ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ތިބެންވީ ރޮބަޓުން ކަމަށާއި އެތަނަށް އިންސާނުން ލައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.

ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ނުހިމެނޭ ގޮތަށް އެ ކޮމިޝަންގެ އެކުލެވުން ބަދަލުކުރަން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވަނީ ޖޭއެސްސީ ފަދަ ތަންތަނުގެ މަގާމުތަކަށް ރަނގަޅު މީހުން އައްޔަން ނުކުރެވޭ ކަން ފާހަގަ ކުރައްވައިފައެވެ.

އަދި ގާނޫނުއަސާސީ އިން ޖޭއެސްސީ އަށް ބާރުތައް ދިނީ ވަރަށް ރަނގަޅު މަގްސަދެއްގައި ކަމަށްވީ ނަމަވެސް ޖޭއެސްސީގެ މަގްސަދު ހާސިލް ނުވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

ފަނޑިޔާރުން ޖޭއެސްސީއާ މެދު ޖެހިލުންވާ ކަމަށާއި ކުރިން ފަނޑިޔާރުންނާއި ޖޭއެސްސީ ގުޅިގެން ހުކުމް ކުރުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށް ވެސް ޖާބިރު ވިދާޅުވިއެެވެ.

ކުރީގެ ސަރުކާރުތަކުގައި ކަންކަން ކުރީ ރަނގަޅަށް ނޫން ކަމަށާއި ރައީސްކަމުގައި ހުންނަވާ ބޭފުޅަކު ބޭނުންވާ ގޮތަށް ހުކުމް ކުރުމުގެ ސަގާފަތެއް ރާއްޖޭގައި އޮތް ކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ.

"ހިތު ހުރިހާ ގޮތަކަށް ހުކުމް ކުރަމުން ދިޔަ ދުވަސްކޮޅެއް. މިކަހަލަ ވާހަކަދެއްކީމަ ހިތަށް ތަދުވާނެތާ. ގާނޫނުއަސާސީގައި އެބަ އޮތް ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާާއިމްކުރުމަށް ޖުޑީޝަލް ސާވިސް އެއް އުފަން ކުރަންވާނެ ކަމަށް. އިންޑިޕެންޑެންޓް ވާން ވާނެކަމަށް. ކިހިނެއްތޯ އިންޑިޕެންޑެންޓް ވާނީ. ދައުލަތުގެ މައްޗަށް އަޅުގަނޑު ދައުވާއެއް މި ކުރާ އިރުގައި ދައުވާ ލިބޭ ފަރާތް މ ިއިންނަނީ ޖުޑީޝަލް ސަވިސް ކޮމިޝަންގެ ބޮޑު މީހާގެ ހެދުން ލައިގެން." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އެކި މައްސަލަތަކުގައި ދައުލަތާއި ދެކޮޅަށް ދައުވާ ކުރާ ފަރާތަކީ އާންމު ރައްޔިތު މީހަކަށް ވާއިރު، ދައުލަތުގެ ބަންޑާރަ ނައިބު ޖޭއެސްސީގައި ހުންނެވުމަކީ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އަދި މަޖިލީހުގެ ރައީސް ވެސް އެ ކޮމިޝަންގައި ހުންނަވާ އިރު، މިހާރުގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީއަށް ގެއްލުމެއް ނުދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޖާބިރު ވިދާޅުވިއެވެ. ނަމަވެސް އަބަދު އެހެން ކަންތައް ނުވާނެ ކަމަށާއި ޖޭއެސްސީގައި ސިޔާސީ މީހުން ތިބުމަށް ތާއީދު ނުކުރައްވާ ސަބަބަކީ އެއީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް ނަން ފޮނުއްވައިގެން ފަނޑިޔާރުް އައްޔަން ކުރުމަކީ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ގެއްލޭ ކަމެއް ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަޅި

    ޖާބިރުގެ ވާހަކަވެސް ރަނގަޅު. ރާއްޖޭގެ ސިޔާސީ މީހުންގެ ގޮތެއް ފޮތެއް ނެތުމުގެ ސަބަބުން، ދައުލަތުގެ އެއްވެސް ނިޒާމެއްގެ ތެރެއަށް ސިޔާސީމީހުންގެ ނުފޫޒު ނުފޯރާ ދިއުމަކީ، ވަރަށް ނާދިރުކަމެއް. ގިނަމީހުންގެ އިޙްލާސްތެރިކަމެއް، ބިރުވެތިވުމެއް، ތެދުވެރިކަމެއް ނެތް. އެހެންވީމަ، ނަތީޖާއަކީވެސް، އޭގެ އަރަޤުން ނުކުންނާނެ އެއްޗެއްގެ ގޮތުގައި ދެކެނީ.

  2. ސަމާ މާލެ

    ޖާބިރު ލަދެއް ނުގަނޭ ލާރި ނުދައްކައިގެން މަސްދޯނި އަތުލީ. ޖާބިރު ނުދޭނެ ލާރިއެއް.