ށ. ޅައިމަގު ބޯޓެއްގައި މަސައްކަތް ކުރަން އުޅެނިކޮށް މަރާލާފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލި މައްސަލާގައި ތިން މީހެއްގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު "ކުރިމަގު 1" ނަމަކަށް ކިޔާ ބޯޓުގައި ލުތުފަރު މަރާލުމަށް ފަހު، ޅައިމަގު ބަނދަރާ ދިމާ ބޭރު ކަނޑުއޮޅިއަށް ފެއްތި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝް ތިން މީހެއްގެ މައްޗަށެވެ. އެއީ އަލަމިން އާއި ނޫރުލް އިސްލާމް އާއި އެމްޑީ އަހުތަރު ހުސައިންއެވެ. ތިން މީހުންގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 9:30 އަށެވެ.

އެ ބޯޓުގައި ކައްކާއެއްގެ ގޮތުގައި އުޅުނު ލަތުފަރު ގެއްލިގެން ފުލުހަށް ރިޕޯޓް ކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރުއެވެ. މި ރިޕޯޓާ ގުޅިގެން ލުތުފަރު ހޯދުމުގެ މަސައްކަތް ދުވަސްތަކަކަށް ކުރުމަށް ފަހު، ފަހުން ފުލުހުން އެ މައްސަލަ ތަހުގީގު ކުރީ މަރުގެ މައްސަލައެއްގެ ގޮތުގައި ދެކިގެންނެވެ.

ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުގައި އެ ދިމާލުން ކަނޑަށް ފީނައި ލުތުފަރުގެ ހަށިގަނޑުގެ ކަށިކޮޅު ކަމަށް ބެލެވޭ ކަށިތަކެއް ވެސް ހޯދިއެވެ. އެއީ ލުތުފަރުގެ ކަށިތައް ކަން ފުލުހުން އޭރު ކަށަވަރުކޮށް ނުދިން ނަމަވެސް ކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގައި ދައުލަތުން ވިދާޅުވެފައިވަނީ އެ ކަށިތަކުން ލުތުފަރުގެ މަންމަ އާއި ދަރިންގެ ޑީއެންއޭ ނެގިފައިވާ ކަމަށެވެ.

މި މައްސަލައިގައި ދައުވާ ކުރެވުނު ތިން މީހުން ވެސް ފުރަތަމަ ކުށަށް އިއުތިރާފްވެ ދައުލަތާއެކު ކުށުގެ އިއުތިރާފް އެއްބަސްވުމެއްގައި ސޮއި ވެސް ކުރިއެވެ. އެކަމަކު މި މައްސަލާގައި ފުރަތަމަ ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ތިން މީހުން ވެސް ކުށަށް އިންކާރު ކުރިއެވެ. އަދި ބުނީ، ކުރިން ކުށަށް އިއުތިރާފްވީ ފުލުހުން އަނިޔާކޮށް ބިރު ދެއްކުމުން ކަމަށެވެ.

ކުރެވުނު ތަހުގީގުތަކުގެ އަލީގައި މީގެ ކުރިން ފުލުހުން ބުނެފައިވަނީ ލުތުފަރު މަރާލާފައިވަނީ ކުރިމަގު ބޯޓުގެ ތައްޓު (ބޯޓުގެ ފަހަތް) މައްޗަށް އޭނާ ވައްޓާލައި ނޭވާ ހާސްކޮށްގެން ކަމަށާއި އޭނާ މަރާލާފައިވަނީ އޭނައާއެކު ކުރިމަގު ބޯޓުގައި މަސައްކަތް ކުރި މީހުންނާމެދު ގަދަކަމުން އެއް ޖިންސުގެ ގުޅުން ހިންގަން އުޅުމުން އެކަމާ ހިތްހަމަ ނުޖެހިގެން ކަމަށެވެ. މީގެ އިތުރުން އޭނާ މަރާލުމަށްފަހު ހަށިގަނޑު ކަނޑު ފައްތާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.