ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި މިނިސްޓަރު އިމްރާން މަޖިލިހަށް ޖަވާބުދާރީވާން ދޭން ޖެހޭ 14 ދުވަހުގެ ނޯޓިސް މިއަދު ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 11 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ވައްދާފައިވާ އެ މައްސަލައަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ ގާނޫނުއަސާސީގައި އޮންނަ ގޮތުގެ މަތިން މައްސަލަ ހުށަހެޅިފައިވާތީ އެ މައްސަލަ އެޖެންޑާ ކުރައްވާނެ ކަމަށެވެ. އަދި އިމްރާނަށް ދޭން ޖެހޭ ނޯޓިސް މިއަދު ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފެށުމުގެ ކުރިން އިމްރާނަށް ދޭން ޖެހޭ 14 ދުވަހުގެ ނޯޓިސް މިއަދު އަޅުގަނޑު ފޮނުވާނަން، އަދި އެ ނޯޓިސްގެ މުއްދަތު ހަމަވުމުން އެ މައްސަލަ މަޖިލީހުގައި އެޖެންޑާ ކުރެވޭނެ،" ނަޝީދު ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ ނުވަ މެންބަރަކު މަޖިލީހުގައި ތިއްބެވިއިރު، އަމިއްލަ ދެ މެންބަރަކު މި މައްސަލައިގެ ގަރާރުގައި ސޮއިކުރެއްވިއެވެ. އެއީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން 10 މެންބަރުންގެ ސޮޔާއެކު ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދޭނެއެވެ. އަދި އެ ވަޒީރަކަށް ޖަވާބުދާރީވާން 14 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. ވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 44 މެންބަރުންގެ ވޯޓު ލިބިގެންނެވެ.

އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައި މިވަނީ، ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައަށް އިޝާރާތް ކުރައްވައި އެ ސަފާރީގައި އެ ދުވަހު ހިނގައިދިޔައީ އާދައިގެ ކުޑަ ކަމެއް ކަމަށް ވިދާޅުވުމުން އެ މައްސަލަ ގަނޑުގެ ތެރޭގައެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި އިމްރާން ވިދާޅުވެފައިވަނީ ސަފާރީގައި ހިނގައިދިޔަ ކަންކަން ކަމަށް އާންމުންގެ ތެރޭގައި ދެކެވެނީ ހަގީގަތުގައި ހިނގި ކަންކަމަށް ވުރެ މާ ބޮޑު ކޮށްލައިގެން ކަމަށެވެ. ސަފާރީގައި ރޭޕްގެ ކަމެއް ނުހިނގާ ކަމަށާއި އެއީ އާންމު ތަނެއްގައި ކޮންމެ މީހަކަށް ވެސް ކުރެވޭނެ ވަރުގެ އާދައިގެ ކުަޑަ ކަމެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ މެންބަރުން އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި މިވަނީ، އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބަލައިދިނުމަށް އެދި ކެންޔާ އަންހެން މީހާގެ ގާނޫނީ ވަކީލުން ވެސް މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ.

މިކަމާ ގުޅިގެން އިމްރާންއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވުމުން، އިމްރާން ވިދާޅުވެފައިވަނީ އޭނާ ދެއްކެވި ވާހަކަތައް އޮޅޭ ގޮތަށް ދިވެހި މީޑިއާތަކުގައި ފަތުރާފައިވާ ކަމަށެވެ. ޖިންސީ ގޯނާއަކީ ކުޑަ ކަމެއް ނޫން ކަމަށާއި ކުޑަ ކަމެއް ކަމަށް ވިދާޅުނުވާ ކަމަށް އިމްރާން ވިދާޅުވިއެވެ. އެކަމަކު ދެއްކެވި ވާހަކައިން އެފަދަ މާނައެއް ނެނގޭ ނަމަ އެ ކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް އިމްރާން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އަވަހާރަކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އާއި ގެއްލުވާލައިގެން މަރާލި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައާ ގުޅުވައި އިމްރާން އެކި ދުވަސްވަރު އެކި ވާހަކަތައް ދައްކަވާތީ ވެސް އޭނާއަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައިވެއެވެ.

އެންމެ ފުރަތަމަ އަފްރާޝިމްގެ މަރާއި އެމްޑީޕީއާ ގުޅުވައި އިމްރާންއާއި އަދާލަތު ޕާޓީގެ އިސް ބޭފުޅުންތަކެއް ވާހަކަ ދައްކަވާފައިވެއެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް ޔާމީންއާއި އެ މަރުތަކާ ގުޅުވައި ވެސް އެކި ވާހަކަ ދެއްކެވިއެވެ.

އެހެންވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި މަރުތައް ތަހުގީގު ކުރާާ ރިޔާސީ ކޮމިޝަނުން އެ މަރުތައް ތަހުގީގު ކުރުމަށް ފަހު ބުނެފައިވަނީ އެ މަރިތަކުގެ ފަހަތުގައި ސިޔާސީ ބޭފުޅުންތަކެއްގެ އަތެއް ނެތް ކަމަށާއި އެއީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކެއް ފަހަތުގައި ތިބެގެން ކޮށްފައިވާ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުއްދި

    ހުރިހާ މެމްބަރުންވެސް ހުސްބުޅީގައި މި މައްސަލާގައި ގަންނަންޖެހޭނެ. މިއީ އާދައިގެ ކަމެއްނޫން. މިކަމަށް ހައްލެއް ނުލިބެއްޖެނަމަ މަގުތީގައިވެސް މީހުންގެ އުރަމަތީގައި ހިފުން އާދަވެދާނެ.

    21
  2. ޅަބޭ

    އެމްޑީޕީއައް ރަގަޅުވާނީ އިމުރާނު ޖާހިލުވެފަ، ގަމާރުވެފަ، އިބިލީސްވި ވަރަކައް.

    12