ކޮވިޑް-19 ގެ ނުރައްކާތެރި ހާލަތަށް ތައްޔާރުވުމަށް ރާއްޖެ އިން ވެންޓިލޭޓަރުތައް ހޯދުމަށް ބައެއް ކުންފުނިތަކާ ހަވާލު ކުރި މައްސަލައިގައި ކޮރަޕްޝަންގެ އެކުލެވޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނަމުން އަންނަ މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން (ޕީޖީ) ނިންމެވި ނިންމުން ރިވިއުކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ހުށަހަޅައިފިއެވެ.
އޭސީސީން އެ މައްސަލަ ރިވިއުކޮށްދެއްވުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅާފައި ވަނީ މިއަދު އެވެ. އެކަމުގެ ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.
ވެންޓިލޭޓަރުގެ މައްސަލައިގެ ތަހުގީގަށް ފަހު، އޭސީސީން ޕީޖީގައި އެދުނީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އިމީން ހިމެނޭހެން 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށެވެ.
އަމީންގެ އިތުރުން، އޭސީސީން ދައުވާ ކުރަން ޕީޖީ އަށް ފޮނުވި ބޭފުޅުންގެ ތެރޭގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދާއި ހެލްތު މިނިސްޓްރީގެ ލީގަލް އޮފިސަރު އަލީ ޝިހާމާއި ހެލްތު މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު އަބްދުﷲ ހަފީޒާއި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސެއިން ނިޔާޒްގެ ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢަބްދުﷲ ޝަރީފް ހިމެނިވަޑައިގަންނަވައެވެ.
އޭސީސީން ވަނީ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު އަސްލަމާއި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ނައުޝާދު އަލީ އާއި ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރު އައިމިނަތު ޝައުފާ އާއި ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރު އަދި ބިޑް ކޮމިޓީ މެމްބަރު ފާތުމަތު ލިމްޔާގެ މައްޗަށް ވެސް ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފައެވެ.
ވެންޓިލޭޓަރު މައްސަލައިގައި މި ހުރިހާ ބޭފުޅުންގެ މައްޗަށް އޭސީސީން ތުހުމަތުތައް ކުރިއެވެ.
ޕީޖީ އޮފީހުން އެ މައްސަލަ އަނބުރާ ފޮނުވާލުމަށް ނިންމި ނިންމުމާއި ގުޅޭގޮތުން ވިދާޅުވީ، އެ މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން ކަމަށެވެ. އެކަމުގެ ތަފްސީލް ދެއްވަމުން ޕީޖީ ހުސެއިން ޝަމީމް ވިދާޅުވެފައި ވަނީ، އޭސީސީން ކުރި ތަހުގީގުގައި 12 ތުހުމަތެއް ކުރި ނަމަވެސް ތުހުމަތައް ބިނާވެފައި އޮތީ ދެ މުއާމަލާތަކަށް ބިނާކޮށްފައި ކަމަށެވެ. އެކަމަކު އެގްޒެކިއުޓާސްއާ ހަވާލު ކުރުމުގައި ވަކި މީހަކަށް ފައިދާއެއްވާ ގޮތަށް ކަމެއްކޮށްފައި އޮތް ކަން ކަނޑައެޅިގެން ސާފުކޮށް ފެންނަން ނެތް ކަމަށް އޭސީސީގެ ރިޕޯޓުން އެނގެން އޮންނަ ކަމަށެވެ.
ޝަމީމް ވިދާޅުވީ، މީހަކަށް ފައިދާވެފައި އޮތުން ނުވަތަ އެމީހެއްގެ ގާތް މީހަކަށް ފައިދާއެއް ވެފައި އޮތްކަން ތަހުގީގަށް ހޯދިފައި އޮތް ނަމަ އެއީ ހަރުދަނާ ހެއްކެއް ގޮތަށް އެމައްސަލަ ސާބިތު ކުރުމަށް ބޭނުން ކުރެވޭނެ ކަމަށެވެ.
އޭސީސީން އެ މައްސަލައާ ގުޅޭގޮތުން ކުރިން ނެރުނު ބަޔާނެއްގައި ވަނީ ވެންޓިލޭޓަރު ހޯދުމާ ގުޅޭ މައްސަލައަކީ އެ ކޮމިޝަނުން މިހާތަނަށް ތަހުގީގު ކުރި އެންމެ ބޮޑު އެއް ކޮރަޕްޝަންގެ މައްސަލަ ކަމަށް ބުނެފައެވެ، އޭސީސީގެ ބަޔާނުގައިވާ ގޮތުގައި އެންމެ ބޮޑު މައްސަލައެއްގެ ފާހަގަކޮށްފައި އޮތީ 75 ވެންޓިލޭޓަރު ހޯދުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާ ހަވާލު ކުރި ގޮތެވެ.
އޭސީސީން ފާހަގަ ކުރި ގޮތުގައި 75 ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލު ކުރުމުގެ މަސައްކަތް ފެށީ އަމީން ކަމަށާއި މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯ މެދުވެރިކޮށް އައި ކުންފުންޏެއް ކަމަށް ބަލައި އެކަމަށް ކޮންސިޑަކޮށް އެ ކުންފުނީގެ ޑިއުޑިލިޖެންސްއެއް ނަހަދައި، އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރުމަށް ބިޑް ކޮމިޓީން ނިންމާފައިވާކަން ބިޑް ކޮމިޓީގެ މެމްބަރުންގެ ބަހުން އެނގޭތީއާއި، އެއީ އަމީން ދީފައިވާ މައުލޫމާތުގެ މައްޗަށް ބުރަވެ ނިންމާފައިވާ ނިންމުމެއްކަން އެނގޭ ކަމަށް ބަޔާނުގައިވެއެވެ.
މީގެއިތުރުން ބިޑް ކޮމިޓީގައި އެ ދުވަސްވަރު ބައިވެރިނުވާ ދެ މެމްބަރަކު ބައިވެރި ކުރުވުމާއި ޕޭމަންޓް ދެއްކުން އަވަސްކުރުމަށް އަމީން މަސައްކަތް ކުރެއްވުމާއި ވެންޓިލޭޓަރުތަކާ ގުޅިގެން ހެލްތު މިނިސްޓްރީން ހިންގާފައިވާ ޕްރޮކިއުމަންޓުގެ ކަންތަކާއި ޕޭމަންޓަށް ރިކުއެސްޓް ކުރުމުގެ މަސައްކަތް އަމީނަށް އެނގިފައިވާ އިރު، އެކަންކަމަށް މަޝްވަރާ ދެއްވާފައިވާ ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ބަޔާނުގައިވެއެވެ.
އެހެންވެ، ގާނޫނުލްއުގޫބާތުގެ 512 ވަނަ މާއްދާގެ (ހ) އާއި 513 ވަނަ މާއްދާގެ (ށ) އާއި 313 ވަނަ މާއްދާގެ (ހ) ގެ ދަށުން އަމީންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެއެވެ.
ތިކަމެއް ވާކައް ނެއް.. އެއީ އަހަރެމެންގެ ބައިމީހުނައް ލިބުނު....
ކޮންބައެއްތޯ ޑުބާއީއަށް ގޮސްގެން ކޮންސިއުލޭޓްގަ އެތިއްބެވީ.. ކިޔާއަޑުއިވޭ ފައްޔާޒުވެސް އެތާގައޭވީ...ވެންޓިލޭޓަރ ލަސްވެގެންނޭވެސް ކިޔާ.. ފައްޔާޒުއާއި ފިނޭންސްމިނިސްޓަރާއި އަދިވެސް ސިޔާސީ ބޮޑުން ރާވައިގެން ކާލާފަ ހެލްތްމިނސްޓްރީގެ މުވައްޒަފުންކޮޅު ކަތިލަނީ...