިން ބަލައި ނުގަންނަކަން ގާޒީ ހައިލަމް ނިންމަވާފައިވާއިރު، މި މައްސަލަ މަޢުލޫއީ ގޮތެއްގައި ބަލައި ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވިދާނެކަމަށްވެސް ވަނީ ނިންމަވާފައެވެ.

މި މައްސަލައިގެ ކުރީގެ ޝަރީއަތްތަކުގައި ގާޒީ ނިންމަވާފައިވަނީ މަޢުމޫން ޢަބްދުލްޤައްޔޫމްގެ އިބްތިދާޢީ މަރުޚަލާ ވަކިން ނިންމާލުމަށްފަހު ތިން ބޭފުޅުންގެ ޝަރީއަތުގެ މަރުޚަލާ އެކުއެކީގައި ކުރިއަށް ގެންދިއުމަށެވެ.