ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަ ކޮށްގެން ދިވެހި ސަރުކާރުން ކޮލްބޯގައި ހިންގާ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ)ގެ ފަސް ވަނަ ގުރުއާން މުބާރާތާއި ތިން ވަނަ މަދަހަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އިއްޔެ ހަވީރު އެމްއީސީސީގައި ބޭއްވި ރޯދަވީއްލުމަކާއެކު މި ދެ މުބާރާތުގެ ނަތީޖާ ވަނީ ފާޅުކޮށްފައެވެ. އެ ހަފްލާގައި 600 އަށްވުރެ ގިނަ ދިވެހިން ވަނީ ބައިވެރިވެފައެވެ. އެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެފައި ވަނީ ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެެވެ.

އެމްއީސީސީން ބުނީ، ގުރުއާން މުބާރާތް ބޭއްވުމުގެ މަގްސަދަކީ އެ ސްކޫލްގެ ދަރިވަރުންގެ ހިތްތަކުގައި ގުރުއާނަށް ލޯބިޖައްސައި، ގުރުއާން ކިޔެވުމުގައި ތަޖުވީދުގެ ހަމަތަކަށް ކިޔެވުމަށް ބާރު އެޅުމާއި، ގުރުއާން ހިތުދަސް ކުރުން ކަމަށެވެ.

ދެ ގޮތްޕަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެ މުބާރާތުގައި ޕްރީ ގްރޭޑުން ފެށިގެން ގްރޭޑް 10 އަށް 212 ބައިވެރިޔަކާއި، އާއްމު ބައިވެރިވާ ބައިގާ 18 ބައިވެރިޔަކު ވަނީ ގުރުއާން ކިޔަވާފައެވެ.

އެމްއީސީސީއިން ބުނީ، މަދަހަ މުބާރާތް ބޭއްވުމުގެ މަގްސަދަކީ ދަރިވަރުންގެ މެދުގައި މަދަހަ ކިޔުމުގެ ފަންނުވެރިކަން ކުރިއަރުވައި ދަރިވަރުންގެ މެދުގައި މަދަހައަށް ލޯބިޖެއްސުމާއި، ދީނަށް ލޯބިޖެއްސުން ކަމަށެވެ. އަދި މުސްތަގުބަލުގައި ފެންވަރު ރަނގަޅު މަދަހަ ކިޔުންތެރިން އުފެއްދުންކަމަށްވެސް އެމްއީސީސީން ބުންޏެވެ.

އެ މަދަހަ މުބާރާތުގައި ގްރޭޑް 1 އިން 10 ގައި އެމްއީސީސީގައި ކިޔަވަމުންދާ 116 ބައިވެރިޔަކާއި، އާއްމު ބައިވެރިވާ ބައިގާ އަށް ބައިވެރިޔަކު ވަނީ މަދަހަ ހުށަހަޅާދީފައެވެ.

ގުރުއާން އަދި މަދަހަ މުބާރާތުގެ އެންމެ މޮޅު ހައުސްއަކަށް ހޮވައިފައި ވަނީ ޕާރޕަލް ހައުސްއެވެ.

ކިޔުންތެރިންގެ ހިޔާލު