ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެކަމުގެ ޔަގީންކަން ނައިބް ރައީސް ނައިބު ފައިޞަލް ނަސީމް ދެއްވައިފިއެވެ.

ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ރިއަރ އެޑްމިރަލް މުޙައްމަދު ނަޒްމުލް ޙަސަން މިއަދު ވަނީ ނައިބް ރައީސް ފައިސަލްއާ ބައްދަލު ކުރައްވާފައެވެ.

ރައީސް އޮފީހުގައި އޮތް މި ބައްދަލުވުމާއި ގުޅޭގޮތުން ވާހަކަދައްކަމުން ރައީސް އޮފީހުން ވިދާޅުވީ، ރާއްޖެއާއި ބަންގްލަދޭޝްއާ ދެ ގައުމުގެ މެދުގައިވާ ބަދަހި ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް ވާހަކަދެކެވިގެން ދިޔަ ކަމަށެވެ. އަދި ބަންގްލަދޭޝް ސަރުކާރުން އެކި ގޮތްގޮތުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ، ބަންގްލަދޭޝް ސަރުކާރާއި ރައްޔިތުންނަށް ނައިބް ރައީސް ވަނީ ޝުކުރު ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން ނައިބު ރައިސް ފައިސަލް ވަނީ ރާއްޖޭގައި ގިނަ ޢަދަދަކަށް ބަންގްލަދޭޝްގެ ރައްޔިތުން ދިރިއުޅެމުންދާކަމަށާއި، ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖޭގެ އެކި ދާއިރާތަކުގައި ގިނަ ގުނަ ހުދުމަތްތަކެއް ކޮށްދެއްވަމުންގެންދަވާކަމުގައި ވިދާޅުވެފައެވެ.

އަދި، ވަނީ ރާއްޖޭގެ ސަރުކާރުން އިސްނަގައިގެން ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން އަލުން އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލުމުގައި ބަންގްލަދޭޝް ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލެއްވުން ވަނީ ފާހަގަކުރައްވާފައެވެ.

ބަންގްލަދޭޝް ގެ ސަފީރު ވަނީ ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ހާލަތުގައި ވެސް ދިވެހި ސަރުކާރުން ރާއްޖޭގައި ދިރިއުޅެމުންދާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ވެދެއްވަމުންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިގެން ގޮސްފައިވާ ކަަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އަދި ގުޅުންތައް އިތުރަށް ހަރުދަނާ ކުރެވިދާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން މަތީ ތައުލީމާއި، ދަނޑުވެރިކަމުގެ ދާއިރާއިން ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފެކްޓް

    ފުރާނައިގެ ރައްކާތދރިކަން އެންމެންނަށްވެސް ލިބިދެވެން ޖެހޭނެ. ނަމަވެސް ކިހިނެއްތޯ ޙައްޤުތައް ޔަޤީންކޮށް ބަލަހައްޓާނީ މާލެ މިއޮތް ޙާލަތުން. ލިބެން އޮންނަ މިނިވަން ކަމުގެ ހައްޤުވެސް ލިބޭނީކީނޫން. ސާފް ނޭވާއެއް ލާން ލިބެނީކީ ނޫން. އަނެއްކޮޅުން ބިދޭސީންގެ މައްސަލަ އެހާބޮޑު. މިކަންކަން ނޫންތޯ ފުރަތަމަކަމަކަށް ހައްލު ހޯދަންވީ!

  2. ވަހީދު

    ބަންގާޅު މީހުންގެ ބަދަލުގައި އިންޑިއާ މީހުން ގެންނަށް ރައީސް ނަޝީދުގެ ވެރިކަމުގައި މަޝްވަރާ ކުރިކަމަށްވޭ.