ދައުލަތުން ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާއި މަޢުމޫނު ޢަބްދުލްޤައްޔޫމުގެ ފަރާތުން ހުށަހެޅި ބައެއް ކަންކަމަށް ޖަވާބު އެރުވުމެއް ނެތި، މަޢޫމޫނު ޢަބްދުލް ޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޢަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ އިބްތިދާޢީ މަރުޚަލާ ނިންމާލައި މައްސަލަ ޝަރީއަތަށް ފޮނުވައިފިއެވެ.

މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބާއްވާފައިވަނީ ދައުލަތާއި މި މައްސަލައިގައި ދައުވާ ލިބޭ ތިން ބޭފުޅުންގެ ތެރެއިން މަޢުމޫން ޢަބްދުލްޤައްޔޫމްގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ޝަރީއަތަށް ހުށަހެޅުމަށާއި، އެ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުމަށް ބޭއްވި އިބްތިދާޢީ ފަހު އަޑުއެހުމެވެ. ނަމަވެސް މި އިބްތިދާޢީ މަރުޚަލާ ނިމުނުކަން ގާޒީ އިއުލާނުކޮށް އަޑުއެހުންވެސް ނިންމަވާލެއްވީ ދައުލަތުން ހުށަހެޅި ހުށަހެޅުންތަކަށް ގޮތެއް ނުނިންމަވައެވެ. ގާޒީ ގޮތެއް ނުނިންމަވާތީ ދައުލަތުގެ ވަކީލުންވެސް އެ ހުށަހެޅުންތަކާމެދު ގާޒީ ނިންމެވީ ކޮން ގޮތަކަށްތޯ ގާޒީގެ އަރިހުން ސުވާލު ކުރެއްވުމުންވެސް ގާޒީ ޖަވާބެއް ނުދެއްވައި އިބްތިދާއީ މަރުޚަލާ ނިމުނީކަމަށް ވިދާޅުވިއެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ ދަށުން މި މައްސަލައިގައި ސިއްރު ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތަތްކުގެ ހެކިބަސް ދައުވާ ލިބޭ ފަރާތާއި އެއް ހާޒިރު ނުވާނެ ގޮތަށް، ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް، އަޑު ބަދަލުކޮށްގެން ހެކިބަސް ނަގައިދިނުމަށާއި، ހެކި ރައްކާތެރި ކުރުމަށް ކްރިމިނަލް ކޯޓުން ނެރެދީފައިވާ ވަގުތީ އަމުރު ދާއިމީ ކޮށްދެއްވުމަށެވެ.

މި މައްސަލައިގައި ދައުވާލިބޭ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި، ފަނޑިޔާރު ޢަލީ ހަމީދުގެ ޝަރީއަތުގެ އިބްތިދާއީ މަރުޚަލާގައި މި ދެ ހުށަހެޅުން ދައުލަތުން ހުށަހަޅައި ދައުލަތުން އެދުނު ގޮތަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްދެއްވާފައިވެއެވެ. ނަމަވެސް ދައުލަތުން މަޢޫމޫނުގެ ޝަރީއަތަށް އަލުން މި ހުށަހެޅުންތައް ހުށަހެޅީ އެ ދެބޭފުޅުންގެ ޝަރީއަތް ކުރިއަށް ގެންދެވީ މަޢޫމޫނުގެ ޣައިރު ހާޟިރުގައި ކަމަށްވާތީއެވެ. މިއަދު ދައުލަތުން ހުށަހެޅި ހުށަހެޅުމާމެދު ގާޒީ ޝަރީއަތުގައި ވިދާޅުވީ އެދުވަހު ގޮތެއް ނިންމެވީ މަޢުމޫނުގެ ބައިގައި ނޫން ކަމަށެވެ. އެހެންކަމުން މަޢުމޫނުގެ ބައިގައި ދައުލަތުން ހުށަހެޅި ހުށަހެޅުމަށް ގޮތެއް ނިންމާފައި ނުވެއެވެ.

މި މައްސަލައިގެ އިބްތިދާއީ މަރުޚަލާ މިއަދު ނިމުނުއިރު، މާދަމާ ނޫން އަނެއް ދުވަހު (2018 މެއި 24 ވާ ބުރާސްފަތި ދުވަހު) މި ދައުވާގެ ޝަރީއަތް ފަށާނެކަން މައްސަލަ ބައްލަވާ ގާޒީ ހަސަން ނަޖީބު އިޢުލާނު ކުރެއްވިއެވެ. އެގޮތަށް އިޢުލާނު ކުރެއްވުމުން ކުރީގެ ރައީސް މަޢޫމޫނުގެ ދިފާޢީ ވަކީލުން ޝަރީއަތުގައި އެދުނީ ޖިނާޢީ އިޖުރާއަތުގެ ޤާނުނުގެ 118 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާމެދު ޝަރީއަތުން ގޮތެއް ނިންމުމަށްފަހު، ޝަރީއަތުގެ މަރުޚަލާ ފެށުމާ ދެމެދު ދައުވާއިން ދިފާއުވުމަށްޓަކައި ދިނުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. ނަމަވެސް މި ހުށަހެޅުމާމެދު ގާޒީ އެއްވެސް ގޮތެއް ޝަރީއަތުގައި ނިންމަވާފައެއް ނުވެއެވެ.

މީގެ އިތުރުން ޝަރީއަތު މަރުޚަލާގެ އަޑުއެހުންތައް ތާވަލު ކުރަންވާނީ މައްސަލައިގައި ދައުވާ ލިބޭ ފަރާތާއި ދައުވާ ކުރާ ދައުލަތާއި ކޯޓާއި މަޝްވަރާ ކުރުމަށްފަހު ކަމަށް ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް އެގޮތަށް ޝަރީއަތުން އަމަލުކޮށްފައި ނުވާތީ އަޑުއެހުންތައް ތާވަލު ކުރުމުގައި މަޝްވަރާ ކުރުމަށްވެސް މަޢޫމޫނުގެ ވަކީލުން އެދިލެއްވިއެވެ. މި ހުށަހެޅުމާ މެދުވެސް ގާޒީ ނަޖީބު އެއްވެސް ބަސްފުޅެއް ވިދާޅުނުވާއިރު، ގޮތެއް ނިންމަވާފައެއްވެސް ނުވެއެވެ.

މި ދައުވާއާއި ގުޅިގެން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި ދައުލަތުން ދެ ހުށަހެޅުމެއް އަދި ދިފާއުން 12 ހުށަހެޅުމެއް ހުށަހަޅާފައިވާއިރު، ދައުލަތުން ހުށަހެޅި ހުށަހެޅުމަށް ދިފާއުން ރައްދު ދީފައިވެއެވެ. މީގެ އިތުރުން ދިފާއުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި ހުށަހެޅި ކަންކަމާމެދު ގާޒީ ގޮތްތަކެއް ނިންމަވާފައިވެއެވެ. ހެކި ސިއްރު ކުރުމަށް ދައުލަތުން ހުށަހެޅުމަށް ރައްދު ދެއްވަމުން މަޢުމޫނުގެ ވަކީލު މަޢޫމޫން ހަމީދު ވިދާޅުވީ، ހެކި ސިއްރު ކުރުމަށް ދައުލަތުން ހުށަހެޅިއިރު، ހެކި ސިއްރު ކުރަންޖެހޭ ޤާނޫނީ ސަބަބެއް އަދި އެ ސަބަބަށް ބާރުދޭ އެއްވެސް ހެއްކެއްވެސް ދައުލަތުން ހުށަހަޅާފައި ނުވާއިރު އެ ހުށަހެޅުމަކީ ޤާނޫނީ އިމުގެ ބޭރުން އެދިފައިވާ އެދުމެއް ކަމަށެވެ.

މަޢޫމޫނުގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ ގޮތުގައި ހުށަހެޅި ކަންކަމުގެ ތެރޭގައި ކްރިމިނަލް މައްސަލަތަކުގެ ޝަރީއަތް ހިންގާނެ ގޮތުގެ ގަވާއިދު ސްޕްރީމް ކޯޓުން ތައްޔާރުކޮށްފައި ނުވުންވެސް ހިމެނޭ ގޮތަށް، ޤާނޫނީ ހުރަސްތަކެއް ހުރުމާއެކު މަޢުމޫނުގެ ޝަރީއަތް މެދުކަނޑާލުމަށާއި، ދައުލަތުން އަމަލު ކޮށްފައިވާ ގޮތުން މި ދައުވާއަކީ ޝަރީއަތް ކުރުމެއްނެތި ބާތިލު ކުރަންޖެހޭ ދައުވާއެއް ކަމަށާއި، ހެކި ހާމަކުރުމަށް ކޯޓު އަމުރެއް ނެރެދިނުމަށާއި، ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ބ) ގެ ދަށުން ކަށަވަރު ކޮށްދޭ ކުށުން ބަރީއަވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ފޯރުކޮށްދެވިފައި ނުވާތީ މި ދައުވާ ބަތިލު ކޮށްދިނުމުގެ އިތުރުން މަޢުމޫނުގެ މައްޗަށް ބަންދުގައި ބަހައްޓައިގެން ތަހްޤީގު ހިންގާފައިވަނީ ޤާނޫނާ ހިލާފަށް ކަމުން މި ދައުވާ ބާތިލު ކޮށްދިނުން ހިމެނެއެވެ.

މަޢޫމޫނުގެ ހުށަހެޅުންތަކަށް ރައްދު ދެމުން ދައުލަތުގެ ވަކީލުން ވިދާޅުވީ، ގަވާއިދެއް އަދި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާނެ ފޯމު ވުޖޫދުވެފައި ނެތުމަކީ ޝަރީއަތް މެދުކަނޑާލަންޖެހޭ ސަބަބެއް ކަމަށް ދައުލަތުން ނުދެކޭ ކަމަށާއި، މި މައްސަލަ އާއި ގުޅިގެން ދޫކުރަންޖެހޭ ލިޔުންތައް ކްރިމިނަލް ކޯޓު މެދުވެރިކޮށް ދައުވާ ލިބޭ ފަރާތަށް ދީފައިވާނެ ކަމަށާއި، މައްސަލައިގެ ޝަރީއަތްތައް ދަނީ ޤާނޫނުގައި ބުނާ މައްދަތުތައް ދެވިގެން ޤާނޫނާ އެއްގޮތްވާ ގޮތަށް ކަމަށެވެ. އަދި މަޢޫމޫން ބަންދުގައި ބަހައްޓާފައި ހުރީ އެހެން މައްސަލައަކާ ގުޅިގެން ކަމަށްވާތީ، ބަންދާއި ގުޅިގެން ހުށަހަޅާފައިހުރި ހުށަހެޅުންތައް ބަލައި ނުގަނެވޭނެ ކަމަށާއި، ސިއްރު ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ މި މައްސަލައިގައި ދައުވާ ލިބޭ ފަރާތެއްކަމަށް ދައުލަތުން ޝަރީއަތުގައި ބުނެފައި ނުވާނެ ކަމަށްވެސް ދައުލަތުން ވިދާޅުވިއެވެ.

ދިފާއުން ހުށަހެޅި ހުށަހެޅުންތަކަށް ދައުލަތުން ދިން ރައްދަށް، ޖަވާބުދާރީ ވުމަށް ފުރުޞަތު ދިނުމަށް މަޢުމޫނުގެ ދިފާޢީ ވަކީލުން އެދުނު ނަމަވެސް ގާޒީ ހަސަން ނަޖީބު އެ ފުރުޞަތު ދިފާއަށް ދީފައެއް ނުވެއެވެ. އެ ކޯޓުގައި ހިނގާ އެހެން މައްސަލަތަކުގައި އެ ފުރުޞަތު ދޭކަމަށް ވަކީލުން ފާހަގަ ކުރި ނަމަވެސް އެ ފުރުޞަތު ދެވެން ނެތްކަމަށް ގާޒީ ވިދާޅުވިއެވެ.

ކުރީގެ ރައީސް މަޢުމޫން ޢަބްދުލް ޤައްޔޫމްގެ ދިފާއުގައި ޝަރީއަތުގެ ކުރިން ހުށަހެޅި 12 ހުށަހެޅުމުގެ ތެރެއިން ވަކީލުންނާ ބައްދަލު ކުރުމަށް ފުރުޞަތު ފަހި ކޮށްދެއްވުމަށް ބަންދު މަރުކަޒަށް މީގެ ކުރިން އަމުރުކޮފައިވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ. ބާކީ ހުރި 11 ހުށަހެޅުމާމެދު ޝަރީއަތުން ނިންމާފައިވަނީ ދިފާއުން އެދުނު ގޮތް ބަލައި ނުގަނެވޭނެ ކަމަށާއި، ދައުލަތުން ރައްދުގައި ހުށަހެޅި ހުށަހެޅުންތަކާ އެއްގޮތަށެވެ. އެގޮތުން ސްޕްރީމް ކޯޓުގެ އަސްލީ އިހްތިޞާސަށް ކްރިމިނަލް ކޯޓުން އަރައިގަނެފައި ނުވާނެ ކަމަށާއި، ޝަރީއަތް ކުރުމުގެ ގަވާއިދު ނެތުމަކީ ޝަރީއަތް މެދުކަނޑާލަންޖެހޭ ސަބަބެއް ނޫން ކަމަށާއި، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ޤާނޫނުގައި ބުނާ ފޯމް ނެތުމުން ކޮންމެ ފޯމެޓެއްގައިވެސް ހުށަހެޅުމުގެ ފުރުޞަތު ދީފައިވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ. މީގެ އިތުރުން ޝަރީއަތް ހިންގުމެއްނެތި ބާތިލް ކުރަންޖެހޭ މައްސަލައެއް ކަމަށާއި ހެކި ހާމަ ކުރުމުގެ ގޮތުން ހޯދުމަށް އެދި ހުށަހަޅާފައިވާ މަޢުލޫމާތުތައް ޤާނޫނީ ގޮތުން ހާމަކުރަން ޖެހޭކަމަށް ބެލެވެން ނެތް ކަމަށްވެސް ގާޒީ ނިންމެވިއެވެ.

ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް އާއި، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ އިތުރުން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޢަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތް މަޢުލޫޢީ ގޮތެއްގައި ބަލައި ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި މި މައްސަލައިގެ ޝަރީއަތް ތިން ބޭފުޅުން އެކުގައި އަންނަ ބުރާސްފަތި ދުވަހު ފަށާނެކަން ގާޒީ ނަޖީބު އިޢުލާން ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުޙައްމަދު މަންޞޫރު އާދަމް

    "މުޙައްމަދު މަންޞޫރު އާދަމް" މިއީ ކާކުތަ؟

  2. ކޮރަކަލި

    އިސްފަނޑިޔާރު ކަމަށްވކުރިމަތި ލަން ޝައުޤުވެތިޗާ ފަރާތް ތަކުން އެކަމަށް ކުރިމަތިލާން މިދަނޑިވަޅުގައި ޖޭއެސްސީ އިން އެންގެވީ ކީއްކުރަން ބާއެވެ

  3. ސައްދާމު

    ޔާމީނު މިއުޅެނީ ޢީދު އައުމުގެ ކުރިން ޙުކުމް ކުރަން، ޖަލު ޙުކުމް އޮތީ ލިޔެވިފަ ، އަދި މައުމޫނުގެ މައްޗަށް ކުށްވެސް ސާބިތުވާނެ، ޖަލު ޙުކުމްވެސް އަންނާނެ ، ސައްދާމް ޙުސައިން އަށް ހެދި ގޮތަށް ހަދަން މިއުޅެނީ ، ރައްޔިތުން ހޭވެރިކަން އަންނާނީ ހުރިހާ ކަމެއް ނިމި ދާފަހުން ، މިޤައުމު އިރާޤަށް ވީގޮތަށް ވާން ދޫ ނުކުރުމަށް ރައްޔިތުންގެ ކިބައިން އެދެން.

  4. 3ނިރު

    ތިކަލޭގެ ތިބޮނޑި ނުބޮވިގެން އުޅެތާ ލައްކަދުވަސްވެއްޖެ އެހެންމީހުންނަށްކުރި އަނިޔާގެހިތިރަހަ ފެންނަންޖެހެ