މިއަދު އަވަހާރަވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަބްދުލް މަޖީދު އަބްދުލްބާރީ އަކީ އުއްމަތަށާއި އިސްލާމްދީނަށް ހިދުމަތް ކުރެއްވި ލީޑަރެއް ކަމަށް މޯލްޑިވްސް އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ.މަޖީދު އަވާހަރަވުމާ ގުޅިގެން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ.މަޖީދަކީ ރާއްޖޭގެ އިސްލާމީ ދައުވަތު ބަލިކަށިވެފައި ވަނިކޮށް އިސްލާމީ ދައުވަތު ވަރުގަދަ ކުރައްވައި އިލްމުވެރިން އެއް ސަފަކަށް ގެންނެވި ބޭފުޅެއް ކަމަށެވެ.

"އެއީ ހުލްގު ހެޔޮ އިހުލާސްތެރި އާލިމެއް. އިސްލާމީ މުފައްކިރެއް. އުއްމަތާއި ދީނަށް ހިދުމަތް ކުރެއްވި ލީޑަރެއް" ޝަހީމް ވިދާޅުވިއެވެ.

އުމުރުފުޅުން 55 އަހަރުގައި ޑރ.މަޖީދު އަވާހަރަވީ މިދިޔަ ހުކުރު ދުވަހު ސްރީލަންކާގައި ހުންނަވަނިކޮށް ޖެހުނު ސްޓްރޯކް އަކަށްފަހު ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. ޑރ.މަޖީދު ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް އެމަނިކުފާނުގެ ހާލު ސީރިއަސް ކަމަށްވާއިރު ވަގުތުން ތިން އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ.

އަދި ފަހުން ޑރ.މަޖީދު ނޭވާލަމުން ގެންދެވީ ވެންޓިލޭޓަރުގެ އެހީގައެވެ. ވެންޓިލޭޓަރު ނައްޓާލީ މިއަދު މެންދުރުފަހުއެވެ.

ޑރ.މަޖީދަކީ ގުރުއާނާއި ބެހޭ އިލްމު ފެތުރުމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ގުރުއާނާއި ބެހޭ މަރުކަޒުގެ ރައީސްކަން ވެސް ޑރ.މަޖީދު ކުރެއްވިއެވެ.

މީގެއިތުރުން ޑރ.މަޖީދަކީ ތަފްސީރު އިލްމުން ޕީއެޗްޑީ ހާސިލުކުރެއްވި ފުރަތަމަ ބޭފުޅާ ވެސް މެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތިން އަހަރެއްހާ ދުވަހު އިސްލާމިކް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ.މަޖީދު އަވަހާރަވިއިރު ހުންނެވީ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއްގެ މަގާމުގައެވެ.

ޑރ.މަޖީދު ފާހަގަވެގެން ގޮސްފައިވަނީ ހަމައެކަނި އިލްމުވެރިއެއްގެ ގޮތުގައެއް ނޫނެވެ. އެމަނިކުފާނަކީ ސިޔާސީ ދާއިރާގައި ވެސް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ޑރ.މަޖީދަކީ އަދާލަތު ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާއެވެ. އަދި އެ ޕާޓީގެ ރައީސްކަން ވެސް ޑރ.މަޖީދު ކުރެއްވެވިއެވެ.

ނަމަވެސް އަދާލަތު ޕާޓީން ވަކިވެ ވަޑައިގެންނެވުމަށްފަހު ފަހުން އެމްޑީޕީ އާއި ވެސް ޑރ.މަޖީދު ގުޅިވަޑައިގެންނެވިއެވެ. ނަމަވެސް އެމްޑީޕީގެ ސިޔާސަތުތަކާއި ހިތްހަމަނުޖެހި ވަޑައިގަންނަވާތީ އެ ޕާޓީން ވަނީ ވަކިވެ ވަޑައިގެންފައެވެ. އޭގެފަހުން ޑރ.މަޖީދު ފަހުން އަނެއްކާވެސް ގުޅިވަޑައިގެންނެވީ އަދާލަތު ޕާޓީއާއެވެ.

ޑރ،މަޖީދު އަވަހާރަވިއިރު ހުންނެވީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސްގެ މަގާމުގައެވެ.

ޑރ.މަޖީދަކީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. ޑރ.މަޖީދު އަވަހާރަވިއިރު އެމަނިކުފާނުގެ ހުރިހާ ބޭފުޅުން ވެސް ތިއްބެވީ ލަންކާގައެވެ.

ޑރ.މަޖީދު އަވަހާރަވިއިރު އަންބަކާއި ފަސް ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ.