ކޮވިޑް-19 ގެ ހާލަތުގައި ރާއްޖެއިން ނަގާފައިވަނީ ލޯނުތައް ނެގިފައިވަނީ ވަރަށްވެސް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި "ގަވަމެންޓް ވޮޗް" ގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ރާއްޖެ ތަރައްގީ ކުރަން ބޭރުގެ ގައުމުތަކުންނާއި ބޭންކު ތަކުން ލޯނުތައް ނަގަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެހެން ނަމަވެސް މި ދަނޑިވަޅުގައި ނަގަން ޖެހެނީ ވަކި ހާއްސަ ލޯނުތަކެއް ކަމަށެވެ.

"މި ދަނޑިވަޅަކީ މިއީ ވަކި ހާއްސަ ލޯނުތަކެއް ފިޔަވައި، ރައްޔިތުން ހަނާވިޔަ ނުދިނުމަށްޓަކައި ނަގާ ލޯނު ފިޔަވައި އިތުރު ލޯނުތަކެއް ނަގަންވީ ވަގުތެއް ނޫން" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، އެހެން ނަމަވެސް ފެނިގެން ދިޔައީ ޒިންމާދާރިކަން ކުޑަ ގޮތެއްގައި މިވަގުތު ކޮންމެހެން ބޭނުން ނުވާ ބޮޑެތި ބިޔަ މަޝްރޫއުތަކަށް ބޮޑެތި ލޯނުތައް ނަގަމުން ދިޔަ މަންޒަރު ކަމަށާއި އެކަމުގެ ސަބަބުން އިގްތިސޯދަށް ވަރަށް ބޮޑު ހީނަރުކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި އެ ލޯނުތައް އަލުން ދެއްކުމަށްޓަކައި ރައްޔިތުން ވަރަށް ބޮޑެތި ގުުރުބާނީތަކެއް ވާން ޖެހޭނެ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

"މިކަމަކީ އެނގިވަޑައިގަންނަވާނެ ފަދައިން ރާއްޖޭގެ ސިޔާދަތަށްވެސް ނުރައްކާވާނެ ކަމެއް. މާދަމާވެސް ރާއްޖޭގެ ރައްޔިތުން އެހެން ވިސްނުމަކަށްގޮސް ވެރިކަން ބަދަލުވެއްޖެނަމަ، 800 މިލިއަން ޑޮލަރު އެއްފަހަރާ ބަޔަކަށް ދޭން ޖެހިއްޖެ ކަމަށް ވާނަމަ އަޅުވެތިކަން ގެއްލޭ ހިސާބަތް ދާނެ" އާދަމް ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މިހާރު ނުލާހިކު ޒިންމާދާރުވާނެ

  2. ސައީދު

    އާދަމް ޝަރީފު ކަލޯމެން މުޅިޤައުމުން ވައްކަން ކޮށް ނަހަމަ ގޮތުގައި ލޯނު ނަގައި ރައްޔިތުން ދަރުވާލައި އަދިވެސް ހިތް ހަމަޖެހޭ ވަރުނުވެގެން ތި އުޅެނީ ކީއްވެތަ. ސަރުކާރަށް ގޮވާލަން މި އާދަމް ޝަރީފޔމެން ރައްޔިތުންގެ މާލިއްޔަތުން ކޮށްފައިވާ ބޮޑެތި ވައްކަން ތަކުގެ މަސްއަލަ ތައް ބައްލަވައި އިންސާފުގެ ކުރި މައްޗަށް ގެނެސްދެއްވަން.