އަރަބި ބައެއް ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ނަން-ރެޒިޑެންޓް ސަފީރުންނާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ވަރޗުއަލްކޮށް ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރ މިއަދު ބައްދަލުކުރައްވާފައިވަނީ އުރުދުން، ކުވައިތު، ފަލަސްތީން އަދި ޔަމަނުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި، އޮމާންއަށް ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން އާއެވެ.

އަރަބި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާ މިނިސްޓަރ ޝާހިދު ބައްދަލު ކުރެއްވުން

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ މިހާރުގެ ހާލަތާއި ބެހޭ މައުލޫމާތު ސަފީރުންނާއި ހިއްސާކުރައްވައި، އެގައުމުތަކުގެ ޙާލަތާއި ބެހޭ މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި އެގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމާއި، ބައިނަލްއަގްވާމީ މުޖްތަމައުގައި އެކުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

އަދި ކޮވިޑް-19 އާއި ގުޅިގެން ޤައުމުތަކުން ރާއްޖެއަށް ލިބެމުންދާ އެއްބާރުލުމަށް އެޤައުމުތަކަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

އަރަބި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާ މިނިސްޓަރ ޝާހިދު ބައްދަލު ކުރެއްވުން

މިއަދުގެ ބައްދަލުވުމަކީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިސްނެންގެވުމަކަށް، އެކި ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ފޮރިން މިނިސްޓްރީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު މިފަދަ ދެވަނަ ބައްދަލުވުމެކެވެ.

ނިމިދިޔަ ހަފްތާގައި މިނިސްޓަރ ޝާހިދު ވަނީ އިރުމަތީ އޭޝިއާގެ ބައެއް ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއެކުވެސް މިފަދަ ބައްދަލުވުމެއް ބާއްވަވާފައެވެ.