ޖިންސީ އަނިޔާތަކެއްގެ ޝިކާރައަކަށްވި ގދ. ތިނަދޫ، ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި ހުކުމެއް އައި އޭނާގެ ކުރީގެ ފިރިމީހާ ގދ. ތިނަދޫ ޖަވާހިރުމާގޭ ދެކުނު އިބްރާހިމް ޝާހު މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ބެލެވޭ ކަމަށް ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ހޮސްޕިޓަލް މެނޭޖަރު ޝަރީފް އަހުމަދު "ވަގުތަށް" ވިދާޅުވީ، ޝާހް މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ބެލެވޭ ކަމަށް ޝާހް ބެލި ޑޮކްޓަރު ސެޓްފިކެޓުގައި ޖަހާފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެނައި އިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށާއި ރޭގެ ވަގުތެއްގައި ޝާހްގެ އުފަން ރަށް ތިނަދޫ އަށް އޭނާގެ ހަށިގަނޑު ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޑޮކްޓަރު ބެއްލެވުމަށްފަހު ސެޓްފިކެޓުގައި ޖަހާފައި ވަނީ އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް. ރޭގެ ވަގުތެއްގައި ޝާހްގެ އާއިލާއިން ވަނީ ހަށިގަނޑާއި ހަވާލުވެފައި" ޝަރީފް ވިދާޅުވިއެވެ.

ޝާހު އަކީ ޒިޔާދާ ރޭޕް ކުރި ކަމުގެ ކުށް ޝަރީއަތުގައި ސާބިތުވެ ތިން އަހަރު ދުވަހަށް ޖަލު ހުކުމް އިއްވާފައިވާ މީހެކެވެ.

ޝާހުގެ މައްޗައް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، އޭނާ މިނިވަންވެފައި ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓި މުއްދަތު ތިން އަހަރު ދުވަހަށް ވުރެން އިތުރުވާތީއެވެ.

ޝާހު މަރުވީ، މަސް ކިރުވަން ކޫއްޑު އަށް ގޮސް ހުއްޓައެވެ. "ކަޅިރަވަ" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި އޭނާ މަހަށް ފުރީ މީގެ ދެ ދުވަސް ކުރިން ހުޅުމާލެ އިންނެވެ. އަދި އެ ދަތުރުގައި 17 ޓަނުގެ މަސް ދޯންޏަށް ބަރުކޮށްފައިވާ ކަމަށްވެއެވެ.

ދޯނީގެ ޖޯލިފަތީގައި ޖައްސާލައިގެން އޮއްވައި، އެ ދޯނީގެ ބަޔަކަށް ފެނުނީ ޝާހް މަރުވެފައި އޮއްވައެވެ.

ޑިސެމްބަރު، 2015 ގައި ގދ. ތިނަދޫގައި ކުރި އަނިޔާތަކެއްގެ ސަބަބުން ޒިޔާދާ މަރުވި މައްސަލާގައި ޝާހުގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން ކުރިއެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާއެވެ.

ޝާހުގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަތައް ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މި މަހުގެ 1 ގައި ނިންމީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ ސާބިތުވާ ކަމަށާއި އެހެންވެ، އެ ކުށުގައި ޝާހު ތިން އަހަރަށް ޖަލަށްލުމަށެވެ. އެކަމަކު ހުކުމް އިއްވިއިރު އޭނާ ޖަލުގައި ތިން އަހަރު ހޭދަކޮށްފައިވާތީ ވަނީ މިނިވަންވެފައެވެ.

ޝާހްގެ މައްޗަށް ކުރާ އެހެން ދައުވާތައް ވެސް ކޯޓުގައި ކުރިއަށްދާ އިރު، އެ މައްސަލަތައް ވެސް އޮތީ ހުކުމްގެ މަރުހަލާގައެވެ.