ފަނޑިޔާރުން ޖަވާބުދާރީ ކުރުމަށް އޮންނަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ ބޭފުޅުން ނުތިއްބަވާ ގޮތަށް ގާނޫނު އަސާސީގައިވާ އެ ކޮމިޝަންގެ އެކުލެވުމުގެ މާއްދާއަށް އިސްލާހު ގެންނަ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ އެއްވެސް މެންބަރަކު ބަހުސެއް ނުކުރައްވައި، ބިލްގެ ބަހުސް ނިންމާލައިފިއެވެ.

އިދިކޮޅު ޕީޕީއެމްގެ މެންބަރު، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) އެ ބިލް މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅުއްވައި ދެއްވަމުން ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީއަށް 12 އަހަރު ވެގެން ދިޔައިރު އެ ގާނޫނު އަސާސީގައި ހިމެނޭ ޖޭއެސްސީ ފަންކްޝަން ކުރެވޭ ގޮތާ މެދު ކަންބޮޑުވުންތަކެއް ހުރިކަމަށެވެ.

ތޯރިގް ވިދާޅުވި ގޮތުގައި ޖޭއެސްސީގެ އެކެލުވިގެންވާ ގޮތުގެ ސަބަބުން އަދުލު އިންސާފުގެ ބާރަށް ވެރިކަން ކުރުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނުފޫޒު ފޯރުވެއެވެ. ޖޭއެސްސީގައި ތިއްބަވާ ސިޔާސީ ބޭފުޅުން ބޭނުންވާ ގޮތަށް ފަނޑިޔާރުންނަށް ފިޔަވަޅު އެޅޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ސިޔާސީ ކޮންމެ ބޭފުޅަކު އެއްބަސްވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ވާހަކަ ދެއްކެވީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ބައެއް މެންބަރުންނާއި ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. ބިލްގައި ބަހުސްގައި އެމްޑީޕީގެ މެންބަރުން ބައިވެރިނުވި ނަމަވެސް ނިޒާމީ ނުކުތާ ނަންގަވައިގެން އިދިކޮޅު މެންބަރުންގެ ވާހަކަތަކަށް ހުރަސް އަޅުއްވާފައިވެއެވެ.

ނިޒާމީ ނުކުތާ ނެންްގެވި އެމްޑީޕީގެ މެންބަރުން ފާހަގަކުރައްވަމުން ގެންދެވީ ޕީޕީއެމްގެ ސަރުކާރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަމުން ގެންދެވިއެވެ. ނުފޫޒު ފޯރުވައިގެން އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރި ކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ޒިންމާ އަދާނުކުރެވޭ ގޮތަށް ހެއްދެވި އެތައް ވާހަކައެއް ވިދާޅުވިއެވެ.

އިބްތިދާއީ ބަހުސްގެ މަރުހަލާގައި ފުރުސަތަށް އެދިވަޑައިގަންނަވާ މެންބަރުންނަށް ފުރުސަތު ދެއްވުމަށް ފަހު އޮންނަނީ ބިލް ހުށަހެޅުއްވި މެންބަރަށް ފަހު ބަސް އިއްވުމުގެ ފުރުސަތެއް ދެއްވުމެވެ. އެ ފުރުސަތުގައި ބިލަށް އެމްޑީޕީގެ މެންބަރުން ބަހުސް ނުކުރެއްވީތީ މެންބަރު ތޯރިގް ފާޑުވިދާޅުވިއެވެ.

މެންބަރު ތޯރިގް ވިދާޅުވީ ބިލަށް އެމްޑީޕީގެ އެންމެ މެންބަރަކު ވެސް ބަހުސް ނުކުރެއްވުމުން ސާފުވެގެން ދިޔަ ކަމަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުން އެމްޑީޕީގައި ނެތް ކަން ކަމަށެވެ. އަދި ވިދާޅުވީ ޖޭއެސްސީ ބަދަލު ކުރުމުގެ ވައުދު ރައީސް އިބްރާހިމް މުހައްމަދު ވެވަޑައިގަތީ އިހުލާސްތެރި ނިޔަތެއް އޮވެގެން ނޫން ކަމަށެވެ.

ކުރީގެ ސަރުކާރުގައި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވި ކަމަށް އެމްޑީޕީގެ މެންބަރުން ނިޒާމީ ނުކުތާތަކެއްގައި ވިދާޅުވަމުން ގެންދެވުމުން އެ ކަމަށް ރައްދު ދެއްވައި މެންބަރު ތޯރިގް ވިދާޅުވީ އޭރު ޝަަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާފައި ނުވާ ކަމަށެވެ.

އަދި އުއްމަތަ ފަނޑިޔާރު ހައްޔަރުކުރީ ކޯޓަށް ހުށަނާޅާ މައްސަލައެއްގައި ރިޝްވަތު ނަންގަވައިގެން ކުރެއްވި ހުކުމަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެ އިޝާރާތް ކުރައްވަނީ ފެބްރުއަރީ 1، 2018 ގައި އޭރު ބަންދުގައި ނޫނީ ހުކުމެއްގައި ތިބި އިދިކޮޅު ސިޔާސީ ލީޑަރުން މިނިވަން ކުރަން ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނިކޮށް ދެ ފަނޑިޔާރަކު ހައްޔަރު ކުރި ކުރުމަށެވެ.

ތޯރިގްގެ ވާހަކަ ނިމުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެއިން ބައެއް ވާހަކަތައް ރައްދު ދެއްވިއެވެ. ނަޝީދު ވިދާޅުވީ ތޯރިގްގެ ބައެއް ވާހަކަތައް ހުންނެވީ ބިލަށް ތާއީދު ކުރައްވާ ދައްކަވާފައެވެ. އެކަމަކު ބައެއް ވާހަކަތައް ހުންނެވީ އަމިއްލައަށް ހުށަހެޅުއްވި ބިލާ ވެސް ދެކޮޅަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތޯރިގްއަށް ފަހު ބަސް ވިދާޅުވާން ދެއްވި ފުރުސަތަށް ފަހުގައި ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ނިމިފައިވާ ކަން ވެސް ރައީސް ނަޝީދު އިއުލާން ކުރެއްވިއެވެ. އަދި މިއަދުގެ ޖަލްސާގެ ވޯޓު ގަޑީގައި އެ ބިލް ބަލައިގަތުމާ ގުޅޭ ގޮތުން ވޯޓަށް އަހާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ބެއްޔާ

  އެމްޑީޕީން ނުކުރާނެ ބަހުސެއް. ގައުމަށް ފައިދާހުރި ކަމެއްގަ ބައިވެރިއެއް ނުވާނެ. ނަޝީދުއަށް ބޮޑުވަޒީރުކަން ޑެ ބިލެއް ހުށަހަޅާބަލަ ހުންނަ ފޯރިއެއް ބަލަން.

  2
  1
 2. ނުތަނަވަސް

  "ނިޒާމީ ނުކުތާ ނެންްގެވި އެމްޑީޕީގެ މެންބަރުން ފާހަގަކުރައްވަމުން ގެންދެވީ ޕީޕީއެމްގެ ސަރުކާރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަމުން ގެންދެވިއެވެ." **** ރައްޔިތުންނަށް ހެޔޮއެދިގެން އައިމީހުންގެ ކިބައިން މިފެންނަނީ ކޮންހެޔޮއެދުމެއް. އޭރުދެއްކިވާހަކަ މިއަދު މިހުރީ ބަދަލު ހިފުމަށްހިފާފައި . ނަޒާހަތްތެރި ކަމުގައި އެމްޑީޕީގެ ކޮންމެ މެމްބަރަކު ހަތް ސޮއި ކުރަން ވާނެ. އޭރުން އެދި މިހާރަށްވުރެ ގިނަކަންކަން ތިމާމެންގެ އަމިއްލަ އެދުމައެއްގޮތަށް ކުރެވޭނެ. ހުސްވަގުން.

  1
  1
 3. ކަނީރު

  ޝުކުރުކޮށްބަލަ ތިކަހަލަ ބިލްތައް އެޖެންޑާކުޜާކަމަށްޓަކާވެސް. ޚުރަިގަވިއްޔަ ތިވަރުވެސް ނުވެއެއްނު