ޖިންސީ ގޯނާއާއި ރޭޕް ކުރުމާއި ޖިންސީ ފުރައްސާރަ ކުރުން ފަދަ ޖިންސީ ކުށްތަކާ ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ވޮއިސް އޮފް ޗިލްޑްރަން (ވީއޯސީ)ގެ ހަތަރު މެންބަރުން ދޫކޮށްލައިފިއެވެ.

އެ ޖަމްއިއްޔާގެ މެމްބަރުން ހައްޔަރު ކޮށްފައިވަނީ މުޒާހަރާ ނުކުރެވޭނެ ކަމަށް ބުނެއެވެ. ނަމަވެސް އެމީހުން ހައްޔަރުކުރި އެއްވެސް ވަރަކަށް ފުލުހުން ބާރުގެ ބޭނުން ކޮށްފައި ނުވާ ކަމަށް ވީއޯސީގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ވަނީ މުޒާހަރާގައި ބައިވެރިވެފައިވާ ވީއޯސީގެ މެމްބަރުން ކައިރީ ޖެންޑަރ މިނިސްޓްރީގެ ސަރަހައްދު ދޫކޮށް ދިއުމަށް އަންގާފައެވެ. އަދި އެމީހުން ހައްޔަރު ކޮށްފައިވަނީ އެސަރަހައްދު ދޫކޮށް ނުދެވެނީސް ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.

މިއަދު އެ ޖަމްއިއްޔާއިން ރާވައިގެން މާލޭގައި މުޒާހަރާއެއް ބާއްވާފައިވާއިރު، މީގެ ކުރިންވެސް އެ ޖަމްއިއްޔާއިން ވަނީ މާލެ މަގުމަތީގައި ޖިންސީ ގޯނާއާ ދެކޮޅަށް އެއްވުންތައް އިންތިޒާމުކޮށް ރާވާފައިވެއެވެ.

މިއަދު ހައްޔަރުކުރި މީހުންގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން މިރޭ ބުނީ އެމީހުންނަށް ނަސޭހަތް ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެމީހުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ޖިންސީ ގޯނާގެ ކުށްތަކާ ދެކޮޅަށް މިއަދު ހަވީރު މާލޭގައި މުޒާހަރާ ކޮށްފައި މިވަނީ، ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލާގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަރަށް ޒިންމާދާރުކުޑަ ގޮތަކަށް ދެއްކެވި ވާހަކަތަކާާ ގުޅިގެން އިމްރާނަށް ފާޑުކިއުންތަކެއް އަމާޒުވެފައިވަނިކޮށެވެ.