ކ. ކާށިދޫ އާއި ކ.ގާފަރާއި މާލެއާ ދެމެދު ކޭބަލް ކާރު އަޅައިގެން ދަތުރު ކުރެވޭ ގޮތް ހެދުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެއެވެ.

މި ތިން ރަށުގެ މެދުގައި ކޭބަލް ކާރުގެ ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރުމަކީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ވައުދެކެވެ. މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ޖާބިރު ވަނީ އެ މަސައްކަތުގެ ހުށަހެޅުންތައް ސަރުކާރަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޭބަލް ކާރުގެ ޕްރޮޖެކްޓަށް ސަރުކާރުން ހުއްދަ ނުދިން ސަބަބާ ގުޅޭ ގޮތުން ޖާބިރު ސުވާލު ކުރެއްވިއެވެ.

ޖާބިރުގެ ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ ކާށިދޫއިން އެއްވެސް ރަށަކާ ދެމެދު ދަތުރު ކުރެވޭ ގޮތަށް ކޭބަލް ކާރު އެޅުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށެވެ. ވަޒީރެއްގެ ހައިސިއްޔަތުން މިފަދަ މަސައްކަތަކީ ކުރެވޭ ވަރުގެ މަސައްކަތެއް ނޫން ކަން ރައްޔިތުންނަށް ސާފުކޮށް ބުނެދޭން ބޭނުންވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގެން ޖެހޭ. މި ޒާތުގެ ކަންކަމަކީ ވާނެ ކަންކަމެއް ނޫން ކަން. އަޅުގަނޑު ގަބޫލެއް ނުކުރަން މިއީ ވާނެ ވަރުގެ ކަމެއް ކަމަކަށް ވެސް. އަދި މިއީ ކުރަން ހެޔޮ ވާ ވަރުގެ ކަމެއް ވެސް ނޫން." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އެހެން ވިދާޅުވުމާއެކު ޖާބިރު ނިޒާމީ މައްސަލައެއް ނެންގެވިއެވެ.

މަޖިލީހުގެ ރިޔާސަތުން އެ ފުރުސަތު ދިނުމުން ޖާބިރު ވިދާޅުވީ ޕެރިހުން ލަންޑަނަށް ދަތުރު ކުރަމުން ދަނީ ކަޑަލުން ކަމަށާއި، ރައްޔިތުންނަށް ކަންކަން ހާމަ ކުރަން ހުންނަވައި އޮޅުވާލައިގެން ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އޭގެ ފަހުން އަސްލަމް ވިދާޅުވީ ކާށިދޫ އާއި މާލެއާ ދެމެދަކީ ޕެރިހާއި ލަންޑަނާ ދެމެދެއް ނޫން ކަމަށާއި ގުދުރަތީ ގޮތުން މިއީ ވަރަށް ތަފާތު ދެ މިސާލެއް ކަމަށެވެ.

"ހަމަ ބުއްދީގައި ހުރެގެން އެއީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރާ،" ކަމަށް އަސްލަމް ތަކުރާރުކޮށް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ވަހުތާނު އަހުމަދު

  ޖާބިރުއެއޮތީ ކޭބަލްކާރުމަޝްރޫއު ކާމިޔާބުކޮށްފާ !! އެކާރުގަހަރުކޮށްފައިހުރިގޮނޑީގަ ޖާބިރު ޖަލްސާތަކަށްގޮސް އިށީނދެގެންއެހުންނަނީ! ކާށިދޫމީހުންގެހުރިގަމާރުކަމާއޭ !!

 2. ދިޔާނާ

  ޖާބިރު ބޮޑާނަހާކާ ދޯންޏައް ލާރި ދައްކާ!!!

 3. މުހައްމަދު

  😀😀 ޖާގެ ކާރޫ.

 4. ސިކުޑި ބޮޑު ކާށި

  އޭ އޭނާ ވެސް އޭނާ ދެކޭ ހުވަފެނެއް ހުށަ އެޅީ
  އެހެން މީހުން ނޯ؟
  ގަމާރު ވެފައި ތިބީ މިރަށު މީހުނެއް ނޫން
  އެހެރީ ހޮވާފައި
  އެއްޗެއް ވިސްނޭބާ؟

  5
  1
 5. ޒާ

  ބޯކޮޅުމައްޗަށް ހުރި އެކަކުވެސް ގަބޫލެއް ނުކުރާނެ އެއީ ޖާބިރަށް ކުރެވޭނެ ކަމެއްކަމަށް. އެކަމަކު ކާށިދޫ މީހުންގެ ލޮލުގައި އެޅުވި އަނދުން ބޯކަމުން އެތިބެނީ ލޯ ނުހުޅުވި.

  2
  1