ރައީސް އޮފީހުގެ ސިޔާސީ އިސް މަގާމުތަކުގެ ބޭފުޅުންގެ މުސާރައަށް މަހެއްގެ މައްޗަށް 1.7 މިލިއަން ރުފިޔާ ހޭދަވާކަން ރައީސް އޮފީހުން ހާމަކޮށްފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުން ލިބިދީފައިވާ ހައްގުގެ ބޭނުންކޮށް ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައާއި އިނާޔަތުގެ މައުލޫމާތު އާންމުކޮށްދިނުމަށް އާންމު ފަރުދެއް ކަމުގައިވާ އައިމަން ލަތީފް އެދިފައިވެއެވެ. އަދި ރައީސް އޮފީހުން އައިމަންއަށް އެ މައުލޫމާތު ހިއްސާ ކޮށްދިނުމުން އޭނާ ވަނީ އެ މައުލޫމާތުތައް އާންމުކޮށްފައެވެ.

އެ މައުލޫމާތުތަކުގައިވާ ގޮތުން ރައީސްއާއި ނައިބު ރައީސްގެ އިތުރން ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރު ބޭފުޅުނަށާއި، ސްޓޭޓް މިނިސްޓަރުގެ ފެންވަރުގެ ބޭފުޅުންނަށާއި ޑެޕިއުޓީ މިނިސްޓަރުގެ ފެންބަރުގެ ބޭފުޅުން ހިމެނޭ ގޮތަށް މި ސިޔާސީ މަގާމުތަކުގެ މުސާރައަށް މަހެއްގެ މައްޗަށް 1.69 މިލިއަން ރުފިޔާ ހޭދަކުރެއެވެ. އެއީ އަހަރެއްގެ މައްޗަށް 20 މިލިއަން ރުފިޔާއެވެ.

ރައީސްއަށް މުސާރައިގެ ގޮތުގައި މަހަކު ލިބިވަޑައިގަންނަވަނީ 100،000 ރުފިޔާއެވެ. ނައިބު ރައީސްއަށް މަހަކު ލިބިވަޑައިގަންނަވަނީ 75،000 ރުފިޔާއެވެ. އެ ދެ ބޭފުޅުންގެ މުސާރައަށް ޖުމުލަ 175،000 ރުފިޔާ މަހަކު ހޭދަކުރެއެވެ. ރައީސް އާއި ނައިބު ރައީސްގެ މުސާރައަކީ ގާނޫނަކުން ކަނޑައަޅާފައިވާ މުސާރައެކެވެ.

ރައީސް އޮފީހުގައި މިނިސްޓަރު ފެންވަރުގެ ހަތް ބޭފުޅަކު ތިއްބަވައެވެ. އެއިން ކޮންމެ ބޭފުޅަކަށް މަހަކު 66،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އެހެންކަމުން އެ ބޭފުޅުންގެ މުސާރައަށް މަހަކު 462،000 ރުފިޔާ ހަރަދު ކުރެއއެވެ.

ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ފެންވަރުގެ 10 ބޭފުޅުން ތިއްބަވައެވެ. އޭގެ ތެރެއިން ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އިބްރާހިމް ހޫދަށް ލިބިވަޑައިގަންނަވަނީ މަހަކު 55،000 ރުފިޔާއެވ. ދެން ތިއްބެވި ކޮންމެ ބޭފުޅަކަށް މަހަކު 48،500 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އެހެންކަމުން އެ ބޭފުޅުންގެ މުސާރައަށް މަހަކު 491،000 ރުފިޔާ ހަަރަދު ކުރެއެވެ.

ރައީސް އޮފީހުގެ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގައި 13 ބޭފުޅުން ތިއްބަވައެވެ. އެއިން ކޮންމެ ބޭފުޅަކަށް މަހަކު 43،000 ރުފިޔާގެ މުސާރައެއް ލިބިވަޑައިގަންނަވައެވެ. އެހެންކަމުން އެ ބޭފުޅުންގެ މުސާރައަށް މަހަކު 559،000 ރުފިޔާ ހަރަދުވެއެވެ.

ރައީސް އޮފީހުގައި މިނިސްޓަރުގެ ފެންވަރާއި ސްޓޭޓް މިނިސްޓަރުގެ ފެންވަރާއި ޑެޕިއުޓީ މިނިސްޓަރުގެ ފެންވަރުގައި 29 ބޭފުޅަކު ސިޔާސީ މަގާމު ފުރުއްވާއިރު، ސިޔާސީ މަގާމުތައް މަދު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެހެންނަމަވެސް މި ސަރުކާރުގައި ވެސް ސިޔާސީ މަގާމުތައް އިތުރު ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރަށްފުށު މާމަ

    ސާބަހޭ👌🏼👏🏻👏🏻 ސަޅި ސަޅި🙄🙄 މިމީހުން ބޮޑު މުސާރަ ނަގައިގެން ތިބޭ އެތައް ބައެއްގެ ވަޒީފާ ގެއްލި މުސާރަ ނުދެވޭ އިރުވެސް😏🙄 ނަމުން ހެޔޮއެދޭ🙄🙄 އަހަރުމެން މިއުޅެނީ އަނގަޔާ އަތާ ދިމާނުވެގެން މިހާރުވެސް😥

    21
  2. ޖަނާޒާ

    މަތިލުއި ސަރުކާރު

    23
  3. ރޯދަ މުބާރިކް

    😂😂😂😂😂! އަ ދި ވަޒީފާ ގިނަކޮށްލަން ފެނޭ!

    14
  4. މަހާ

    އަދި ކުރީގެ ރައީސުންގެ މުސާރައާ އިނާޔަތްތަކަށް ދޭ ވަރު ވެސް ރައްޔިތުންނަށް ސާފުކޮށްދީބަލަ އައިމަން، ލޯބީ،

    4
    1
  5. އަހުމަދު

    ޔާމިން އިރު ގައި އެންމެ 8 މީހުން ސިޔާސީ މަގާމުގައި

  6. އެމަންޖެ

    އަދި ތިވަރު މަދު ކޮއްމެ ބޭފުޅަކައް ތިވަރުން ކިރިޔާ ކަޅެއް ބޯލެވޭނީ.