ސީޝެލްސްގެ އާންމު އިންތިހާބު ކާމިޔާބުކޮށް އަލަށް އިންތިގާބުވެ ވަޑައިގެންނެވި ރައީސް ވަވެލް ރަމްކަލަމަން އަށް، ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް މަރުހާބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ސާލިހް ފޮނުއްވި މެސެޖުގައިވަނީ އިންތިހާބީ ރައީސް ވަވެލް ރަމްކަލަމަން އަދި އެމަނިކުފާނު ތަމްސީލުކުރައްވާ ލިންޔޮން ދިމޮކްރަތިކް ސެސެލްވާ (އެލް.ޑީ.އެސް) ޕާޓީން ސީޝެލްސްގެ އާންމު އިންތިހާބުގައި ހޯދި ކާމިޔާބީ ފާހަގަކުރައްވައި، މަރުހަބާ ވިދާޅުވެފައެވެ.

އަދި،ރާއްޖެއާ ސީޝެލްސް އަކީ ވެސް އިންޑިޔާ ކަނޑުގައިވާ ކުދި ޖަޒީރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމުކަމުގައި ވާތީ، ދެ ގައުމުން ވެސް އަހައްމިއްޔަތުކަންދޭ އެއްގޮތް ކަންތައްތަކުގެ މައްޗަށް ވެސް ރައީސް ސާލިހްގެ މެސެޖުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ކަނޑުގެ ސަރަޙައްދުގެ ރައްކާތެރިކަމާއި، ޤުދުރަތީ ކާރިސާތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތަށް ކުޑަކުރުން، އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައީސްގެ މެސެޖުގައި ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި މި މައްސަލަތައް ޙައްލުކުރުމަށް އަޑުއުފުލުމުގައި ދެޤައުމުން ގުޅިގެން ކާމިޔާބު މަސައްކަތްތަކެއް ކުރަމުންގެންދާކަން ފާހަގަކުރައްވައި ދެ ގައުމުގެ ސަރުކާރުން ގުޅިގެން މިގޮތުގައި މަސައްކަތްކުރާނެކަމުގައި އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ސީޝެލްސްގެ އައު ރައީސްއަށާއި އެ ގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީއަށް އެދިވަޑައިގަންނަވަމުންނެވެ.

ސީޝެލްސްގެ ނައިބް ރައީސް އަކަށް އިންތިހާބުވެވަޑައިގެންފައި ވަނީ ރާއްޖޭގައި 1959 ވަނަ އަހަރު ދެކުނު ދައުލަތް އުފެއްދި ވެރިޔާ، އަބްދުﷲ އަފީފްގެ ދަރިކަލުން އަހުމަދު އަފީފެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސުލްތާން ކީރިތި މަހާރަދުން

    އިސްތިއުފާ

  2. ހުވަދު އަތޮޅުން : ދޮން އަޙައްމަދާގެ މުކުރިޔާ / ދޮން އަޙުމަދު އާބެ

    ﷲ އިރާދަކުރައްވާ މީހަކަށް ޢިއްޒަތާއި ބާރުވެރިކަން ދެއްވައެވެ. ﷲ ގެ ނިޔާފުޅު ކިހާ މޮޅުތޯއެވެ؟ އައްޑޫ ރަދުން އާދެ! ޢަބްދުﷲ ޢަފީފް ގެ ދަރިކަލުން މިއަދު ބައްޕަގެ ޒިކްރާތައް އެ އައުކުރައްވަނީ ފަޚުރުވެރިކަމާ އެކުގައެވެ. ﷲ އަކްބަރު.