މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަށް އަމާޒުކޮށްގެން އިސްލާމީ ތަޢުލީމުގެ ދާއިރާއިން ޔުނިވަރސިޓީ ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށް ހިންގާ ހާއްސަ ޕުރޮގުރާމު އިފްތިތާހްކޮށްފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާހްކޮށްދެެއްވީ ރައީސުޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މި ޕްރޮގުރާމަކީ، އިސްލާމިކް މިނިސްޓްރީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގުޅިގެން ހިންގާ ޕްރޮގުރާމެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ އިމާމުންނާއި މުދިމުންނަށް ހާއްސަކޮށް ހިލޭ ކުރިއަށްގެންދާ މި ޕުރޮގުރާމުގައި ޖުމްލަ 384 ފަރާތުން ބައިވެރިވެއެވެ.

އެ ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ ވަރަށް މަތިވެރި މަސައްކަތެއް ކުރާ ބަޔެއްކަމަށާއި، އެއީ މުޖުތަމައުގެ ގަދަރާއި ލޯތްބާއި އިހުތިރާމު ލިބިފައިވާ ބައެއް ކަމަށެވެ.

އެހެންކަމުން، މުޖުތަމައުގެ ތެރޭގައި ހިނގާ ނޭދެވޭ އަމަލުތައް ހުއްޓުވައި ރަނގަޅުކުރުމާއި، މުޖުތަމައުގެ ފަރުދުންނަށް ރިވެތި އަހުލާގު ދަސްކޮށްދިނުމާއި، ހެޔޮ ކަންތައްތަކަށް ގޮވައިލުމަކީ އެ ބޭފުޅުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްގެ ގޮތުގައި ދެކެންވާނެކަމުގައި ވިދާޅުވިއެވެ.

އަދި، މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުކުރުމުގައި މިހާރަށްވުރެ އިސް ދައުރެއް އަދާކުރުމަށް އެ މަނިކުފާނު އިމާމުންނާއި މުދިމުންނަށް ގޮވާލެއްވިއެވެ.

ނައިބް ރައީސް ފައިސަލް ވަނީ މި ޕްރޮގުރާމުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް އިމާމުންނާއި މުދިމުންނަށް އެ މަނިކުފާނު ގޮވައިލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފެކްޓް

    ޑީގްރީ ފެންވަރަށް ކިޔެވުމަކީ މީހާގެ ޖާހިލުކަން ފިލާ ކަމެއްތޯ! ގިނަވާނީ ވަޒީފާއަށް ކަން ކޮށްލާ މިހުން. ކަންކުރާ ހިއްވާ ކަމަށް އެކަށީގެނވާ ޤާބިލު މީހުން ތަންތަނަށް އިސްކުރަންވީ. މަތީ ފާހެއް އޮތުމަކީ ކަމަށް ޤާބިލުވާ ޝަރުޠަކަށް ވާކަށް ނުޖެހޭ. އަދި ނުވެސް ވާނެ. އެފަދަ މީހުން ކިބައިގައިވާ އަޚުލާޤާއި ޤުރްއާން ތިލާވުރެވޭ ރަނގަޅު މިންވަރަށްވެސް ރިޢާޔަތް ކުރެވެންޖެހޭ. މިހާރުގެ ހާލަތައް ބަލާނަމަ މިއިން މުދިމެއްގެ ކިޔަވާލުން އަޑުއިވުނަސް ބޮލުގަ ތަޅާހެން ހީވާނީ. އަދި ގިނަވާނީ ތިމާ ވަރު މީހަކު ނެތްކަމަށް އުޅޭމީހުން. މިއީ މިނިސްޓްރީން ވިސްނާ ހައްލު ހޯދައިދޭންވީ ކަންކަން. މިހާ އަތުގައި ޑިގްރީ ސެޓްފިކެޓެއް އޮތުމަކުން ފުއްދާލެވިގެން ނުވާނެ.