އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އަށް ފިޔަވަޅު އެޅުމަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ނިންމައިފިއެވެ.

ހަޔާ އެޑިއުކޭޝަނުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ އޭއޭއޭއިން ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލަ ދަރިވަރުންނާއި، ދަރިވަރުންގެ ބެލެނިވެރިންނާއި އެ އެކަޑަމީގެ ސޫޓެންޑްޓް ޔޫނިއަންގެ ފަރާތުން އެ މިނިސްޓްރީއަށް ހިއްސާ ކޮށްފައިވާ ކަމަށެވެ.

އޭއޭއޭ އަކީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށް، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ދަށުން އޮޕަރޭޝަންސް ރެގިއުލޭތް ކުރާ އެކަޑަމީއެކެވެ. އެހެން ކަމުން ކަންބޮޑުވުންތައް ހުށަހެޅި ވަގުތުން ފެށިގެން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށްވެސް އެކަން އަންގާފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ހަޔާ އެޑިއުކޭޝަނުން މިގޮތަށް ނިންމީ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެ އެކަޑަމީ އޮޑިޓްކުރުމަށްފަހު 2019 ވަނަ އަހަރުގެ އޭޕްރިލް މަހު އަދި މިއަހަރުގެ އޮކްޓޯބަރު މަހުވެސް ފާހަގަކޮށްފައިވާ ކަންކަމަކީ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަންކަން ކަމަށްވާތީ، އަދި 2019 ވަނަ އަހަރުގެ އޭޕްރިލްއިން ފެށިގެން މިއަހަރުގެ އޮކްޓޯބަރާއި ދެމެދުވެސް މިކަންކަން ރަނގަޅުކުރުމަށް އެދެވޭ މިންވަރަށް މަސައްކަތްކޮށްފައި ނުވާތީއެވެ.

މިނިސްޓްރީން އޭއޭއޭއަށް އަޅަން ނިންމާފައިވަނީ ކޮން ފިޔަވަޅެއް ކަން ހާމަ ކޮށްފައި ނުވީ ނަމަވެސް ބަޔާނުގައި ބުނެފައިވަނީ "ކަމާގުޅޭ އިދާރާތަކުގެ މަޝްވަރާއާއިއެކު، ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދާއި އެއްގޮތަށް އެކަޑަމީއަށް ފިޔަވަޅުއަޅަން ނިންމަމެވެ" މިފަދައިންނެވެ.

"ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރުމުގައި ހުރި ގޮންޖެހުންތަކަށް ފުރިހަމަ ހައްލެއް ލިބިފައިނުވާތީ، މިނިސްޓްރީގެ މަތީ ތައުލީމާއި ތަމުރީނުގެ ލޯނު ފުރުސަތުގެ ދަށުން މިވަގުތު އޭޝިއަން އެކަޑަމީގައި ކިޔަވާ 96 ދަރިވަރުންގެވެސް ލޯނު އަނބުރާ ދައްކަން ފެށުމުގެ މުއްދަތު، ކޯސް ނިންމޭ މުއްދަތަށް ހެކި ލިބޭނެ ލިޔެކިޔުން ދަރިވަރުން ހުށަހެޅުމުން، ކޯސް ނިންމޭ ތާރީޚަކުން ފެށިގެން ހަ މަސްދުވަހަށް މިހާރުވާނީ އިތުރުކޮށްދީފައެވެ" މިނިސްޓްރީން ބުނެއެވެ.

މިވަގުތު މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު ފުރުސަތުގައި ކިޔަވަމުންދާ ދަރިވަރުންނާއި، އަމިއްލަ ހަރަދުގައި ކިޔަވަމުންދާ ގިނަ ދަރިވަރުންތަކެއްވެސް ހިމެނޭތީ، އެ ދަރިވަރުންގެ ހައްގު ރައްކާތެރިކުރުމުގެ ގޮތުންވެސް މިއަދުން ފެށިގެން މަސައްކަތު 20 ދުވަހުގެ ތެރޭގައި މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު ފުރުސަތުގައި އެ އެކަޑަމީގައި ކިޔަވަމުންދާ 96 ދަރިވަރުންނާއި، އަމިއްލަ ހަރަދުގައި ކިޔަވަމުންދާ ދަރިވަރުންގެވެސް ކޯސް ނިންމުމަށް އިންޑިވިޖިއުލް އެޑިއުކޭޝަން ޕްލޭންއެއް ހެދުމަށްފަހު އެ މިނިސްޓްރީއަށް ހުށަހަޅާ، އެ މިނިސްޓްރީއިން އެ ޕްލޭން ތަންފީޒުކުރުމާއި ގުޅޭ ހުއްދަ ހޯދައިގެން ކުރިއަށް ގެންދިއުމަށް އަންގާފައިވާނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ އޭއޭއޭ އިން ހުށަހަޅާ ޕްލޭންއެއް ކުރިއަށް ގެންދިއުމުގައި ކަމާގުޅޭ އިދާރާތަކާއި މަޝްވަރާ ކުރެވޭނެ ކަމަށާއި އެ ޕްލޭންއާއި އެއްގޮތަށް އަމަލުކޮށް، ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރެވެންދެން، އިތުރު ދަރިވަރުން އެކަޑަމީގައި އެންރޯލްނުކުރެވޭނެކަންވެސް އެ ސްކޫލަށް އަންގާފައިވާނެ ކަމަށެވެ.

އަދި ސިވިލް އޭވިއޭޝަނުން އޮކްޓޯބަރު މަހު ފުރިހަމަ ކުރި އޮޑިޓަށްފަހު ހުށަހަޅާފައިވާގޮތަށް ހަފްތާއަކު ތިން ދުވަހުގެ ބަދަލުގައި ފަސް ދުވަހަށް އޮޕަރޭޝަންސް ބަދަލުކުރުމަށާއި، އަދި ދެފުށް ފެންނަ ގޮތަށް، ދުރާލާ ޝެޑިއުލްތައް ތާވަލްކޮށް ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދަން ފަސޭހަވާނެހެން ތަމްރީނާއި އިމްތިހާނުގައި ބައިވެރިވުމުގެ މަގުފަހުކޮށްދިނުމަށާއި، އެއްވެސް އެއަރކްރާފްޓަކަށް މައްސަލައެއް ދިމާވެފައިވާނަމަ، އެކަމެއް އަވަހަށް ހައްލުކޮށް، ނުވަތަ ދަރިވަރުންގެ އަތުން ނެގޭ ފީ އިތުރު ނުވާނެހެން، ގަވާއިދުތަކުގެ ތެރެއިން އެހެން އެއަރކްރާފްޓެއް ބޭނުންކޮށްގެން ނަމަވެސް، ދަރިވަރުންގެ ކިޔެވުމަށް ބުރުއެއް ނާންނަގޮތަށް ކުރިއަށްގެންދިއުމަށްވެސް އެމިނިސްޓްރީން ވަނީ ސްކޫލަށް އަންގާފައެވެ. އަދި އެކަޑަމީއިން ދަރިވަރުންގެ އަތުން ފީ ނަގަމުންދަނީ ބޭރު ފައިސާއިން ކަމުގައިވާތީ، އެއީ މަނިޓަރީ ގަވާއިދާއި ހިލާފުކަމަށްވާތީ، އެކަންވެސް ނުކުރުމަށް އޭއޭއޭއަށް ވަނީ އަންގާފައެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނަކީ މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ ބަލަދުވެރި ފަރާތްކަމުން، ކިޔަވަމުން އަންނަ އެއްވެސް ދަރިވަރެއްގެ ހައްގެއް ގެއްލުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެހެންކަމުން ޒިންމާދާރުކަމާއިއެކު މި ދަރިވަރުންގެ ޕްރޮގްރާމް ފުރިހަމަ ކޮށްދިނުމާއި، ޕްރޮގްރާމްގެ ފެންވަރު ހިފެހެއްޓުމަށް އެ އެކަޑަމީއަށް އަންގާފައިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.