ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު، ޔޫތު މިނިސްޓްރީން ޒުވާނުންނަށް އަމާޒުކޮށް ކުރި މަސައްކަތްތަކާ ކުރަމުންދާ މަސައްކަތްތަކާ މެދުގައި ހިތްހަމަޖެހުން ބޮޑު ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖްގައި މަހްލޫފް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ދަށުން އެކިއެކި ވުޒާރާތައް ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެތައް ހާސް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އުފެދިފައިވާ ކަމަށެވެ. ކުޅިވަރު ކުރިއަރުވައި އެހެން ހަރުފަތަކަށް ގެންދިއުމަށް ދިވެހި ތާރީހުގައި ވެސް ދައުލަތުގެ ބަޖެޓުން ހަރަދު ނުކުރާ ވަރަށް ކުޅިވަރަށް ހަރަދުކޮށްފައިވާ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

އަދި ކުޅިވަރު ކުޅުންތެރިންނަށް ހާއްސަކޮށް ފެސިލިޓީތައް ގާއިމުކޮށް، ކުޅުންތެރިންނަށް ރަނގަޅު ތަމްރީންދީ ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބާއްވައި، ރާއްޖެ އަށް ރަންވަނަތަކެއް ހޯދައި ޒުވާނުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައި ކަމަށް މަހްލޫފް ވިދާޅުވިއެވެ. ރާއްޖޭގެ ތާރީޚުގައިވެސް މީގެ ކުރިން މަތީ ތައުލީމަށް ހާސިލުކުރުމަށް ޒުވާނުންނަށް ފުރުސަތު ފަހިކޮށްދީފައި ނުވާ މިންވަރަށް އެ ފުރުސަތުވެސް ފަހިކޮށްދީފައިވާކަމަށް ވިދާޅުވިއެވެ.

"އަންހެން އަދި ފިރިހެން ޖިންސީ ތަފާތު ނައްތާލައި، ގައުމީ އެތުލީޓުންނަށް ދޭ މުސާރަ އާއި އިނާމް ފައިސާ އަށް ވަނީ ގިނަ ހެޔޮ ބަދަލުތަކެއް ގެނެވިފައި. މަސްތުވާތަކެތީގެ ވަބާ އިން ޒުވާނުން ސަލާމަތްކޮށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ޒުވާނުންނަށް ބާރު އެޅުމުގެ ގޮތުން ތަފާތު އެކި ޕްރޮގްރާމްތައް ވަނީ ހިންގިފައި. ފަންނުވެރި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށް ދިނުމަށް މަސައްކަތްތަކެއް ވަނީ ފެށިފައި،" މަހްލޫފް ވިދާޅުވިއެވެ.

މީގެއިތުރުން ސަރުކާރުން ހިންގަމުން އަންނަ ޕީއެސްއައިޕީ މަޝްރޫއުގެ ތެރެއިން ސާޅީހަކަށް އިންސައްތަ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމީ އުފަލާ އެކީގައި ފާހަގަ ކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ވޭތުވެދިޔަ ދިޔަ އަހަރުތަކާ އަޅާ ބަލާ އިރު، ގިނަ ކަންތައްތަކެއް ކުރެވި ކާމީޔާބީތަކެއް ހާސިލް ކުރެވިފައިވާ ކަމީ މިއަދު ފެންނަން އޮތް ހަގީގަތެއް ކަމަށް ވެސް މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.

"ނަމަވެސް ދުވެލި އިތުރަށް ބާރުކޮށް މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް އިސްލާހު ކުރަން ޖެހޭ ކަންތައްތަކެއް ހުރި ކަން އަޅުގަނޑު ގަބޫލު ކުރަން. އެކަންކަން ކުރާނެ ކަމުގެ ޔަގީންކަން ރާއްޖޭގެ އެންމެހައި ޒުވާނުންނަށް އަޅުގަނޑު އަރުވަން،" މަހްލޫފް ވިދާޅުވިއެވެ.

ޒުވާނުންނަށް ކަންކަމުގައި ހިޔާލު ފާޅުކޮށް މިނިވަންކަމާއެކު ބިރެއް ނެތި ބަސްބުނުމުގެ ފުރުސަތު ރާއްޖޭގައި އެބައޮތް ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ކަންކަން ރަނގަޅުކޮށް އިސްލާހު ކުރުމަށް ޒުވާނުންގެ ހިޔާލާއި މަޝްވަރާ އާއި ފާޑު ކިއުންތައް ބަލައިގަންނާނެ ކަމަށެވެ. އަދި ހިޔާލު ފާޅުކުރުމުގައި ކަންކަމުގެ ހައްލު ދައްކައިދިނުމަށް ވެސް މަހްލޫފް ވަނީ ޒުވާނުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި ޒުވާނުންގެ ދުވަހާ ކުރިމަތިލާ އިރު، ދުނިޔެ އާއި ރާއްޖެ މިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އެތައް ގޮންޖެހުމަކާ ކުރިމަތިލާން މަޖުބޫރުވެފައެވެ. މި ދަތި އުނދަގޫ ވަގުތުގައި އާއިލާއާ ދުރުގައި އެންމެ އިސް ސަފުގައި މަސައްކަތް ކުރަމުންދާ ބަޔަކީ ދިވެހި ޒުވާނުން ކަމަށް މަހްލޫފް ވިދާޅުވިއެވެ. އަދި މިއަދު ފެނިގެން މިދަނީ ޒުވާނުން ފުރާނަ އަތްމައްޗަށް ލައިގެން ކުރަމުން ގެންދާ ވަރުގަދަ ގުރުބާނީ ކަން ފާހަގަ ކުރައްވައި މަހްލޫފް ވަނީ ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރާ ހުރިހާ ޒުވާނުންނަށް ޝުކުރު އަދާ ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ސިދާތާގެ ބެޑްސީޓް

  ކޮންކަމެ ކޮށްދީގެންތަ ތިޔައުޅެނީ ހިތްހަމަ ޖެހިގެން އެއްވެސް ކަމެއްނުކުރޭ ހަމަ ފޮނި ކަނޑަނީ

  14
 2. މަބޭ

  މަހްލޫފް ދެންރަންގަޅުވާނީ އާޓިފިސަލްބީޗް ނޫނީ ރަސްފަންނުގަ މީހުނައް ވާހަކަކިޔާދޭން އިނީއްޔާ

  13
 3. ހުސޭނުބޭ

  އެމްއެމްޕީއާރުސީގެ ޑޮލަރުކޮޅުން ބައެއް ޒުވާނުންނަށްވެސް ދެއްވީތޯ! ދެއްވިަނަމަ އެ ދެއްވީ ޞަދަޤާތުގެ ގޮތުގައިތޯ!

  11
 4. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

  ޖަނަވާރުން ކޮންކަމެއް އަހަރުމެން ޒުވާނުނަށް ކޮށްދިނީ .އެކްސެލް ދަޅެއް ބޯލަފާނެތީ އެވެސް އަގުބޮޑުކުރީ.. ލަދެއް ހަޔާތެއް ނުހުންނާތީ ތިމަންނަމެން ކަންތައް ކޮށްދިނީމޭ ކިޔައިގެން ފޮނިކަނޑަނީވެސް