ގއ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓު މަގާމުން ވަކި ކުރެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާ އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.

ޖޭއެސްސީ އިން މިއަދު ނެރެފައިވާ ނޫސްބަނެއްގައި ބުނީ ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރުއާ ގާތް ގުޅުމެއް އޮންނަ ފަރާތެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަ ގއ.ވިލިގިނލީ މެޖިސްޓްރޭޓް ކޯޓުގައި ހިނގި ދުވަހު، އެ ކޯޓުގައި މަސައްކަތްކުރާ މެޖިސްޓްރޭޓެއް ގޮތުގައި ހުރެ، ހައްޔަރު ކުރެވިފައިވާ ފަރާތުގެ ޤާނޫނީ ވަކީލުއާ ގއ.ވިލިނގިލީ ރެސްޓޯރެންޓެއްގައި އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ބައްދަލުވެ ވަކީލު ދިން ސިޓީއުރައަކާ ހަވާލުވެފައިވާ ކަމަށެވެ.

ޖޭއެސްސީ އިން ބުނީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ގއ.ވިލިނގިލީ ގެއެއްގައި އޮތް ބައްދަލުވުމެއްގައި ކުރީގެ ފަނޑިޔާރުންތަކަކާއެކު އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރުވެސް ބައިވެރިވެ ވަކި ރިޔާސީ ކެނޑިޑޭޓަކަށް ތާޢީދުކުރާކަން ހާމަކޮށް ވާހަކަދައްކައި ވޯޓް ހޯދުމަށް އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު މަސައްކަތް ކޮށްފައިވާކަމާއި، އަދި 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ގއ.ވިލިނގިލީ ކެފޭއެއްގެ ތެރޭގައި، އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ސިޔާސީ ވާހަކަ ދައްކައި ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދައިދިނުމަށް އެދިފައިވާކަން އެ ކޮމިޝަނުން ކޮށްފައިވާ ތަހުގީގުތަކުން ސާބިތުވާ ކަމަށެވެ.

އަދި 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ޓެރަރިޒަމްގެ ތުހުމަތުގައި ގއ.ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުގެ ކުރިން، ޝަރީޢަތުގެ މަޖިލީހުން ބޭރުން، އެމީހުންގެ ބަންދާމެދު ނިންމާނެ ގޮތް ފުލުހުންނާ ހިއްސާކޮށް، އަދި ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ވެސް ޢަދުލުވެރިކަމުގެ ހަމަތަކުން ބޭރުން އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ޢަމަލުކޮށްފައިވާކަން ސާބިތުވާ ކަމަށް ޖޭއެސްސީ އިން ބުންޏެވެ.

އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް އެ ކޮމިޝަނުން ނިންމިއިރު، އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރުގެ އިތުރު މައްސަލަތަކެއް ވެސް ޖޭއެސްސީ އިން ދަނީ ބަލަމުންނެވެ.

އެ މައްސަލަތަކަކީ:

  1. ފުލުހުން ކޯޓު އަމުރެއް ހޯދަން ދިއުމުން އަމުރު ދިނީމާ ކުށުގެ ވެއްޓަށް ފުލުހުން ދާއިރު އެކަމުގެ މައުލޫމާތު ކުރީބައިގައި ލީކް ވެފައި އޮންނަ ކަމަށާއި އެކަމުގެ ސަބަބުން ހެކި ނެތިގެން ދާކަމަށް ފާހަގަކޮށް ހުށަހަޅާފައިވާ މައްސަލަ
  2. މަސްތުވާތަކެއްޗާއި ގުޅުން އޮންނަ ފަރާތްތަކާއި ގާތް ގުޅުމެއް ބޭއްވުމާއި ހައްޔަރުކުރެވޭ ފަރާތްތައް އަޙްމަދު ޝުކޫރު އާއި މެދު ފާޅުކުރާ ޚިޔާލުތަކާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަ
  3. ގއ.ވިލިނގިއްޔަށް ނިސްބަތްވާ މަސްތުވާތަކެއްޗާއި އަދި އެހެނިހެން ކުށްތަކާއި ގުޅުން އޮންނަ ފަރާތްތަކުގެ މައްސަލަތައް ސާބިތުނުވާކަމަށް ޙުކުމްކުރަމުން ދިއުމުގެ މައްސަލަ
  4. ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅޭފަދަ އަމަލުތަކެއް ކޮށްފައިވުން.
  5. ފަހުގެ ތާރީޚްގައި ގއ.ވިލިނގިލިންނާއި، އަތޮޅުގެ އެހެން ރަށްރަށުން ބަންދާއި މެދު ގޮތެއް ނިންމުމަށް ގެންނަ ފަރާތްތައް ހެކި ހުންނަ ޙާލަތްތަކުގައި އެއްވެސް ސަބަބެއް ނެތި ދޫކޮށްލައި ރިޝްވަތު ނަގާފައިވާކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލަ.
  6. ފުލުހުން ކޯޓަށް ޙާޟިރުކޮށް އިންޒާރުދިންކަމަށް ބުނާ މައްސަލަ.
  7. ތަޙްޤީޤުކުރަމުން އަންނަ މައްސަލަތަކުގައި ކޯޓަށް ދާ ފުލުހުންނަށް ޖެއްސުންކުރުމާއި، ތުހުމަތުކުރެވޭ ފަރާތްތަކުގެ ކުރިމަތީގައި ފުލުހުންގެ އަގު ވައްޓައި ތުހުމަތުކުރެވޭ ފަރާތްތައް ދިފާޢުކުރާކަމަށްބުނެ ހުށަހަޅާފައިވާ މައްސަލަ.
  8. ގއ.މާމެންދޫ ސްޓަރލައިޓް އަބޫބަކުރުގެ ފުނަގަސްތަކެއް ކަނޑައި ބޭނުންކޮށްފައިވާ މައްސަލަ ކޯޓަށް ހުށަހެޅުމުން، އެ ގަސްތަކުގެ ބަދަލުދޭން ޙުކުމް ކޮށްފައި ވާތީ އެ ބަދަލު ލިބިގަތުމަށް ގއ.މާމެންދޫ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ނުގެންދާ ލަސްކުރަމުން ދާކަމަށް ބުނާ ޝަކުވާ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަނަމަނަ

    ޢަމިއްލައެދުމައް މީހުންގެ ވަޒީފާތައް ގެެއްލުވާ ފަރާތްތަކައް ﷲ ލައުނައްލައްވާށި އާމީން

  2. ބިގޭ2

    މާބޮޑަށްވެސް ލަސްވެއްޖެ. ވަކި ކުރޭ!

  3. ލޫޓުވާ

    "ވަކި ރިޔާސީ ކެނޑިޑޭޓަކަށް ތާޢީދުކުރާކަން ހާމަކޮށް ވާހަކަދައްކައި ވޯޓް ހޯދުމަށް އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު މަސައްކަތް ކޮށްފައިވާކަމާއި،" އެއީ އެމްޑީޕީނޫން އެހެން ކެންޑީޑޭޓަކަށް ތާއީދުކުރުމަކީ ކުށެއްކަމަށްތޯ ތިވިދާޅުވަނީ. "ސްޕްރީމްކޯޓުގެ ފަނޑިޔާރު ހުސްނުއްސުޢޫދު ރީނދޫޕާޓީއަށްވޯޓްހޯދަން ހިނގުން މައްސަލައެއް ނޫންތަ.

  4. ހަދީނު

    މިސަރުކާރު ގެނައުމަށް އެކްޓިވިސްޓުންގެ ގޮތުގާ ފާޅުގަ ނިކުމެ ކެންޕޭނު ކުރި ލ.މާބައިދޫ ކޯޓުގެ ގާޒީ, ސްކޫލުގެ ޓީޗަރު ރަސީދު މިމީހުންނަކީ މިމަގާމުތަކުގަ ތިބެ އމޑޕ އަށް މިހާރުވެސް ކުރިޔަށް އޮތް ކައުންސިލް އިންތިހާބަށް އަނބިދަރިންހޮވުމަށް ރަށުތެރޭ ކެންޕޭނު ކުރަމުން މިހާރުވެސް އެދަނީ މި ހަގިގަތް އެރަަށުުން މިހަކާ ވާހަކަ ދައްކާލަބަލަ މިމީހުންނަކީ ރަތްލާޖެހި އމޑޕ ގެ އެކްޓވިސްޓުން