މީގެ ދެރޭ ކުރިން އައްޑޫ ސިޓީ ހިތަދޫގައި ދެގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ "ކޮށާލި" މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ދެ ގްރޫޕެއް ދެމެދުގައި ހިންގި މަރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލިއިރު، އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. ށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި އޭނާއަށް ފަރުވާދެމުންދާއިރު، އޭނާގެ ހާލު ސީރިއަސް ނޫން ކަަމަށް އެ ހޮސްޕިޓަލުން އިއްޔެ ބުނެފައި ވެއެވެ.

މަންޒަރު ދުށް ބައެއް މީހުން "ވަގުތަށް" މައުލޫމާތު ދެމުން ބުނީ މާރާމާރީގައި ޒަހަމްވި މީހާގެ ވާތު އަތުގެ ބޮޑުވައި އިނގިލި އާއި ޝަހާދަތް އިނގިލި ބުރިކޮށްލާފައިވާ ކަމަށެވެ. އަދި ކަތިވަޅިއަކުން ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީފައިވާ ކަމަށް ވެސް އެމީހުން ބުންޏެވެ.

"ވަގުތަށް" ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޒުވާނާ އަށް ބޮޑެތި ޒަހަމްތަކެއް ލިބިފައި ހުއްޓެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އައްޑޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީ އާ ގުޅިގެން 25 އަހަރުގެ ދިވެއްސަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އައްޑޫގެ ދެ ރާ ކުރިން ގްރޫޕް މާރާމާރީއެއް ހިނގިއިރު، އިއްޔެ ހެނދުނު މާލޭގައިވެސް ވަނީ ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީ އެއް ހިނގާފައެެވެ.