ކޮވިޑް-19ގެ ސަބަބުން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 106 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 9،989 މީހަކަށް އިންކަމް ސަޕޯޓު އެލަވަންސް ދޫކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކާއި ނޯޕޭ ލީވް ދީފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދިނުމަށް ނިންމާފައި ވަނީ 5000 ރުފިޔާއެވެ.

އިންކަމް ސަޕޯޓު އެލަވަންސް ގިނަ ބަޔަކަށް ދެވޭ ގޮތަށް އެ އެލަވަންސް ދިނުމާއި ގުޅޭ އުސޫލަށް ދާދިފަހުން ވަނީ ބަދަލުވެސް ގެނެސްފައެވެ.

މި ބަދަލުގައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، މިދިޔަ އަހަރުގެ ޑިސެމްބަރު 1 ގެ ފަހުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސް އަށް އެދި ހުށައެޅޭނެ ކަމަށެވެ. މީގެ ކުރިން މި އެލަވެންސް ދިނުމަށް ނިންމާފައިވަނީ މިއަހަރުގެ މާޗް މަހުގެ 1 ވަނަ ދުވަހުގެ ފަހުން ވަޒީފާއަށް އަސަރު ކޮށްފައިވާ ނުވަތަ މުސާރައަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށެވެ.

އިންކަމް ސަޕޯޓް އެލަވަންސް ހޯދުމުގެ ބޭނުމުގައި ދޮގު މައުލޫމާތެއް ދީފިނަމަ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 520 ވަނަ މާއްދާ ނުވަތަ 521 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ ކުށުގެ ދަޢުވާ އުފުލުމަށް ކުރަންޖެހޭ ޖިނާއީ ތަޙުޤީޤު ކުރުމަށް ޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ހުށަހަޅާނެއެވެ.