ރާއްޖޭގެ ބަޖެޓު ޑެފިސިޓް ފޫބައްދަން މި ސަރުކާރުން އުޅެނީ މަނީ ލޯންޑަކޮށް ކަޅު ފައިސާ ހޯދައިގެން ކަމަށް ވިދާޅުވެ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ މައްޗަށް ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ބޮޑު ތުހުމަތެއް މިއަދު ކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށަހެޅި ޕޭމަންޓް ސިސްޓަމާއި ޕޭމެންޓް ހިދުމަތްތަކުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ "ނާގާބިލް ސަރުކާރުން" ބަޖެޓު ޑެފިސިޓް ފޫބައްދަން އުޅެނީ ކަޅު ފައިސާ ދޮވެގެން ކަމަށެވެ. އެ މަސައްކަތުގައި އުޅުއްވަނީ އަމީރު ކަމަށް ވިދާޅުވެ، ޝިޔާމް ވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލިހުން ފާރަވެރިވެ، ބަލަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ޝިޔާމްގެ އެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ނިޒާމީ މައްސަލަ ނަންގަވައި ވިދާޅުވީ ޝިޔާމް އެފަދަ ވާހަކަތައް ވިދާޅުވަމުން ގެންދަވަނީ މަޖިލިހުގެ ގަވައިދާ ކަނޑައެޅިގެން ހިލާފަށް ކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުގައި "އެބޭފުޅުންގެ ރައީސް" އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އޮންނެވީ މަނީ ލޯންޑްރިންކޮށްގެން ޖަލުގައި ކަމަށް ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން އެކަމެއް ނުކުރާނެ. މަޖިލިހުގެ ރައީސްގެ ސަމާލުކަމަށް މި ގެނައީ ގަވައިދާ ހިލާފަށް ސަރުކާރުން މަނީ ލޯންޑްރިން ކުރުމަށް ރާވާ ރޭވުމެއް ކަމަށް މި ބިލަކީ. އެހެން ވިދާޅުވާތީ،" ހެންވޭރު ދެކުނު ދާއިރާގެ މެމްބަރުކަން ކުރައްވާ ހުސެއިން ޝަހީމް ވިދާޅުވިއެވެ.

އެ ވާހަކަތަކާ ގުޅިގެން މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ބިލުން ޑެފިސިޓް ފޫބެއްދުމަށްޓަކައި މަނީ ލޯންޑަ ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އަދި "ބޮޑު ބަހެއް" ވީމަ ބައެއް މެމްބަރުން އެ ބަސްތައް ވިދާޅުވަނީ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

ޝިޔާމް ވިދާޅުވީ ދިވެހި ގައުމުގެ މާލީ މުޝީރުކަން މިއަދު ކުރަނީ އަވައްޓެރި ބޮޑު ގައުމަކުން ކަމަށެވެ. މި ސަރުކާރުން ރާއްޖޭގެ މާލީ އިންޓެލިޖެންސް ދީފައިވަނީ އިންޑިއާ އަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އެހެން ގައުމަކުން ރާއްޖެއަށް އިންވެސްޓެމެންޓެއް ނުގެނެވޭ ކަމަށް ވިދާޅުވިއެވެ.

"އެހެން ގައުމެއްގެ ހެޔޮވަރުގެ ބޮޑު އިންވެސްޓްމަންޓެއް ދެން އަންނާނެ ކަމަށް ދިވެހި ރައްޔިތުން އުންމީދު ވެސް ކުރާނެ ކަމެއް ނެތް،" އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް ކަން ވެސް ކުރައްވާ ޝިޔާމް ވިދާޅުވިއެވެ.

ރާއްޖޭގެ މާލީ އިންޓެލިޖެންސް އިންޑިއާޔާ ހަވާލުކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދިވެހިންގެ ކުރިމަގު މަރާލަން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ ވާހަކައާ ގުޅިގެން ހުސައިން ޝަހީމް ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވީ ޝިޔާމް ދައްކަވަނީ ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. ރާއްޖޭގެ މާލީ ކަންކަން ބޭރު ގައުމެއްގެ އަތްމައްޗަށް ދޫކޮށްލާފައި ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުން މާލީ ކަންކަން ކުރިއަށް ގެންދަނީ މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށެވެ. މިހާރުވެސް ބަޖެޓުން ބޭރުން ހަރަދުތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އާމްދަނީއެއް ރާއްޖެ އަށް ލިބިގެން ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބަޖެޓު ޑެފިސިޓް ފޫބައްދަން އުޅެނީ ކަޅު ފައިސާ އިން ކަމަށް ޝިޔާމް ވިދާޅުވި އިރު، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނި 73.96 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފައެވެ. މި އަހަރުގެ ދެވަނަ ކުއާޓަރު ޖޫން މަހު ނިމުނު އިރު، ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ ޖީޑީޕީއާ އަޅާބަލާއިރު 108 އިންސައްތައިގައެވެ. އެއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ހަ އިންސައްތައިގެ އިތުރުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރާގޮޑިރާޖަ

    ކަޅުފަޢިސާކޭ މީހަކަށްކަޅުފަޢިސާ ރަގަޅަށް އެގޭނީ. ޢަދި ގުދަނުން ނެރެގެން ރަށުބޯޓަށް މުދާ އެރުވިބަޔަކަށް އެރުވި ވަރެޢްވެސް އެގޭނީ.

    6
    12
    • ނަރެލް

      ދޮގެއްނޫން ހަރުމީހުންބުނޭ ވަގުންނަށް ހީވާނޭ ދެންވެސް ތިބޭނި ވަގުންނޭ

  2. އަހްމަދު

    ރައްޔިތުންނައްއެގޭކަމަކީ ލިބޭއެއްޗަކަށްވުރެ ހިގާޚަރަދުބޮޑުވަމުންއަންނަކަން ލޯނުތައްނަގަމުންދާއިރު ތަރައްގީގެއެއްވެސް މަސްރޫއެއްނުހިގާކަން ވޯލްޑްބޭންކުން އިންޒާރުދޭކަން

    10
    3
  3. ޙާލަތު

    އެންޑީޕީ ކުދިންކޮޅަށް ހާދަ ޙަޖަމު ނުވެޔޭ ދޯ!!! އިދިކޮޅަށް ދެތިން ބަހެއް ބުނެލާއިރަށް ބިމުން ކެޓިގެންނޭ ތިޔަދަނީ...

  4. ބްލަޑީއިންޑިއާ

    މިވެރިކަމުގައި އެސްބީއައިއިން ހުރިހާ ލޯނެއް ނެގީ ކިއެއްވެތޭ ސަބަބަކީ އެސްބީއައި އިން ވަނީ އިންޑިއާގެ ފޮރިންގް މިނިސްޓަރަކު ވިދާޅުވެގެން ރައީސް ވަހީދު އިސްތިއުފާ ނުދިނުމުން 10 އަހަރު ދުވަހުން ދައްކަން ޖެހޭ 50 މިލިއަން ޑޮލަރުގެ ލޯން އެއްފަހަރާ އެސްބީއައި އަށް ދައްކަން އެސްބީއައި އިން އެންގީ މިއިން އެގިގެން ދާ އެއްޗަކީ އެމްޑީޕީ ނޫން ޕާރޓީ އަކުން ވެރިކަން ކުރަން ރާއްޖޭގެ ރައްޔިތުންގެ ވޯޓަކުން ނިންމައިފިނަމަ އެސްބީއައިއިން އަންގާނީ 2 ބިލިއަން ޑޮލަރު އެއް ފަހަރާ ދައްކަން އަންގާނެއޭ އެއިރުން ހޮވޭ ޕީޕީއެމް ސަރުކާރަށް...

  5. ގލޅ

    ރާއްޖޭގެ މާލީ ކަންކަން އިންޑިއާ އަތްމައްޗަށް ދޫކޮށްލުމަކީ
    ބިރުވެރި ނުރައްކާތެރި ކަމެކެވެ ރާއްޖޭގެ ސަލާމަތާއި
    ރައްކާތެރި ކަމާގުޅިފައިވާ ކޮންޓްރޯލްތައް ދިވެހިންގެ އަތް
    މަތިން ބީވިއަ ނު ދިނުމަށް ސަރުކާރަށް ގޮވާލަމެވެ.