އިފްލާސްވުމާއި އިފްލާސް ކުރުން ނުވަތަ ބޭންކްރަޕްސީގެ ބިލަށް ރާއްޖޭގައި އޮޕަރޭޓް ކުރާ ބޭރުގެ ކޮމާޝަލް ބޭންކްތައް ހިމެނޭ ގޮތަށް ކޮމާޝަލް ބޭންކްތަކުގެ ހިޔާލު ހޯދުމަށް އެ ބިލް އިނގިރޭސި ބަހަށް ތަރުޖަމާ ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ކުރާނެ ކަމަށް އެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ އެ ބިލްގެ އިބްތިދާއީ ބަހުސްގެ މަރުހަލާގެ ތެރޭގައި ބައެއް މެންބަރުން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ބިލްގައި ހިމެނޭ ފަންނީ މައުލޫމާތުތައް އިތުރުވުމާއެކު އިތުރަށް ފަންނީ ލަފާތައް ވެސް ހޯދަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު މަޖިލީހުގެ އަމީންއާންމުގެ އަރިހުން އެދެން މި ބިލް އިނގިރޭސި ބަހަށް ތަރުޖަމާ ކުރުމުގެ މަސައްކަތް އިދާރީ މޭޒުން ކޮށްދިނުމަށް، ބިލްގެ ޓެކްނިކަލް ކަމާ އެކު އަޅުގަނޑު އެބަ ވިސްނަވަން ރާއްޖޭގައި އޮޕަރޭޓް ކުރާ ހުރިހާ ކޮމާޝަލް ބޭންކްތަކަށް މި ބިލަށް ހިޔާލު ދިނުމަށް ދައުވަތު ދޭން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ބިލުގައި މައިގަނޑު ގޮތެއްގައިއި ވަނީ ވަކިވަކި ޝަހްސުންނާއި ސޯލް ޕްރޮޕަރައިޓަރުން ނަމަވެސް، ކޯޓަކުން ކަނޑައަޅައިފިނަމަ، މި ގާނޫނުގެ ހަަމަތަކުގެ ތެރެއިން ކުންފުންޏެއް ވެސް އިފްލާސް ކުރެވިދާނެ ކަމަށް ބަޔާންކޮށް މި ކަމުގެ އުސޫލުތައް ހިމެނޭ ގާނޫނީ އޮނިގަނޑެކެވެ.

ރައްޔިތުންގެ މަޖިލީހުގައި ބިލަށް ބަހުސް ކުރެއްވި އެމްޑީޕީގެ ކޮންމެ މެންބަރަކު ވިދާޅުވީ މި ފަދަ ބިލެއް ރާައްޖެއަށް މުހިއްމު ކަމަށެވެ. އެ މެންބަރުން ފާހަގަކުރެއްވި ގޮތުގައި ދަރަނީގެ އެއްބަސްވުމުގެ ދަށުން ދަރަނި ނުދައްކައިގެން ދަރަނިވެރިޔާއަށް އަދަބު ދިނުމުން އަރަނިވެރިޔާއަށް ވެސް ގެއްލުންވާ ކަމަށާއި އެހެން ހައްލުތަކެއް ބިލްގައި ހިމަނައިގެން ގެންނަން ޖެހޭ ކަމަށެވެ.