ކުރީގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލާގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ މަސްހަލަތު އެބަ އޮތް ކަމަށް ތުހުމަތު ކުރައްވައި ބިޝާމް ފަރުދީ ގޮތުން ބައިވެރިވެގެން އުފުލާ ދައުވާތަކަކީ ސައްހަ ދައުވާތަކެއް ނޫން ކަމަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ އެއް މިލިއަން ޑޮލަރު ލޯންޑަ ކުރުމުގައި އެހީތެރިވިކަމަށް ބުނެ ދައުލަތުން އާޒިމާގެ މައްޗަށް މަނީ ލޯންޑަރިންނަށް މަގުފަހިކޮށްދިން ކަމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ. އަދި ހިޔާނާތުގެ ފައިސާ އޮޅުވާލާފައިވާ ކަމަށް ބުނެ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ދައުވާ ވެސް އުފުލިއެވެ.

މި ދެ ދައުވާގެ މައްސަލާގައި ކްރިމިނަލް ކޯޓުން އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޝަރީއަތުގެ އަޑުއެހުމުގައި އާޒިމާ ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތް ހިނގިއިރު އޭނާ ހުންނެވީ ދައުލަތުގެ ވަޒީފާއެއްގައި ނޫން ކަމަށެވެ.

ދައުލަތުގެ އެކި މުއައްސަސާތަކުގެ ވެރިން މެދުވެރިވެގެން ހިނގާފައިވާ އެ ހިޔާނާތް ހިނގިއިރު ރައީސް އޮފީހުގައި ގާނޫނީ ކަންކަން ނިންމަން އޮންނަ އިދާރާ، ލީގަލް އެފެއާޒްގެ އެންމެ އިސް މީހަކަށް ހުންނެވީ ބިޝާމް ކަން އާޒިމާ ފާހަގަކުރެއްވިއެވެ.

މި ގޮތުން އެމްއެމްޕިއާރުސީގެ ހިޔާނާތް ތަހުގީގުކޮށް އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް އެކުލަވާލި ރިޕޯޓް ތަންފީޒު ނުކުރުމާއި އެ ރިޕޯޓް އެކުލަވާފައިވަނިކޮށް އޮޑިޓަ ޖެނެރަލްގެ މަގާމު ގެއްލޭ ގޮތަށް އޮޑިޓް ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހަޅަން ރައީސް އޮފީހުން ގާނޫނީ ލަފާ ދިނުމުގެ މަގާމުގައި ވެސް ހުންނެވީ ބިޝާމް ކަމަށް އާޒިމާ ވިދާޅުވިއެވެ.

މީގެ އިތުރުން ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މޭސްތެރިޔާގެ ގޮތުގައި ބެލެވޭ އަހުމަދު އަދީބަށް ނައިބު ރައީސް ކަމަށް އާދެވޭ ގޮތަށް ގާނޫނު އަސާސީގައި ހިމެނޭ ނައިބު ރައީސުންގެ އުމުރުފުރާގެ މާއްދާއަށް އިސްލަހު ގެނައުމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި އުއްތަމަ ފަނޑިޔާރު ވަކި ވަނެ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ލަފާ ދިނީ ވެސް ބިޝާމް ކަމަށްް އާޒިމާ ވިދާޅުވިއެވެ.

އެހެންކަމުން މި މައްސަލައިގެ ދައުވާތައް އުފުލުމުގެ މަރުހަލާގައި ފަރުދީ ގޮތުން ބައިވެރިވާން ބިޝާމްގެ މަސްލަހަތު ފުށު އަރާ ކަމަށް އާޒިމާ ވިދާޅުވިއެވެ. ޕީޖީގެ މަގާމުގައި ބިޝާމް ހުންނެވުމުގައި މައްސަަލައެއް ނެތް ކަމަށާއި އެކަމަކު ފަރުދީ ގޮތުން އާޒިމާއަށް ދައުވާ ކުރުމުގައި ބައިވެރިވެފއިވާތީ އެ ދައުވާތަކަކީ ސައްހަ ދައުވާއެއް ނޫން ކަމަށް ވިދާޅުވިއެވެ.

އާޒިމާ އިޝާރާތް ކުރެއްވި މަޖިލީހުން ފަސްކޮށްފައިވާ ބިލްތަކަކީ، އަޑު ފެތުރިފައިވާ ގޮތުން ނަމަ، އޭރު އެމްއެމްޕިއާރުސީގެ ހިޔާނާތުގެ ފައިސާ މެދުވެރިކޮށް ފާސްކުރި ބިލްތަކެވެ. ޝަރީއަތުގެ މަޖިލީހުގައި ކުރީގެ ނައިބު ރައީސް އަދީބު ވެސް ވިދާޅުވެފައިވަނީ މަޖިލީހުން ވަކި ގޮތަކަށް ގާނޫނުތަކެއް ގެންނަން އެ ފައިސާ ހޭދަކޮށްފައިވާނެ ކަމަށެވެ.

އާޒިމާގެ ވާހަކައަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ އާޒިމާގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެމްއެމްޕިއާރުސީގެ ހިޔާނާތުގެ މުޅި މައްސަލައަށް ބިނާކޮށް ނޫން ކަމަށެވެ. އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބޮޑު މައްސަލަގާއި ހިމެނޭ ވަކި މައްސަލައެއް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

އެ މައްސަލައަކީ ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ލޯންޑަ ކުރުމުގައި އެހީވި މައްސަލަކަން ފާހަގަކުރައްވައި ދައުލަތުގެ ވަކީލް ވިދާޅުވީ ރައީސް ޔާމީންގެ އެކަުންޓަށް ލޯންޑަ ކުރި ފައިސާގެ މައުލޫމާތު އޮޅުވާލުމުގައި ބިޝާމް ބައިވެރިވި ކަމުގެ އެއްވެސް ދަލީލެއް ދިފާއަށް ފާހަގަކޮށްދެވިފައި ނުވާ ކަމަށެވެ.

އެހެންކަމުން އާޒިމާއަށް ދައުވާ ކުރެވޭ މައްސަލާގައި ބިޝާމްގެ މަސްލަހަތު އޮތް ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލް ފާހަގަކުރެއްވި ނުކުތާތަކަށް އާޒިމާގެ ފަރާތުްން ވެސް ރައްދު ދެއްވިއެވެ. ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ ކަމުގައި ބިޝާމް ދީފައިވާ ލަފާތަކާ ގުޅޭ ހަބަރުތަކުގެ ލިޔެކިއުންތައް ދައްކަވަމުން އާޒިމާ ވިދާޅުވީ ބިޝާމްގެ މައްޗަށް އޭނާ ކުރައްވަނީ ސީރިއަސް ތުހުމަތުތަކެއް ކަމަށެވެ.

އެއީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ މެދުވެރިކޮށް އޭރު ސިޔާސީ ގޮތުން ނިންމި ބޮޑެތި ނިންމުންތަކުގައި ބިޝާމް ބައިވެރިވުމަށް ފަހު، ދެން މުޅި އެ ހިޔާނާތުގެ ތަހުގީގު ސުޕަވައިޒް ކުރެވޭ މަގާމަކަށް ވަޑައިގެން އެ ކަން ކުރި ކަމުގެ ތުހުމަތު ކަމަށް އާޒިމާ ވިދާޅުވިއެވެ.

ދެ ފަރާތުން ފާހަގަކުރި ނުކުތާތަކަށް ފަހު މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތަކުގެ މަރުހަލާ ނިމިފައިވާ ކަމަށާއި ދައުވާތަކާއެކު ކުރިއަށް ދެވޭނެތޯ ނުވަތަ ނޫންތޯ ދެން އޮންނަ އަޑުއެހުމެއްގައި ނިންމާނެ ކަމަށެވެ.

ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ކަމަށް ގާޒީ އިއުލާން ކުރެއްވިއެވެ.

ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ދައުވާ އޭނާގެ މައްޗަށް އުފުލީ، އިސްލާމިކް ބޭންކްގައި އޮންނަ ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު އެމަނިކުފާނާ އޭސީސީއާ ދެމެދު ހެދި އެކްސްކްރޯ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ އޭސީސީއަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށެވެ.

އާޒިމާއަށް މަނީ ލޯންޑަރިންއަށް މަގުފަހިކޮށް ދިން ކަމުގެ ދައުވާ އުފުލީ، އެކްސްކްރޯ އެކައުންޓް އެގްރިމެންޓާ ހިލާފަށް ފައިސާ ޖަމާކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަކި ގޮތަކަށް ލިޔުން ހޯއްދަވައި، އެ ލިޔުން މެދުވެރިކޮށް އެކްސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާގެ އަސްލު އޮޅުވާލައި މަނީ ލޯންޑަ ކުރުމަށް މަގުފަހިކޮށްދިން ކަމުގެ ތުހުމަތުކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލޮލްލޮލް

    ހެހެހެ އެއްކަލަ ފުންނާބު އުސްވެގެން އަނގަވަތަށް ވެއްޓޭ ގާނޫނީ ވަކީލް....

    2
    7
  2. ކާފަބޭ2020

    އެސްއޯއެފް ކުންފުނިންދެފަހަރެއްގެމަތިންޖަމާކުރި ފައިސާއަކީ ކުށްކޮށްގެންހޯދާފަހުރިފައިސާކަމާއި އެފައިސާއަކީ އެމްއެމްޕީއާރުސީގެފައިސާކަން އެއްވެސްފަރާތަކުން ކަނޑައަޅައި ތަހުގީގުންސާބިތުކޮށްދީފިތޯ؟ ވަގަށްނަގައިފައިވާފައިސާއަކަށް ޖަމާކުރިފައިސާވަނީކިހިނެއްތޯ؟ 1 މިލިއަންހުރީ ވަގުއެއްޗެއްކަމަށް ކަނޑައަޅައިފިނަމަ އެފައިސާހޯދޭފަދަގޮތަކަށްނޫންތޯހުރީ !!!

    9
    3
  3. ޅަބޭ

    ތި ދެފޮޓޯ ދޭތެރެއައް ފިރިހެނެއްގެ ފޮޓޯ ވައްޓާލައިފިއްޔާ ވަރައް ސަޅިވާނެ.

    4
    1