ކުރީގެ ރައީސް މަޢުމޫން އަބްދުލް ޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޢަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ އިބްތިދާޢީ މަރުޚަލާގައި ހުށަހެޅި ހުށަހެޅުންތަކާމެދު ގާޒީ ހަސަން ނަޖީބު ނިންމެވި ނިންމެވުންތައް ހައި ކޯޓުގައި އިސްތިއުނާފު ކުރައްވާނެކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.

ގާނޫނާ ހިލާފަށް ޤާނޫނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް މިދިޔަ ފެބްރުއަރީ މަހު މައުމޫން ހައްޔަރުކޮށް، އެމަނިކުފާނުގެ ފޯން ދޭން ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރެއްވި ކަމަށް ބުނެ ދައުލަތުން މަޢުމޫނުގެ މައްޗަށް އުފުލާފައިވާ ޢަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ އިބްތިދާޢީ މަރުޚަލާ މިއަދު ނިންމާލިއިރު، ދިފާއުގައި ޝަރީއަތުގެ ކުރިން ހުށަހެޅުއްވި 12 ހުށަހެޅުމުގެ ޝަރީއަތުން ދެއްވި ޖަވާބާ މެދު ހިތްހަމަ ޖެހިވަޑައި ނުގަންނަވާ ކަމަށާއި އެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެކަމަށް މައުމޫނުގެ ވަކީލު މަޢުމޫން ހަމީދު ވިދާޅުވީ މިއަދު ބޭއްވި ފަހު އިބްތިދާޢީ އަޑު އެހުމުގައެވެ.

މައުމޫން ހަމީދު ވިދާޅުވީ، ޝަރީއަތުގެ ކޮންމެ މަރުޚަލާއެއްގައި ނިންމާ ނިންމުންތައްވެސް މަތީ ކޯޓުތަކުގައި އިސްތިއުނާފު ކުރެވޭނެ ކަމަށާއި، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ މެދު ގާޒީ ހަސަން ނަޖީބު ނިންމެވި ނިންމެވުންތައް މަތީ ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށެވެ. އަދި އިސްތިއުނާފު ކުރައްވަން ނިންމަވާފައިވާތީ، އަންނަ ބުރާސްފަތި ދުވަހަށް ތާވަލު ކޮށްފައިވާ މި މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ފަސްކޮށްދިނުމަށްވެސް މައުމޫން ހަމީދު ޝަރީއަތުގައި އެދިލެއްވިއެވެ.

އިބްތިދާޢީ މަރުޚަލާގައި ޝަރީއަތުން ނިންމި ނިންމުންތައް އިސްތިއުނާފު ކުރުމަށް، ޝަރީއަތުގެ މަރުޚަލާ ފެށުން ފަސްކޮށްދިނުމަށް މަޢުމޫން ފަރާތުން އެދުނު ނަމަވެސް ގާޒީ ނަޖީބު ވިދާޅުވީ މިއަދު ޝަރީއަތުގައި ނިންމަވާފައިވާ ގޮތަށް ބުރާސްފަތި ދުވަހު ޝަރީއަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ކުރީގެ ރައީސް މަޢުމޫން ޢަބްދުލް ޤައްޔޫމްގެ ދިފާއުގައި ޝަރީއަތުގެ ކުރިން ހުށަހެޅި 12 ހުށަހެޅުމުގެ ތެރެއިން ވަކީލުންނާ ބައްދަލު ކުރުމަށް ފުރުޞަތު ފަހި ކޮށްދެއްވުމަށް ބަންދު މަރުކަޒަށް މީގެ ކުރިން އަމުރުކުރުން ފިޔަވައި، ބާކީ ހުރި 11 ހުށަހެޅުމާމެދު ޝަރީއަތުން ނިންމާފައިވަނީ ދިފާއުން އެދުނު ގޮތް ބަލައި ނުގަނެވޭނެ ކަމަށާއި، ދައުލަތުން ރައްދުގައި ހުށަހެޅި ހުށަހެޅުންތަކާ އެއްގޮތަށެވެ.

އެގޮތުން ސްޕްރީމް ކޯޓުގެ އަސްލީ އިހްތިޞާސަށް ކްރިމިނަލް ކޯޓުން އަރައިގަނެފައި ނުވާނެ ކަމަށާއި، ޝަރީއަތް ކުރުމުގެ ގަވާއިދު ނެތުމަކީ ޝަރީއަތް މެދުކަނޑާލަންޖެހޭ ސަބަބެއް ނޫން ކަމަށާއި، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ޤާނޫނުގައި ބުނާ ފޯމް ނެތުމުން ކޮންމެ ފޯމެޓެއްގައިވެސ ހުށަހެޅުމުގެ ފުރުޞަތު ދީފައިވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ. މީގެ އިތުރުން ޝަރީއަތް ހިންގުމެއްނެތި ބާތިލް ކުރަންޖެހޭ މައްސަލައެއް ކަމަށާއި ހެކި ހާމަ ކުރުމުގެ ގޮތުން ހޯދުމަށް އެދި ހުށަހަޅާފައިވާ މަޢުލޫމާތުތައް ޤާނޫނީ ގޮތުން ހާމަކުރަން ޖެހޭކަމަށް ބެލެވެން ނެތް ކަމަށްވެސް ގާޒީ މިއަދު ވަނީ ނިންމަވާފައެވެ.

ޝަރީއަތުން ނިންމި ނިންމުންތައް އިސްތިއުނާފު ކުރުމަށް މަޢުމޫންގެ ވަކީލުން ނިންމަވައި އެކަން އިޢުލާނު ކުރެއްވިއިރު، މަޢުމޫނުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައިވަނީވެސް ޝަރީއަތް ކުރިއަށް ގެންދިއުމަށް މަޢުމޫނުގެ ޞިއްޙީ ހާލަތު ތަން ނުދޭކަމަށް މައުމޫނުގެ ވަކީލުން ބުނަމުން ދަނިކޮށްކަން ފާހަގަކޮށްލެވެއެވެ.