ކޮންމެ އަހަރަކު މިދުވަސްވަރުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަކުރާއިރު، ވަރަށް ގިނަ ފަރާތްތަކުން މިފަދަ ދޫނި ހިފާ، ހައްޔަރުކޮށް ދޫންޏަށް ގޯނާކުރަމުންތީ ފިޔަވަޅު އަޅާނެކަން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ހަނދާންކޮށްދީފިއެވެ.

އީޕީއޭ އިން މިއަދު ބުނީ، މިގޮތަށް ހިޖުރަކުރާ ދޫންޏަކީ "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު" (ޤާނޫނު ނަންބަރު:4/93) ގެ ދަށުން ހެދިފައިވާ "ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: 2014/R-169) ގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫނިތައް ކަމަށެވެ.

މިގޮތުން، ފުޓްބޯޅަ ދަނޑުތަކުގައިއާއި، ހާމައަށް ހުންނަ ބިންތަކުގައާއި ހިއްކާފައިވާ ބިންތަކުގައި މަޅިފައްޗާއި ދަންތުރައާއި އެކި އާލާތްތައް ބޭނުންކޮށްގެން މިފަދަ ދޫނިތައް ހިފާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.

އަދި ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފާ، އެތަކެއްޗަށް ގޯނާކޮށް ކޮށީގައި ބަންދުކޮށްގެން ނުގެންގުޅުމަށް ހުރިހާ ފަރާތްތަކަށްވެސް ނަސޭހަތްތެރިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި، ހިމާޔަތްކުރެވިފައިވާ ދޫނި ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު އެ އޮންނަ އުސޫލުގެ ތެރެއިން ޖޫރިމަނާ ކުރާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްޔިތު

    މ. އަތޮޅު މުލަކު މީހުން ވަރަށް ފޯރި ހުންނަކަމެއް ތިއީ. ހާއްސަކޮށް ކަނޑުމަތީ ދޫނިތައް ހިފައިގެން ގެނެސް ގޭގަ ގެންގުޅުން.

  2. ހަހަ

    ހަކުރު ބޮއެގެން ދުވާ މީހުން ނުހިފޭ ބަޔަކައް ކީއް ކުރެވޭނީ. އެމީހުން މީހުންގެ މުދަލުން ވައްކަން ކުރިޔަސް ހައްޔަރެއް ނުކުރެވޭ.