މިއަދު ހެނދުނު ޅ.އަތޮޅުގެ ބައެއް ރަށްރަށުގެ މީހުންނަށް އިހްސާސް ކުރެވުނު ލޮޅުން ނައިފަރު މީހުންނަށް ވެސް އިހްސާސް ކުރެވުނު ކަމަށް އެރަށުން ބުނެފިއެވެ.

ޅ.އަތޮޅުގެ ރަށްތަކަށް ލޮޅުން އިހްސާސް ކުރެވުނު ކަމަށް ފުރަތަމަ ރިޕޯޓް ލިބުނު އިރު ނައިފަރަށް ލޮޅުން އިހްސާސް ކުރެވުނު ކަމަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިއަދު ހެނދުނު ވިދާޅުވީ ލޮޅުން އިހްސާސް ކުރެވުނީ ހިންނަވަރު، މާފިލާފުށި، ކުރެންދޫ އަދި ރިސޯޓަކަށް ކަމަށެވެ. ނަމަވެސް ނައިފަރު ކައުންސިލްގެ ނައިބު ރައީސް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ލޮޅުމުގެ އިހްސާސް ކުރެވިގެން އެރަށުގެ މީހުން ކައުންސިލަށް އެކަމުގެ ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މިއަދު ހެނދުނު އައި ލޮޅުން މީޓިއޮލޮޖީގެ ސިސްޓަމްތަކުން ބިންހެލުމެއްގެ ގޮތުގައި ޑިޓެކްޓް ކޮށްފައި ނުވާ ކަމަށާއި ސިސްޓަމްތަކުގެ މައުލޫމާތު އިތުރަށް ދިރާސާ ކުރަމުންދާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ވިދާޅުވެފައެވެ.

އެއިދާރާ އިން ވިދާޅުވީ ރާއްޖެ އާއި ކައިރި އެއްވެސް ހިސާބަަށް ވެސް އެވަގުތު ބާރުގަދަ ބިންހެލުމެއް އައިސްފައި ނުވާ ކަމަށެވެ.

މިލޮޅުމުގެ އިހްސާސް ކުރެވިފައި ވަނީ މިއަދު ހެނދުނު 06:30 އާއި 06:45 އާއި ދެމެދުގައި ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އަށް އެކި ރަށްރަށުން ރިޕޯޓް ކޮށްފައިވެއެވެ.

ޅ.އަތޮޅުގެ ރަށްތައް ފިޔަވައި އެހެން ސަރަހައްދަކަށް މިލޮޅުން އިހްސާސް ކުރެވުނު ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.