ޅ. ނައިފަރުގައި ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ނުނިމި ލަސްވުމާއި އެ ރަށުގެ މަގުތަކުގައި ހިނގާ ބިނގާވެ އުޅުމަށާއި އުޅަނދުފަހަރުތައް ދުއްވަން ދަތި މިންވަރަށް މަގުތައް ހަލާކުވަމުންދާތީ ގަރާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އެ މަައްސަލަ ހުށަހަޅައިފިއެވެ.

ނައިފަރު ދާއިރާގެ މެންބަރު، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ހުށަހެޅުއްވި ގަރާރުގައި ވަނީ ކުރީގެ ސަރުކާރުގައި އެ މަސައްކަތް ހަވާލު ކުރި ކުންފުންޏާއެކު ގާއިމް ކުރި އެއްބަސްވުން މި އަހަރުގެ ކުރީކޮޅު މިހާރުގެ ސަރުކަރުން އުވާލީ މަސައްކަތުގެ 85 އިންސައްތަ ނިމިފައިވަނިކޮށެވެ.

އޭގެ ފަހުން އެ މަސައްކަތް ކުރިއަށް ނުުގޮސް ހުއްޓިފައިވާ ކަން ޝިޔާމްގެ ގަރާރުގައި ފާހަގަ ކުރެއްވިއެވެ. މި ކަމުގެ ހައްލެއް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ސިޓީއަކުން ދަންނަވާފައިވީ ނަމަވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް ސުވާލު ކުރެވުމުން އެ މަސައްކަތް މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެމްޑަބްލިއުއެސްސީއާ ހަވާލު ކުރި ކަމުގެ މައުލޫމާތު ހިއްސާ ކުރެއްވިކަން ގަރާރުގައި ފާހަގަ ކުރެއްވިއެވެ.

އެކަމަކު އޭގެ ފަހުން ފަސް މަސް ވެގެން ދިޔައިރު ވެސް ނައިފަރުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ފެށިފައި ނުވާ ކަމަށާއި ހިނގާބިނގާވެ އުޅުމަށާއި އުޅަނދު ފަހަރު ދުއްވަން ދަތި މިންވަރަށް މިހާރު ރަށުގެ މަގުތައް ވެސް ހަލާކުވެފައިވާ ކަމަށް ދެ ވަނަ ދައުރަަކަށް މަޖިލީހުގައި ނައިފަރު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ޝިޔާމްގެ ގަރާރުގައިވެއެވެ.

މި މައްސަލާގައި ޝިޔާމް މަޖިލީހަށް ގަރާރެއް ހުށަހެޅުއްވިއިރު، ނައިފަރުގައި ޒުވާނުން އިސް ނަގައިގެން "މަގުތައް އޯކޭއެއް ނޫން" ޝިއާރެއްގައި ވެހިކަލް ބުރެއް ބާއްވައި މަގުތަކުގެ ހާލަތު ވަނީ ރާއްޖޭގެ ސަމާލުކަމަށް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެދުރުކަލޭގެ

    ސުބުޙާނަށްﷲ. ކާމިޔާބު ތަރައްޤީގެ 05 އަހަރު ނިންމާލިއިރު ރާއްޖޭގެ އުތުރުގެ އެންމެ މީހުންގިނަ، އެން ތަރައްޤީ އެއްރަށުގައި ނަރުދަމާނޭޅިތަ އޮތީ؟ ތިކަމުގައި އުޅުއްވި ބޭފުޅަކު ލަދުގެ ކަންފުޅެއްވެސް ނެތީތޯ ތިޔަ ވާހަކަ ދައްކަވަން؟

    2
    3
  2. ޅަބޭ

    ނައިފަރު ކަނޑައް ގަރަގުވިޔަސް ސަރުކާރު އަޅާކަހާވެސް ނުލާނެ. އިގިއްޖޭ؟؟!