ށ. ޅައިމަގު ބޯޓެއްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު ރަހްމާން މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތު ކުރުމަށް 21 ހެއްކެއް ޝަރީއަތުގެ އަޑުއެހުމުގައި މިއަދު ހުށަހަޅައިފިއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު "ކުރިމަގު 1" ނަމަކަށް ކިޔާ ބޯޓުގައި ލުތުފަރު މަރާލުމަށް ފަހު، ޅައިމަގު ބަނދަރާ ދިމާ ބޭރު ކަނޑުއޮޅިއަށް ފެއްތި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝްގެ ތިން މީހެއްގެ މައްޗަށެވެ. އެއީ އަލަމިން އާއި ނޫރުލް އިސްލާމް އާއި އެމްޑީ އަހުތަރެވެ. ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

އޮންލައިންކޮށް ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ތިން މީހުންގެ ފަރާތުން ދައުވާއަށް އިންކާރުކުރިއިރު، އެމްޑީ އަހުތަރުގެ ވަކީލް ވަނީ މައްސަލައިން ތަނާޒުލް ވެފައެވެ. އެހެންކަމުން އޭނާއަށް ވަކީލަކު ހަމަޖެއްސުމަށް ފަސް ދުވަހުގެެ ފުރުސަތެއް ޝަރީއަތުން ދިނެވެ.

އެމްޑީ އަހުތަރުގެ ވަކީލަކު ނެތުމުން އޭނާާއާ ދެކޮޅަށް ހުށަހަޅާ ހެކިތައް ފާހަގަކުރުން އެހެން ދުވަހަކަށް ފަސްކޮށްފައިވެއެވެ.

ދައުލަތުން އަޑުއެހުމުގައި ބަޔާން ކުރީ އަލަމިންއާއި ނޫރުލްއިސްލާމާ ދެކޮޅަށް ދައުލަތުން ހުށަހަޅަން ބޭނުންވާ ހެކިތަކެވެ. މި ގޮތުން ހެކިވެރިންގެ ހެކި ބަހުގެ ގޮތުގައި ނުވަތަ ޝަފަވީ ހެކީގެ ގޮތުގައި 14 ހެއްކެއް ދައުލަތުން ހުށަހެޅިއެވެ. އަދި ކިތާބީ ހެކީގެ ގޮތުގައި ހަތް ހެއްކެއް ހުށަހަޅާފައިިވެއެވެ.

ދައުލަތުން ހުށަހެޅި 14 ހެކިންގެ ތެރޭގައި ހިމެނެނީ ށ. ޅައިމަގު ފަސް މީހަކާއި، ށ. ނަރުދޫ މީހަކާއި، ބަންގްލަދޭޝްގެ ތިން މީހުންގެ އިތުރުން މި މައްސަލަގާއި ފުލުހުންގެ ފަރާތުން ތަހުގީގުގައި ހަރަކާތްތެރިވި ތިން އޮފިސަރެކެވެ. އެއީ ފުލުހުންގެ ކްރައިމް ސީން އޮފިސަރާއި، ޑީއެންއޭ ސާމްޕަލް ނެގުމުގައި އުޅުނު ސިވިލް އޮފިސަރާއި، ޑައިވިން އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންގެ އޮފިސަރެކެވެ.

ދައުލަތުން ހުށަހެޅި ކީތާބީ ހެކިތަކުގެ ތެރޭޭގައި ހިމެނެނީ ޕާސްޕޯޓް ލިޔެކިއުންތަކަކާއި، ފުލުހުންގެ ކްރައިމް ސީން އިންވެސްޓިގޭޝަންގެ ރިޕޯޓާއި، ފުލުހުންގެ ޑީއެންއޭ ތަހުލީލްގެ ރިޕޯޓާއި، ފުލުހުންގެ ޑައިވިން އޮޕަރޭޝަންގެ ތަހުގީގު ރިޕޯޓާއި، ކްރިމިނަލް ކޯޓުގައި ދައުވާ ކުރެވިފައިވާ ތިން މީހުން ދިން ބަޔާނާއި، ފުލުހުންގެ ތަހުގީގަށް ދިން ބަޔާނާއި، ކުށަށް އިއުތިރާފްވެފައިވާ އަޑާއި މަންޒަރު ހިމެނޭ ވީޑިއޯ ރެކޯޑިންއެކެވެ.

ދިފާއުއަށް ދިން ފުރުސަތުގައި އަލަމިންގެ ގާނޫނީ ވަކީލް އަހުމަދު ޒަނީން އާދަމް ވިދާޅުވީ އަލަމިންގެ ފަރާތުން ދިފާއުވުމުގެ ގޮތުން ހުށަހަޅަން ބޭނުންވާ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

ނޫރުލް އިސްލާމްގެ ވަކީލް އިސްމާއީލް ޝަފީއު ވިދާޅުވީ އޭނާގެ މުވައްކިލްގެ ފަރާތުން ހެއްކެއް ހުށަހަޅާނަމަ ލިޔުމުން ފަހުން ހުށަހަޅަން ބޭނުންވާ ކަމަށެވެ.

މައްސަލަ ބައްލަވާާ ގާޒީ ވަނީ ނޫރުލް އިސްލާމްގެ ފަރާތުން ހުށަހަޅަން ބޭނުންވާ ހެކިތައް ހުށަހެޅުމަށް ދެ ދުވަހުގެ މުއްދަތެއް ދީފައެވެ. އެ މުއްދަތުގައި ހުށަހަޅަން ބޭނުންވާ ހެކިތަކުގެ ތަފްސީލް ލިޔުމުން ކޯޓަށް ހުށަހަޅަން ވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ޅައިމަގު ބޯޓެއްގައި ކައްކާއެއްގެ ގޮތުގައި އުޅުނު ލުތުފަރު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރުއެވެ. މި ރިޕޯޓާ ގުޅިގެން ލުތުފަރު ހޯދުމުގެ މަސައްކަތް ދުވަސްތަކަކަށް ކުރުމަށް ފަހު، ފަހުން ފުލުހުން އެ މައްސަލަ ތަހުގީގު ކުރީ މަރުގެ މައްސަލައެއްގެ ގޮތުގައި ދެކިގެނެވެ.

ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުގައި އެ ދިމާލުން ކަނޑަށް ފީނައި ލުތުފަރުގެ ހަށިގަނޑުގެ ކަށިކޮޅު ކަމަށް ބެލެވޭ ކަށިތަކެއް ވެސް ހޯދިއެވެ. އެއީ ލުތުފަރުގެ ކަށިތައް ކަން ފުލުހުން އޭރު ކަށަވަރު ނުކޮށްދިން ނަމަވެސް ޝަރީއަތުގައި ދައުލަތުން ވިދާޅުވެފައިވަނީ އެ ކަށިތަކުން ލުތުފަރުގެ މަންމައާއި ދަރިންގެ ޑީއެންއޭ ނެގިފައިވާ ކަމަށެވެ.

މި މައްސަލައިގައި ދައުވާ ކުރި ތިން މީހުން ވެސް ފުރަތަމަ ކުށަށް އިއުތިރާފްވެ ދައުލަތާއެކު ކުށުގެ އިއުތިރާފް އެއްބަސްވުމެއްގައި ސޮއި ވެސް ކުރިއެވެ. އެކަމަކު މައްސަލައިގެ ފުރަތަމަ އަޑުއެހުމުން ފެށީގެން މިހާތަނަށް ވެސް ތިން މީހުން ދަނީ ކުށަށް އިންކާރު ކުރަމުންނެވެ. އަދި ބުނީ، ކުރިން ކުށަށް އިުތިރާފްވީ ފުލުހުން އަނިޔާކޮށް ބިރު ދެއްކުމުން ކަމަށެވެ.

ކުރެވުނު ތަހުގީގުތަކުގެ އަލީގައި މީގެ ކުރިން ފުލުހުން ބުނެފައިވަނީ ލުތުފަރު މަރާލާފައި ވަނީ ކުރިމަގު ބޯޓުގެ ތައްޓު (ބޯޓުގެ ފަހަތް) މައްޗަށް އޭނާާ ވައްޓާލައި ނޭވާ ހާސްކޮގެން ކަމަށާއި އޭނާ މަރާލާފައިވަނީ އޭނާއާއެކު ކުރިމަގު ބޯޓުގައި މަސައްކަތް ކުރި މީހުންނާ މެދު ގަދަކަމުން އެއް ޖިންސުގެ ގުޅުން ހިންގަން އުޅުމުން އެކަމާ ހިތްހަމަނުޖެހިގެން ކަމަށެވެ.

ލުތުފަރު ބޯޓަށް އަރާފާނެ ކަމުގެ ބިރަށް ދެ ފައިގައި ވަލެއް ބަނދެ މޫދަށް ބަލާފައިވާ ކަމަށާއި އޭގެ ގަޑިއިރެއްހާ ފަހުން އޭނާގެ ހަށިގަނޑު ނަގައި ލައިގެން ހުރި އަންނައުނު ބާލުވައި ހަށިގަނޑުން ފެން ހިއްކާފައި އާންމުކޮށް ނިދާ ތަންމަތީގައި ބޭއްވި ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭގެ ފަހުން އަނެއްކާ ވެސް މޫދަށް ބާލުވައި ކަނޑު ފައްތާލީ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އޭނާ މަރާލީ ކަނޑު ފައްތާލުމަށް ފަހުގައި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލޮލްލް

    މި ވަކީލންނަށް ހާދަ އަޒާބެއް ލިބޭނެއޭ

  2. ޏ

    ތީތި ސާބިތުވާނެ..ނިކަމެތި ބޮންދެއްނު

  3. ޏނ

    ތީތި ސާބިތުވާނެ..ނިކަމެތި ބޮންދެއްނު