ކޮވިޑް-19ގެ ސަބަބުން މާލީ ދަތިކަން ކުރިމަތިވެފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްކަކަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް 300 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީ އިން މިއަދު ބުނީ މިމަހުގެ 15 ވަނަ ދުވަހުގެ ގެ ނިޔަލަށް 1،815 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފައިވާ ކަމަށެވެ. 3،745 ފަރާތުން ލޯނަށް އެދި ހުށަހަޅާފައިވީ ނަމަވެސް އެކި ސަބަބުތަކަށްޓަކައި 609 ފަރާތެއްގެ އެޕްލިކޭޝަން ރިޖެކްޓު ކޮށްފައިވާ ކަމަށް ފިނޭންސް އިން ބުންޏެވެ.

އެ ހިސާބުތަކަށް ބަލާއިރު، އެސްޑީއެފްސީ މެދުވެރިކޮށް މިހާތަނަށް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ 229 ވިޔަފާރިއަކަށް 52.7 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިި ވެއެވެ. އަދި ދަތުރުފަތުރުގެ ދާއިރާ އަށް 19.4 މިލިއަން ރުފިޔާ ދޫކުރަން ވަނީ ނިންމާފައެވެ.

އަދި މީގެ އިތުރުން، އަމިއްލަ މަސައްކަތްކުރާ 1،856 މީހަކު ވަނީ ލޯނު އެހީއަށް އެދުނުއިރު އޭގެ ތެރެއިން 621 ފަރާތަކަށް، 18.5 މިލިއަން ރުފިޔާ ދޫކުރަން މިހާތަނަށް ވަނީ ނިންމައިފައެވެ. ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 13 ވިޔަފާރިއަކަށް 2.2 މިލިއަން ރުފިޔާ، ކޮންސްޓްރަކްޝަން ދާއިރާގެ 191 ވިޔަފާރިއަކަށް 54.6 މިލިއަން ރުފިޔާ، މަސްވެރިކަމުގެ ދާއިރާގެ 21 ވިޔަފާރިއަކަށް 4.1 މިލިއަން ރުފިޔާ، މެނުފެކްޗަރިން ނުވަތަ އުފެއްދުންތެރިކަމުގެ ދާއިރާގެ 110 ވިޔަފާރިއަކަށް 18 މިލިއަން ރުފިޔާ ދޭން ވަނީ ނިންމައިފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އެންމެ ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިތުރު ފުރުސަތު ފަހިކޮށްދިނުމަށް "ކޮވިޑް-19 ވިޔަފާރި އެހީ"ގެ ނަމުގައި ފިނޭންސް މިނިސްޓްރީއާ ގުޅިގެން އެސްޑީއެފްސީ އިން ތައާރަފު ކުރި ލޯނު ސްކީމުގެ ދަށުން 500،000 ރުފިޔާ އާއި ހަމައަށް ލޯނު ދޫކުރެއެވެ.