ފެނާއި ނަރުދަމާގެ ދާއިރާއިން ކޯސްތައް ފަރުމާކުރުމަށް، އެންވަރަޔަރަންމަންޓް މިނިސްޓްރީ އާއި މޯލްޑިވްސް އިންސްޓިޓިޔުޓް އޮފް ޓެކްނޮލޮޖީ(އެމް.އައި.ޓީ) އާއި މެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

މި ކޯސްތަކަކީ ފެނާއި ނަރުދަމާގެ ދާއިރާއިން ލެވަލް ތިނެއް އަދި ހަތަރެއްގެ ސެޓްފިކެޓް ކޯސްތަކެކެވެ. މި ވެވުނު އެއްބަސްވުމުގެ ދަށުން ބޭނުންވާ ސްޓެންޑަޑް އަދި ކޯސް މެޓީރިއަލް ތައްޔާރުކުރާނެ އެވެ.

އެގޮތުން ފަށަން ތައްޔާރުވެފައިވާ ކޯސްތަކަކީ ޕްލަމިންގ، ސްވަރޭޖް ސިސްޓަމް އޮޕަރޭޝަންސް އެންޑް މެއިންޓެނެންސް، ވޯޓާ ސިސްޓަމް އޮޕަރޭޝަންސް އެންޑް މެއިންޓެނެންސް އަދި ފެން ޓެސްޓްކުރާ ލެބޯޓްރީ ޓެކްނީޝަންސް އެވެ.

މި މަސައްކަތް ކުރިއަށްދާނީ އެ މިނިސްޓްރީ އާއި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ (ޓިވެޓް) އާއި ގުޅިގެންނެވެ.

މިކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަނޑުތަކާއި އެއްގޮތަށް ފަރުމާކުރެވޭ ކޯސްތަކެއްކަމަށްވުމުން، މިއީ މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރާއި ފަންނީ ގާބިލުކަން އިތުރުކުރުމަށް ލިބޭ ފުރުސަތަކަށް ވެގެންދާނެއެވެ.

މި އެއްބަސްވުމުގެ ދަށުން ކޯސްތަކުގެ ސްޓޭންޑަރޑް އެކުލަވާލައި، ކޯސް މެޓީރިއަލްއަސް ތައްޔާރުކުރެވިގެން ދާނެއެވެ. އަދި މި ކޯސްތައް އެކުލަވާލުމަށްފަހު، ފެނާއި ނަރުދަމާގެ ޔޫޓިލިޓީ ޚިދުމަތްދޭ ރަށްތަކަށް ފެނާއި ނަރުދަމާގެ ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ.