ރާއްޖެ އާއި ޗައިނާއާ ދެމެދު އަންނަ މަހު ފްލައިޓުތައް ފެށުމަށް ތާވަލުކޮށްފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޗައިނާ އަކީ އެންމެ މުހިއްމު އެއް މާކެޓެވެ. ކޮންމެ އަހަރަކުވެސް އެތައް ސަތޭކަ ޗައިނާ ފަތުރުވެރިން އަންނަނީ ރާއްޖެ އަށް ޒިޔާރަތް ކުރަމުންނެވެ. އެހެންނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެންމެ ފުރަތަމަ ވެސް ފަތުރުވެރިން ރާއްޖެ އައުން މަނާކުރި އެއް ގައުމަކީ ޗައިނާއެވެ. އަދި އޭގެފަހުން ރާއްޖޭގެ ބޯޑަރު ބަންދުކުރި ފަހުން އަލުން ބޯޑަރު ހުޅުވާލީ، މިދިޔަ ޖުލައި މަހުގެ 15ވަނަ ދުވަހުއެވެ.

ކޮވިޑަށް ފަހު ޗައިނާއިން ރާއްޖެ އަންނަ ފުރަތަމަ ފްލައިޓް އަންނަން މިހާރު ތާވަލްކޮށްފައިވަނީ އަންނަ މަހުގެ 29 ވަނަ ދުވަހުއެވެ. މި ފްލައިޓަކީ "ޗައިނާ ސަދާން އެއާލައިން"ގެ ފްލައިޓެކެވެ. ޗައިނާގެ ވެރިރަށް ބެއިޖިން އިން ދެ ފްލައިޓެއް ރާއްޖެ އައުމަށް ތާވަލުކޮށްފައިވާއިރު މި ފްލައިޓު ތާވަލު ކޮށްފައި ވަނީ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުސް އަދި ހަތަރުވަނަ ދުވަހުއެވެ.

މި ތިން މަސް ތެރޭ ބޭރުގެ 31 އެއާލައިނެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު މީގެތެރޭގައި ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުން އަލުން ރާއްޖެ އަށް ދަތުރު ފަށާ އެއާލައިންތައް ވެސް ހިމެނެއެވެ.

ރާއްޖޭގެ ބޯޑަރު މިދިޔަ ޖުލައި މަހުގެ 15ވަނަ ދުވަހު ހުޅުވާލި ފަހުން މިހާތަނަށް 33،000 ހާހަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ކުރިން 380،000 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.