ޖިންސީ ގޯނާއާއި ރޭޕް ކުރުމާއި ޖިންސީ ފުރައްސާރަ ކުރުން ފަދަ ޖިންސީ ކުށްތަކާ ދެކޮޅަށް މިއަދު ހަވީރު މާލެ މަގުމަތީ މުޒާހަރާ ކުރުމަށް ނިންމައިފިއެވެ.

މި އެއްވުން އިންތިޒާމުކޮށް ރާވަނީ ވޮއިސް އޮފް ޗިލްޑްރަން (ވީއޯސީ) ޖަމިއްޔާއިންނެވެ. މީގެ ކުރިން ވެސް މި ޖަމިއްޔާއިން މާލެ މަގުމަތީގައި ޖިންސީ ގޯނާއާ ދެކޮޅަށް އެއްވުންތައް އިންތިޒާމުކޮށް ރާވާފައިވެއެވެ.

ވީއޯސީ އިން ކުރި ޕޯސްޓެއްގައިވާ ގޮތުން މިއަދު ހަވީރު އެ މުޒާހަރާ އޮތީ މަޖީދީ މަގު، ހުސްނޫގެ ކުރިމަތީގައެވެ. އެއީ ޖެންޑާ މިނިސްޓްރީ ހިންގާ އިމާރާތް ކައިރިއެވެ.

"އެންމެން ޖިންސީ ގޯނާއާ ދެކޮޅަށް" ޝިއާރުގައި ބާއްވާ އެ އެއްވުން ފަށާނީ މިއަދު ހަވީރު 4:00 ޖަހާއިރު ކަމަށް އެ ޕޯސްޓްގައި ބުނެއެވެ.

އެއްވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މާާސްކް އެޅުން ފަދަ ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވީއޯސީއިން އެދެއެވެ. އަދި އެއްވުން ކުރިއަށްދާއިރު ގައިދުރުވުމުގެ ހަމަތަކަށް އަމަލު ކުރަން ވެސް އެ ޖަމިއްޔާއިން އިލްތިމާސް ކުރެއެވެ.

ޖިންސީ ގޯނާގެ ކުށްތަކާ ދެކޮޅަށް މިއަދު ހަވީރު މާލޭގައި މުޒާހަރާ ކުރުމަށް ނިންމާފައި މި ވަނީ، ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލާގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަރަށް ޒިންމާދާރުކުޑަ ގޮތަކަށް ދެއްކެވި ވާހަކަތަކާާ ގުޅިގެން އިމްރާނަށް ފާާޑުކިއުންތަކެއް އަމާޒުވެފައިވަނިކޮށެވެ.

ދިވެހިރާއްޖޭގެ އަޑުން ރޭ ގެނެސްދިން ޕްރޮގްރާމްއެއްގައި ބައިވެރިވެެވަޑައިގެން އިމްރާން ވިދާޅުވެފައިވަނީ ސަފާާރީގައި ހިނގައިދިޔަ ކަމަށް އާންމުންގެ ތެރޭގައި ދެކެވަނީ ހަގީގަތުގައި ހިނގައިދިޔަ ކަންކަމަށް ވުރެ މާ ބޮޑު ކޮށްލައިގެން ކަމަށެވެ.

ސަފާރީގައި ރޭޕްގެ އަމަލެއް ނުހިނގާ ކަމަށާއި ސަފާރީގައި ހިނގައިދިޔަ އާންމު ތަނެއްގައި ކޮންމެ ފަދަ މީހަކަށް ވެސް ކުރެވިދާނެ ފަދަ އާދައިގެ ކުޑަ އަމަލެއް ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވެފައިވެއެވެ. ސަފާރީގައި ހިނގީ އަންހެން މީހާާގެ ގުނަވަނެއްގައި އަތްލުން ފަދަ އަމަލެއް ކަމަށެވެ.

މި މައްސަލަ ފުލުހުންގެ މުއައްސަސާއިން ތަހުގީގު ކުރަމުންދާއިރު ފުލުހުންގެ މުއައްސަސާއާ ހަވާލުވެހުންނެވި މިނިސްޓަރ މިފަދަ ވާހަކަތަކެއް ދެއްކެވުމުން އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިދިނުމަށް އެދި ވިކްޓިމްގެ ވަކީލުން ހުށަހަޅުއްވާފައިވެއެވެ.

ކެންޔާ އަންހެން މީހާ ރޭޕް ކުރި ކަމަށް ބުނާ މައްސަލާގައި ދެ މީހަކު ހައްޔަރު ވެސް ކުރިއެވެ. އެކަމަކު ފަހުން އެ ދެ މީހުން ދޫކޮށްލާފައިވެއެވެ. އެ ދެ މީހުން ދޫކޮށްލީ ސިޔާސީ ނުފޫޒުން ކަމަށް ތުހުމަތުކޮށް ވާހަކަތައް ފެތުރިފައިވެއެވެ. އެކަމަކު ފުލުހުން މި ކަން ދޮގުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Anonymous

  ވީއޯސީ...ޕުލީޒް ސެހު އިމުރާނު ގެ ދޮށަށް އެވެބަލަ. އޭނަ ދެއްކި ވަހަކައިން އެތައްބަޔަކު ހިއްވަރު ލިބިގެން އެތިބީ އުރަމަތި ތަކުގައި ހިފަން

 2. މަ

  ބަރާބަރު . މުޒާހަރާކޮށް ތި ރޭޕްކޭސްގެ ހަގީގަތް ހޯދާ ކޮޅެއްގަ ޖައްސާ.

 3. ބޭކާރު

  އަންހެނެއްގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލުން ގޯސްކަމަކަށް ނުވަންޏާ މާލޭ މަގުމަތީގައި ޕާޓޭމެން ދެން ދެވަނ ކަމެއްނުކުރާނެ. ކިރިޔާވެސް ހިފެހެއްޓިފައި އޮތީ ނަފުސުގެ މިނިވަންކަން. އެކަންވެސް ގެއްލުނީ

 4. ދަރަނި ދަންތުރަ

  މާލޭގެ މަޖީދީމަގުގައި ހުސްނޫގެ އެއްނުހުއްނާނެ