ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަ ކުށްވެރިކޮށް އޭނާއަށް ފިޔަވަޅު އަޅައިދޭން އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ދިވެެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި އިމްރާން ވިދާޅުވީ ސަފާރީގައި ހިނގައިދިޔަ ކަންކަން އާންމުންގެ ތެރޭގައި ދެކެވެނީ މާ ބޮޑު ކޮށްލައިގެން ކަމަށެވެ. ސަފާރީގައި ރޭޕްގެ ކަމެއް ނުހިނގާާ ކަމަށާއި ހިނގީ އަންހެން މީހާގެ ގުނަވަނެއްގައި ހިފުން ފަދަ އަމަލެއް ކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ އެއީ އާދައިގެ ކުޑަ ކަމެއް ކަމަށެވެ.

މިކަމާ ގުޅިގެން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ކެންޔާ އަންހެން މީހާ ތަމްސިލް ކުރާ ލޯ ފާމް، ރިޒާ އެންޑް ކޯގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައި އިމްރާާނަށް ފިޔަވަޅު އަޅައިދޭން އެދިފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި ވަނީ ކެންޔާގެ އަންހެން މީހާގެ ޖިންސީ ގުނަވަނުގައި ހިފައި، ޖިންސީ އަނިޔާކޮށް ބިރު ދެއްކުން ފަދަ އަމަލުތައް ހިންގާފައިވާ އިރު އެއީ އާންމު ތަނެއްގައި ކޮންމެެ މީހަކަށް ވެސް ކުރެވޭ ވަރުގެ ކަމެއްގެ ގޮތުގައި އެކަން ސިފަކުރައްވައި ވާހަކަ ދެއްކުމަކީ ކަންބޮޑުވާ ވަރުގެ ކަމެއް ކަމަށެވެ.

ފުލުހުންގެ މުއައްސަސާއިން މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް، އެ މައްސަލާގައި ހިމެނޭ ކުށްވެރިން ބަރީއަވެ މައުސޫމް ކުރެވޭ ފަދަ ގޮތަކަށް ފުލުހުންގެ މުއައްސަސާއާ ހަވާލުވެ ހުންނެވި މިނިސްޓަރު ވާހަކަ ދެއްކުމުން އެ ކަން ކުށްވެރިކުރާ ކަމަށް ސިޓީގައިވެއެވެ.

އެހެންކަމުން އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބަލައިދިނުމަށާއި އަޅަން ޖެހޭ ފިޔަވަޅު އަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދުގެ އަރިހުން އެ ސިޓީގައި އެދިފައިވެއެވެ.

މި މައްސަލައިގެ ތަހުގީގު އިންސާފުވެރިކަމާ އެކު ކުރިއަށް ނުދާނެ ކަމަށް ބެލެވޭތީ ލޯ ފާމްގެ ފަރާތުން އެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންއާއި ޕްރޮސެކިއުޓާ ޖެނެރަލްއަށް ވެސް މައްސަލަ ހުށަހަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ

    އިމްރާނަކީ ދަނޑިސޭޚެއް އެހެންވީމަ އެކަހަލަ ވަހުށީވާހަކަ ދައްކާނީ...

  2. ފުއާދު

    ނުވާނޭ ތިކަމެއް ކުރީގެ އިމްރާނު ނަމަތިކަންވެދާނެ މިހާރު އެހެރީ ކުރީގެ އިމްރާން ގެ ޓުވިންސް ބޭބެ.

    5
    1
  3. ބުއްޅަބޭ

    އެބޭފުޅާ މާ ފަރިތަކޮށް ކުރާކަ މަކީ ތޯއްޗެ؟

    • ބަނބަލަ

      ޢެހެން ހީވަނީ