ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލު ކުރި މައްސަލައިގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން 11 ބޭފުޅެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި މައްސަލަ އަނބުރާ ފޮނުވާލާފައި ވަނީ އިއްޔެއެވެ.

އެ މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ. މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އޭސީސީ އާއި ޕީޖީ އާއި ދެމެދު މިކަމާއި މެދު ވަނީ ޚިޔާލު ތަފާތުވެ ބަހުސްކޮށްފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އެ ކޮމިޓީގައި ވިދާޅުވީ އޭސީސީން އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވީ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ ފުރިހަމަ ނުކޮށް ކަމަށާއި، ޑިއުޓީ ޕްރޮސިކިއުޝަންއާ ގުޅޭ ތިން ބައްދަލު ވުން އޭސީސީއާ އެކު ބޭއްވުމުން ވެސް އެ މަރުހަލާ ފުރިހަމަ ކޮށްފައި ނުވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ އެ މައްސަލައިގައި ދައުވާ ކުރެވެން ނެތް ކަމަށް ނިންމީ ވަރަށް ރަނގަޅަށް ދިރާސާކުރުމަށް ފަހުގައިކަމަށެވެ.

"އަޅުގަނޑުމެން ހުރިހާ ލިޔެކިޔުމެއް ދިރާސާކޮށް ބެލިން. 12 ތުހުމަތެއްގެ މައްޗަށް އޭސީސިގެ ރިޕޯޓް ބިނާ ކުރައްވާފަ އޮތީ. އޭގެ ތެރެއިން މިނިސްޓަރގެ މައްޗަށް ކުރައްވާފައި އޮތީ ތިން ތުހުމަތެއް. އެއީ ތުހުމަތު 6، އެއީ މައިގަނޑުކޮށް ކުރި ތުހުމަތަކީ. އެއްކަމަކީ ބިޑް ކޮމިޓީގެ ކޯރަމް ހަމަނުވާތީ އެތަނަށް ދާން ބާރު އެޅުން. އަޅުގަނޑު މިދަންނަވަނީ މިނިސްޓަރގެ ޒިންމާއެކޭ ބިޑް ކޮމިޓީގައި ހިމެނޭ ބަަޔަކު ނުދިއުމުން ބާރުއެޅުއްވުމަކީ. ދެވަނަކަމަކީ ކުންފުނީގެ ނަން ސަޖެސްޓް ކުރުން. ބިޑް ކޮމިޓީގެ ޒިންމާއެއް އެބަ އޮވޭ. އަދި މިނިސްޓަރ ނޫން ކޮންމެ މީހަކު ބެލިއަސް. އެހެންވީމަ އެވެސް ދައުވާ ކުރެވޭ ސަބަބެއް ނޫން. 3 ވަނަ ކަމަކީ ވަރަށް ގިނައިން ގުޅާފަ އަޕްޑޭޓް ހޯއްދެވިކަމަށް." އޭނާ ވިދާޅުވިއެވެ.

އޭގެ ތެރެއިން އެއްވެސް ސަބަބަކީ ދައުވާ ކުރެވޭނެ ކަމެއް ކަމަށް ނުބެލެވޭ ކަމަށް ޕީޖީ ވިދާޅުވިއެވެ. އެހެންނަމަވެސް ވެންޓިލޭޓަރު ހޯދުމުގައި އިދާރީކަންކަން އެއަށް ވުރެ ރަނގަޅަށް ކުރެވިދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ. މީގެ އިތުރުން އޭސީސީން މައްސަލަ އަވަސް އަރުވާލައިގެން ތަހުގީގު ކުރި ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމީމްގެ އެ ވާހަކަތަކާއި ގުޅިގެން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާ ފުރިހަމަ ކުރުމަކީ ގާނޫނުން ލާޒިމު ކުރާ ކަމެއް ނޫންކަމަށާއި، އެކަމުގެ ސަބަބުން ތަހުގީގު މަރުހަލާ ދިގުލައިގެންދާ ކަމަށެވެ.

އަދި އެ މައްސަލައިގައި މައުލޫމާތެއް ހޯދުމަށް ޕީޖީ އޮފީހަށް ފޮނުވުމުން ޖަވާބެއް ނުލިބި ދެ ހަފުތާ މަޑު ކުރަން ޖެހުނު ކަމަށް ވެސް ޝިއުނާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އެ މައްސަލާގައި އޭސީސީމް އަވަސް އަރުވާލާ، ފެންވަރު ދަށް ތަހުގީގެއް ކުރި ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވާ ޝިއުނާ ވިދާޅުވީ އެ މައްސަލައިގައި ފަރުވާކުޑަކޮށްފައި ނުވާނެ ކަމަށެވެ. އަދި އެ މައްސަަލައިގައި ދައުވާ ކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ކޮމިޝަނުން ގަބޫލު ކުރައްވާ ކަމަށް ޝިއުނާ ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

ޝިއުނާ އިތުރަށް ވިދާޅުވީ އެ މައްސަލަ ދައުވާކުރަން ފޮނުވާފައިވަނީ ޕީޖީގެ ވަކީލުން ފާހަގަކުރި ބައެއް ކަންތައްތައް ބަދަލުކޮށް އިސްލާހުކޮށްގެން ކަމަށެވެ.

މިއަދު ކޮމިޓީގައި އެ މައްސަލައިގައި އަލުން ދައުވާ ކުރާނެތޯ އާއި އެ ކަން ކިހާ އަވަހަކަށް ކުރާނެތޯ މެމްބަރުން ވަނީ އޭސީސީ އާއި ސުވާލު ކުރައްވާފައެވެެ. އެހެންނަމަވެސް އެ މައްސަލަ އާއި މެދު އަމަލުކުރާނެ ވަކި ގޮތެއް އަދި ދަންނަވަން ނޭނގޭ ކަަމަށް ޝިއުނާ ވިދާޅުވިއެެވެ.

" އެއްވެސް ގޮތަކަށް ނުއިންނާނެ ބުނެފައި އިތުރަށް ތަހުގީގު ކުރަނީއޭ. މިވަގުތު ދަންނަވަން ދަތި ކުރިއަށް ދާނެ ގޮތެއް. ޕީޖީ އިން ފާހަގަކުރެއްވި ކަންތައް ބަލާނަން. ދެން ލިޔުމުންވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ކަންކަން އަންގާނަން. ބައްދަލުވުމެއްވެސް ބާއްވާނަން" އޭނާ ވިދާޅުވިއެވެ.

އޭސީސީއަށް ހުށަހެޅި ތަހުގީގު ކުރަން ފެށުމަށް ފަހުގައި އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ތަހުގީގު ނިންމައި ދައުވާ ކުރަން ފޮނުވި މައްސަލައަކަށް މި މައްސަލަ ވާނެ ކަމަށް މިދިޔަ ހަފްތާގައި މަޖިލީހުގައި އެ ކޮމިޝަނުން ވަނީ ފާހަގަކުރައްވާފައެވެ.

އެ މައްސަލަ އަކީ އެ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން މި އަހަރުގެ އޭޕްރީލް މަހު ބަލަން ފެށި މައްސަލައަކަށް ވާއިރު، އެ މައްސަލަ ހަމަސް ދުވަހުގެ ތެރޭގައި ތަހުގީގުކޮށް ނިންމާލިކަން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވަނީ ފާހަގަކުރައްވާފައެވެ.

އޭސީސީއިން ޕީޖީ އަށް ދައުވާ ކުރަން ފޮނުވި މައްސަލައިގައި 11 މީހަކަށް ދައުވާ ކޮށްދޭން އެދުނުއިރު، އޭގެ ތެރޭގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީންއާއި ބިޑް ކޮމިޓީގެ މެންބަރުން ހިމެނެއެވެ. ބިޑް ކޮމިޓީގައި މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ނިޝާމާ މުހައްމަދު އާއި، ޑެޕިއުޓީ މިނިސްޓަރ ޝިޔާމާ މުހައްމަދު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަބްދޫ

    މިލިއުމުގަ ބުނާގޮތުން އަމީނު ހުރީ ވާޖިބު އަދާކޮށްފަ.

    2
    4
  2. އަބްދޫ

    ތަޖްރިބާނެތް ކުޑަކުދިންއުޅެގެން ބޯވަ ވެސް ނުނެގޭނެ.

    3
    2
  3. ލޫޓުވާ

    މިނިވަންމުއައްސަސާތުގެ ބާރު ކެނޑިއްޖެ.

  4. ކަމަނަ

    ދިވެހި ރައްޔިތުންގެ ނޭވާހޮޅިން ވައްކަންކުރި ވެންޓިލޭޓަރ ވަގުން ކޮބާ..!!