ރާއްޖޭގައި ގާނޫނުތައް އެކުލަވާލައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގިނަ ގާނޫނީ އޮނިގަނޑުތަކަކީ ބޭރުގެ އެހެން ގައުމުތަކުގެ އެ ގާނޫނީ އޮނިގަނޑެއް ކޮޕީކޮށް ދިވެހި ބަހަށް ތަރުޖަމާ ކޮށްލާފައިވާ އޮނިގަނޑެއް ކަމަށް ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ހުށަހަޅުއްވާފައިވާ ޕޭމަންޓް ސިސްޓަމްގެ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ރާއްޖޭގައި އެކުލަވާލާ ގާނޫނުތައް އޮންނަނީ ރާއްޖޭގެ ހާލަތަށާއި ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ އާދަކާދަތަކަށް ފެތޭ ގޮތަކަށް ނޫން ކަމަށެވެ.

އޭގެ ބަދަލުގައި އެހެން ގައުމެއްގެ ގާނޫނީ އޮނިގަނޑެއް އޮންނަ ގޮތަށް ކޮޕީކޮށްފައި އެ ގާނޫނީ އޮނިގަނޑެއް މަޖިލީހުން ފާސްކޮށްލަނީ ކަމަށް ޖާބިރު ވިދާޅުވިއެވެ. މި ގޮތަށް ބައެއް ގާނޫނުތައް ފާސްކުރާއިރު އެއްވެސް މިންވަރަކަށް ރައްޖޭގައި ދެން އެކުލަވާލާފައި އޮންނަ ގާނޫނުތަކަށް ވެސް ރިއާޔަތް ނުކުރެވޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"އިޓަލީގެ ރޯމްގައި ހުންނަ މީހަކު ހަދާފައި ހުންނަ ކޯޓެއް އަޅުގަނޑަށް ސައިޒް ދިމާ ނުވަނީސް އެ ކޯޓު އަޅުގަނޑު ލީމަ ކަމަކު ނުދާނެ ނޫންތޯ. ގިނައިން މި ރާއްޖޭގައި ގާނޫނުތައް މި އުފަން ކުރެވެނީ ކޮންމެ ވެސް އެހެން ތަނެއްގެ ގާނޫނެއް ކޮޕީކޮށްފައި ނެގޭ ގާނޫނުތައް،" މަޖާޒީ ގޮތެއްގައި ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ފަހަކަށް އައިސް އެކުލަވާލެވޭ ގިނަ ގާނޫނުތައް އޮންނަނީ ވިޔަފާރި ކުރަން ހުރަސް އެޅޭ ގޮތަށް ކަމަށާއި އޭގެ ސަބަބުން ދިވެހި އިގްތިސާދަށް ވެސް ނޭދެވޭ އަސަރު ކުރާ ކަމަށް ޖާބިރު ވިދާޅުވިއެވެ. އެ ގޮތަށް ހިނގަނީ ވެސް އެ ގާނޫނުތައް އެއްވެސް މިންވަރަކަށް ރާއްޖޭގެ ހާލަތަށް ރިއާޔަތް ކުރެވިގެން އެކުލަވާނުލާތީ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒަކީ

    މުޅި އުމުރުގައިވެސް ތިބާ އަށް ބުނެވުނު ހަރު ދަނާ ބަހަކީ ތިޔައީ ، ގާނޫނެއް ހެ ދޭނެ ފެންވަރެއް ހުރި ބަޔަކު ތިޔަ މަޖްލިސްގަ ނުތިބޭ އެހެންވީމަ ވާގޮތް ފެންވަރެއް ހުރިނަމަ ހަމަ ހޭވެރި ކަމެއް ނުހުންނާނެ ،
    ބޭރުން މީހަކު ގެނެސްގެން މައުމޫނު ލިޔުއްވި ގާނޫނު އަސާސީ އަށް ޚާއްޞަ މަޖް ލިސްގަ ކު ދި ކު ދި ބަ ދަލު ތައް ގެނައީ ދެން އަނގަފުރާފަ މި ބުނަނީ ތިމަންމެން ހެ ދި ފެހި ގާނޫނު އަސާސީއެއް

  2. މުހައްމަދު އަންޖުމް

    ބަލަގަ މިހިރަ ރޯނުއެދުރާ ތިމާގެ އަމަލުތައް ޔިޔަހުންނަނީ ވަކި ދިވެހިވަންތަ ނޫނީ އަމިއްލަވަންތަ ގޮތަކަށްތަ ނޫން ހަމަހިލާއެހެންނަކުން ނުވާނެ ހަމަބޭރުގެ ފަރާތްތައް ކޮޕީކޮށްގެން ނޫންތަ އަނގައޮތީމަ ހަމަތަޅުވަނީ ފާޑުފާޑަށް ދެދުވަހަކު އެއްގޮތަކަށް ވާހަކައެއް ދައްކަން އެނގޭ މީހެއްނޫން ތީކީ