ދިވެހިރާއްޖޭގެ ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާރގެ މަޤާމަށް ހ.ވަލަންޖު، މާލެ، ޙުސައިން މުޙައްމަދު ޙަނީފް ޢައްޔަން ކުރައްވައިފިއެވެ.

މި މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވާފައި ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 21-1 ވަނަ މާއްދާގެ (ރ) ގެ 8 ވަނަ ނަންބަރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް މަތިކޮށްފައިވާ ޒިންމާގެ ދަށުންނެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގައި ބޭއްވި ރަސްމިއްޔާތެއްގައި ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާރގެ މަޤާމަށް ޙަނީފް ޢައްޔަން ކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާޢިޝަތު ރިޒްނާ އެވެ.

ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާރގެ މަޤާމަށް އައްޔަން ކުރެއްވި، ޙުސައިން ޝަރުޢީ ދާއިރާގައި ފުރަތަމަ މަސައްކަތް ކުރައްވަން ފެއްޓެވީ 24 ޖެނުއަރީ 2019 ވަނަ ދުވަހުއެވެ.

އެއިރު އޭނާ މަސައްކަތް ކުރެއްވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް ލީގަލް އޮފިސަރެއްގެ މަޤާމުގައެވެ.

އެއަށްފަހު 06 ނޮވެމްބަރ 2019 ގައި ލީގަލް މަޤާމުތަކުގެ އޮނިގަނޑަށް ގެނެވުނު އިސްލާހާއި ގުޅިގެން ލީގަލް އޮފިސަރަކަށް ބަދަލުވެގެން ދިޔައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހަށްފަހު މީގެ ކުރިންވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާރގެ މަޤާމަށް ސ. ހުޅުދޫ، ރަތްވިލާގެ ރަޢުފާ ޙައިދަރު އައްޔަން ކުރައްވާފައެވެ.

އަދި އެއަށްފަހު މި އަހަރުގެ ފެބްރުއަރީ މަސް ތެރޭގައި ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާރގެ މަޤާމަށް ފައިސަލް އާދަމް އައްޔަންކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިރާސާ

    ހަނީފަކީ ފަނޑިޔާރުންނަށް ވުރެ މަ ތީގައި އުޅުއްވާނެ ބޭފުޅެއް.. ޑިޕާޓުމަންޓުގައި މަސައްކަތްކަތް ކުރި އިރު ވެސް މެޖިސްޓްރޭޓުންނަށް އަމުރު މައުރޫފު ހިންގަނީ ހަނީފް..