އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަސް މެންބަރުން ވަކި ކުރުމަށް ހުށަހަޅާފައިވާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން ހުށަހެޅި ހުށަހެޅުން ފާހެއް ނުވިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އޭސީސީގެ މެމްބަރުން ވަކިކުރުމާއި މެދު ގޮތެއް ނިންމަން ތަޅުމަށް ފޮނުވަން ހުށަހެޅުއްވުމުން ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.

މި ހުށަހެޅުމަށް ތާއީދުކޮށް ވޯޓުދެއްވީ ދެ މެމްބަރުންނެވެ.

މިއަދުގެ ކޮމިޓީގައި އޭސީސީގެ މެމްބަރުން ވަކިވަކިން މިނިވަން މުއައްސަސާތަކައި ބެހޭ ކޮމިޓީ އަށް ހާޒިރުކޮށްގެން އެ ކޮމިޝަނުގައި ހުރި މައްސަލަތައް ދެނެގަތުމަށް ވަނީ ނިންމަވާފައެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމު ހުށަހެޅުއްވި އެ ހުށަހެޅުން ފާސްވީ ހަ މެމްބަރުންގެ ވޯޯޓާއި އެކުގައެވެ.

ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އޭސީސީ އާއި ވާހަކަދެއްކުމަށް ފަހު އެ ކޮމިޝަންގެ މެމްބަރުން ހާޒިރުކުރާނެ ދުވަސްތައް ތާވަލްކުރައްވާނެކަމަށެވެ.

އޭސީސީގެ ފަސް މެންބަރުން ވަކި ކުރަން މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓެ) އެވެ.

މަޖިލީހުގައި މިހާރު އަމަލު ކުރާ އުސޫލަކީ މިނިވަން މުއައްސަސާއެއްގެ މެންބަރަކު ނުވަތަ މެންބަރުން ވަކިކުރުމުގެ އިޖުރާއަތްތައް ގެންދަން ފެށުމުގެ ކުރިން މަޖިލީހުގެ ރިޔާސަތަށް އެކަން އަންގަން ޖެހޭނެއެވެ. އަދި އެ އިޖުރާއަތްތައް ކުރިއަށް ގެންދަން ކޮމިޓީއަށް ފެށޭނީ މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތުން އެ ކަން އިއުލާން ކުރެއްވުމުންނެވެ.

އޭސީސީގެ މެންބަރުން ވަކި ކުރުމުގެ މައްސަލަ ކޮމިޓީއަށް ހުށަހެޅީ، ކޮވިޑް-19 ގެ ވެންޓިލޭޓަރުތައް ހޯދުމުގައި ހިންގި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ނިންމައި އޭސީސީން ޕީޖީ އޮފީހަށް ފޮނުވި މައްސަލާގައި ދައުވާތައް އުފުލޭ މިންވަރަށް އޭސީސީއަށް ހެކި ދެއްކިފައި ނެތް ކަމަށް ޕީޖީ އިން ވިދާޅުވެފައިވަނިކޮށެވެ.

ވެންޓިލޭޓަރުތަކުގެ ހިޔާނާތުގެ މައްސަލާގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ހިމެނޭ ގޮތަށް އެ މިނިސްޓްރީގެ 11 ބޭފުޅަކަށް ދައުވާ ކުރަން އޭސީސީ އިން ފޮނުވިއެވެ. އެކަމަކު ޕީޖީ އިން ނިންމީ ދައުވާ އުފުލޭ ވަރަށް ހެކި ނެތުމުން އެއިން އެއްވެސް ބޭފުޅެއްގެ މައްޗަށް ދައުވާ ނުއުފުލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަނި

    ތިކަލަށޭހުންނަ ،މިނިސްޓަރުކަންދީގެންގަމްހަލާކުވަނީ ރައިތުންނާ ދެތެރީގަވިސްނާފާއެންމެންވޯޓްްދިގެން ސޭހުބެރުކޮލާ

  2. ޑައެލޯގް

    އެއްކަމެއްވެސް ނުކުރާނެ މުޅިންވެސް ދަޅަދައްކަންކުރާކަމެއްތީ

  3. ގުއިދައިތަ

    ތިޔަ ހަސަންޓޭ އާއި މީކާއީލަކީ މަޖިލީހުގަ ތިބި ތަނެއް ދޮރެއް ނުދަންނަ މީހުންގެ ތެރޭ ހިމެނޭ ދެ މީހުން.