ރ. އަނގޮޅިތީމު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން މިއަދު ވިދާޅުވީ އަނގޮޅިތީމު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިދިޔަ ބުރާސްފަތި ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ. މި މަޝްރޫއަކީ 44.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހުއެވެ.

އެމްޓީސީސީން ވިދާޅުވީ މި މަޝްރޫއުގެ ދަށުން 42،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް ހިއްކުމާއި 221 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 91.44 މީޓަރުގެ ސަރަހައްދެއްގައި އެއްގައުމު ތޮށިލާނެ ކަމަށެވެ.

އަދި 1،110 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި މަގުބައްތި ހަރު ކުރާނެ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

އެމްޓީސީސީން ގެންދަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.