މަސްވެރިކަން ކުރަން ގޮސް އުޅުނު މީހަކަށް އަނިޔާވެގެން، އެމްއެންޑީއެފް އިން އޭނާއަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާއިން މިއަދު އެހީތެރިކަން ފޯރުކޮށްދީފައި ވަނީ، ހއ.ބާރަށު ކައިރީ ކަންނެލި މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި ފަޅުވެރިއެއްގެ އަތަށް ބުޅި ހެރިގެން ސިއްޙީ އަވަސް ފަރުވާއަށް ބޭނުންވުމާއި ގުޅިގެންނެެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް މިއަދު ހަވީރު 05:40 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް ޙަރަކާތްތެރިވާން ފެށި ކަމަށާއި، މި ހާދިސާގައި އަނިޔާ ވެފައިވަނީ "ކުރަނގި" ދޯނީގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ މީހަކަށް ކަމަށެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއްގައި، އެމީހާ މިރޭގެ ވަގުތެއްގައި ވަނީ ކުޅުދުއްފުއްޓަށް ގެންގޮސްދީފައެވެ.

ހއ. ބާރަށު ކައިރީ މަސްވެރިކަން ކުރަން އުޅުނު "ކުރަނގި" ދޯންޏަކީ ކ.ގާފަރަށް ނިސްބަތްވާ، ދިގުމިނުގައި 91 ފޫޓު ހުރި ދޯންޏެކެވެ. މި ހާދިސާ ހިނގި ދޯނީގައި 21 މީހުން ތިބި ކަމަށް ދޯނީގެ ވެރިފަރާތާއި ޙަވާލާދީ އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު