ދައުލަތުގެ ދަރަނީގެ ހަލާތާ ގުޅިގެން ފިނޭންސް މިނިސްޓްރީއާއި އޮޑިޓާ ޖެނެރަލްގެ އޮފީހާއި އެމްއެމްއޭއިން ހިއްސާ ކުރި މައުލުމާތަށް ރިއާޔަތްކޮށް މަޖިލީހުގެ އިދާރާއިން އެކުލަވާލި މުޅި މަޖިލީހުގެ ކޮމިޓީގެ ރިޕޯޓްގެ ފުރަތަމަ ދެލިކޮޕީ ހުށަހަޅަން ފެށޫމާއެކު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އާއި އެހެން މެންބަރުންނާ ދެމެދު ޒުވާބެއް ކޮށްފިއެވެ.

މުޅި މަޖިލީސް އެއްކޮށްގެން ބޭއްވޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ކޮމިޓީގެ ރިޕޯޓްގެ ފުރަތަމަ ދެލިކޮޕީ އިއްވަން ފެށްޓެވުމާއެކު ނިޒާމީ ނުކުތާ ނަންގަވައި ޝަރީފް އަޑުގަދަ ކުރެއްވިއެވެ. ޝަރީފް ވިދާޅުވަމުން ގެންދެވީ މަޖިލީހުން މަސައްކަތް ކުރަނީ ސަރުކާރު ބަދަނާމު ކުރުމަށް ކަމަށެވެ.

ޝަރީފް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ދިވެހި އިގްތިސާދު ދަށްވެ ދައުލަތުގެ މާލިއްޔަތު ވެސް ދަށްވެފައިވާ ކަމަށާއި އެކަމަކު ފިނޭންސް މިނިސްޓްރީއިން ދަރަނީގެ ކަންކަން ރަނގަޅަށް މެނޭޖް ކުރަމުންދާ ކަމަށެވެ. އެ ގޮތަށް ދަރަނި މެނޭޖް ކުރަމުންދަނިކޮށް މެނޭޖް ނުކުރެވޭ ކަމަށް ދޭހަވާ މޭރުމުން ވާހަކަ ދެއްކުމުން ބައިނަލްއަގްވާމީ މާލީ އިދާރާތަކުގެ ކުރިމަތީގައި ރާއްޖޭގެ މާލީ ވުޒާރާގެ އަގު ވެއްޓި، އިގްތިސާދު އިތުރަާށް ގޮސްވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ރާއްޖޭން ނަގާފައި ހުރި ދަރަނިތައް ނުދެއްކޭނެ ކަަމަށް އާއްމު ފަރާތްތަކާއި ދުނިޔޭގެ ބައިނަލްއަގުވާމީ އިދާރާތަކަށް ދޭހަވާ ގޮތަކަށް މި ތަނުން ވާހަކަ ދެއްކެވި މިކަން ހިނގައްޖެ ނަމަ ދިވެހިރާއްޖޭގެ އިގުތިސާދު މުޅިން ބޮއްސުންލައިގެން ހިނގައިދާނެ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފްގެ ވަހަކަ ފަހުން މެދުކަނޑާލުމަށް ފަހު މަޖިލީހުގެ ރިޕޯޓް ހުށަހެޅުން ކުރިއަށް ގެންދަން މަޖިލީހުގެ އަމީންއާންމަށް ރައީސް ނަޝީދު އެންގެވިއެވެ. އޭގެ ފަހުން ވެސް މަޖިލީހުން މަސައްކަތް ކުރަނީ ހަގީގަތް އޮޅުވާލައި ސަރުކާރު ބަދުނާމު ކުރަން ކަމަށް ވިދާޅުވެ ޝަރީފް އަޑުގަދަ ކުރައްވަމުން ވިދާޅުވިއެވެ.

ޝަރީފްގެ ވާހަކަތަކަށް މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ރައްދު ދެއްވިއެވެ. އީވާ ވިދާޅުވީ މަޖިލީހުގައި ކުރާ މަސައްކަތަކީ ސަރުކާރުގެ މުއައްސަސާތަކައި ވުޒާރާތައް ގުޅިގެން ދަރަނީގެ ކަންކަން ހާމަކުރަން ކުރާ މަސައްކަތެއް ކަމަށެވެ. އޭގައި ދަރަނި އޮޅުވާލައި ހަގީގަތް ފޮރުވަން ކުރާ މަަސައްކަތެއް ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

"އަޅުގަނޑު މި ކަންބޮޑުވަމަކީ މަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މާލިއްޔަތު ކޮމިޓީގައި އިންނަވާފައި، އެ ހިސާބުތައް ބައްލަވާފައި މިއީ ރައްޔިތުން މަޖިލީހުން އޮޅުވައިލަން ވެގެން، މިއީ ރައްޔިތުންނަށް ކަންބޮޑުވާން ކޮށްގެން އުޅޭ ކަމެއް ކަމަށް [ވިދާޅުވާތީ]،" އީވާ ވިދާޅުވިއެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓެ) ވެސް މި ވާހަކައަށް ރައްދު ދެއްވިއެވެ. ހަަސަންޓެ ވިދާޅުވީ މަޖިލީހުން މަސައްކަތް ކުރަމުންދަނީ މަޖިލީހުގެ މައްޗަށް އޮތް މަސްއޫލިއްޔަތެއް އަދާ ކުރުމަށް ކަމަށެވެ. ދައުލަތުގެ ދަރަންޏަށް ވެގެންދާ ގޮތް ސާފުވާން ޖެހޭ ކަމާއި ދައުލަތުގެ ބަޖެޓް އެކުލަވާލަނެވޭނީ ވެސް އޭރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަހުމަދު މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

"އަޅުގަޑު ހިތާމަ ކުރަނީ މަޖިލީހުގައި އެތައް ދުވަހެއް ހޭދަ ކުރެއްވިއިރު ވެސް މަރަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރަކަށް މި ކަންކަން ސާފު ނުވެ އޮތީމަ،" ހަސަންޓެ ވިދާޅުވިއެވެ.

ޝަރީފްގެ ވާހަކައަށް ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވެސް ރައްދު ދެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ފިނޭންސް މިނިސްޓަރު އަމީރުގެ އަގު ވެއްޓޭ ގޮތަށް މަޖިލީހުގައި އެއްވެސް ބޭފުޅަކު މިހާތަނަށް ވާހަކަ ދައްކަވާފައި ނުވާ ކަމަށެވެ. ރިޕޯޓްގައި ވަނީ ވެސް ސަރުކާރުން ދިން މައުލޫމާތުތައް ކަމަށެވެ.

"މި ރިޕޯޓްގައިވާ ހުރިހާ މަފްހޫމްއެއް އެއީ ފިނޭންސް މިނިސްޓަރ ދެއްވާފައިވާ މައުލޫމާތު. ގާނޫނީ ގޮތުން މިނިސްޓަރ ދެއްވަން ޖެހޭ ފައިސާގެ މައުލޫމާތެއް. ދެން މީގައި މަރަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރުގެ ޖަޒުބާތެއް އޮތީ ކޮން ކަމެއް ކަން އަޅުގަނޑަކަށް ވެސް ސާފެއް ނުން،" ރައީސް ނަޝިދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި. --- ފޮޓޯ: މަޖިލިސް

ދަރަނީގެ ރިޕޯޓްގެ ފުރަތަމަ ދެލިކޮޕީ މެންބަރުންނަށް މިއަދު ހަވީރު ދެއްވާނެ ކަމަށްް ރައީސް ނަޝީދު ވިދާޅުވިއެވެ. އެއަށް ފަހު ފުރަތަމަ ދެލިކޮޕީއަށް ބަހުސް ކުރުމަށާއި އިސްލާހުތައް ހުށަހަޅަން މެންބަރުންނަށް ފުރުސަތު ދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭއާއި އޮޑިޓަ ޖެނެރަލްގެ އޮފީހުން ހޯދާފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ އެ ރިޕޯޓްގައިވާ ގޮތުން ދައުލަތުގެ ދަރަނީގެ ޖުމުލަ އަދަދު 172 ބިލިއަން ރުފިޔާއަށް އަރައެވެ. އޭގެ ތެރެއިން ގިނައީ ކުރިއަށް އޮތް ތިން އަހަރު ދައުލަތުން ދައްކަން ޖެހޭ ލޯނާއި ގެރެންޓީއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކައްނެލި އޮޑި

    ދެކޮޅުހަދާ މީހުން ދެކޮޅުހަދާނެއެވެ. އިންކާކުކުރާ މީހުން އިންކާރު ކުރާނެއެވެ. ވިސްނޭމީހުން ވިސްނާނެއެވެ.

    12
  2. މަހާ ރާނީ

    ރައްޔިތުންނަށް ކަންއޮތްގޮތް ސާފުވާންޖެހޭނެ. މަޖިލިސްގެ ރައީސް ތިޔަކުރައްވާ މަސައްކަތް ރަނގަޅު.

    6
    12
  3. ބަކުރުބޭ

    ސަރިފުވެސް އެބުނީ ހަމަ ތެދު ވާހަކައެއް. ވެރިކަމަށް މީހަކު ފެންބޮވައިގެންފައިވާ ވަރުން ވެރިކަމަށް އަންނަން ކޮށްފާނެ ކޮންމެފަދަ ކަމެެއްވެސް. އެހެން ނަމަވެސް ދައުލަތުގެ ހަރަދުތައް އާންމު ރައްޔިތުންނަށް ވެސް އިނގެން ވާނެ.

    18
    2
  4. ސައިމާ

    ދަރަނީގެ ޒިންމާ ނަގަންޖެހޭނީ ސަރުކާރުން،، ދަރަނި ނަގަންޖެހޭވަރު ކަނޑައަޅާނީ ވެސް ސަރުކާރުން..ޤައުމު ހިންގަން ހަވާލުކުރީ އިބޫ އާ.....ރނސ ދ އާ މިޤައުމު ހިންގަން ދިވެހި ރއްޔިތުން ހަވާލެއް ނުކުރޭ....ތިއުޅެނީ 3 ޕާރޓީ ވ ބުރަ މަސައްކަތުން ކާމިޔާބު ކުރި އިންތިހާބު ފޭރި ގަންނަންވެގެން..... ދިވެހިރައްޔިތުން މިޤައުމު ހިންގަން ރ ނަސީ ދު އާ އެކަނި ހަވާލު ނުކުރާނެތީ

    13
  5. ސައިމާ

    ދަރަނީގެ ޒިންމާ ނަގަންޖެހޭނީ ސަރުކާރުން،، ދަރަނި ނަގަންޖެހޭވަރު ކަނޑައަޅާނީ ވެސް ސަރުކާރުން..ޤައުމު ހިންގަން ހަވާލުކުރީ އިބޫ އާ.....ރނސ ދ އާ މިޤައުމު ހިންގަން ދިވެހި ރއްޔިތުން ހަވާލެއް ނުކުރޭ....ތިއުޅެނީ 3 ޕާރޓީ ވ ބުރަ މަސައްކަތުން ކާމިޔާބު ކުރި އިންތިހާބު ފޭރި ގަންނަންވެގެން..... ދިވެހިރައްޔިތުން މިޤައުމު ހިންގަން ރ ނަސީ ދު އާ އެކަނި ހަވާލު ނުކުރާނެތީ%100

    13
    1