ފެބްރުއަރީ 1، 2018 ވަނަ ދުވަހު އޭރު ޖަލުގައި ތިއްބެވި ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން މިނިވަން ކުރަން ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިންމަން ބޭރުގެ ގައުމަކުން ނުފޫޒު ފޯރުވައިގެން ނިންމި ނިންމުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިޤު (ޓޮމް) މިއަދު ވިދާޅުވެއްޖެއެވެ.

ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރަން އޭނާ ހުށަހެޅުއްވި ބިލުގެ ބަހުސް މަރުޚަލާގައި ވާހަކަ ދައްކަވަމުން ޓޮމް ވިދާޅުވީ، ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތް ހާއްސަ މަޖިލީހުން ކުރި އިރު ކަންކަން ކުރިއަށް ދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.

އެގޮތުން ޖޭއެސްސީގައި މިހާރު މެމްބަރުން ތިބި އަދަދަކީ އެންމެ ފުރަތަމަ ޖޭއެސްސީއަށް ކަނޑައެޅި މެމްބަރުންގެ އަދަދު ނޫން ކަމަށާއި އޭރު ޖޭއެސްސީ އެކުަލަވާލީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުށަހެޅުއްވި ގޮތާއި ޚިލާފަށް، އެމަނިކުފާނަށް ވެރިކަން ނުލިބޭނެހެން ނުވަތަ ވެރިކަން ކުރަން ވިސްނައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޓޮމް ވިދާޅުވީ ޖޭއެސްސީގައި ބަދަލު ކުރަން ޖެހޭ ކަންކަން ހުރި ނަމަ ގާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ.

މީގެ އިތުރުން އެކެއް ފެބްރުއަރީގެ އަމުރަށް ފަހު، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ސުޕްރީމްކޯޓުގެ ދެ ފަނޑިޔާރަކު ހައްޔަރު ކުރަން ޖެހުނީ އެ ފަނޑިޔާރުންގެ އަމަލުތައް ހުރިގޮތުން ކަމަށް ވިދާޅުވެ، ސިފައިން މެދުވެރިކޮސް ފަނޑިޔާރުން ހައްޔަރުކުރުން ދިފާއުކުރައްވާ ޓޮމް ވަނީ ވާހަކަ ދައްކައިފައެވެ.

އަދި ދަމާހަލާފަވިޔަސް އޭރު އެ ފަނޑިޔާރުން ހައްޔަރު ކުރަން ޖެހޭ ކަމަށް ޓޮމް ވިދާޅުވުމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ވާހަކަތައް ހުއްޓުވައިފައެވެ.

" އަޅުގަނޑު ދެކޭ ގޮތުގައި ދެންމެ ތިދެއްކެވީ ގާނޫނުއަސާސީގެ ރޫހާއި ޚިލާފު ވާހަކައެއް. ފަނޑިޔާރަކު ދަމާ ނެރޭ ކަހަލަ އެއްވެެސް ކަމެއް ހިނގައިގެން ނުވާނެ. އަދި ވާހަކައިންވެސް ނުހިންގެވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވުމުން ޓޮމް ވަނީ ސުޕްރީމް ކޯޓުން ނުރަނގަޅުކޮށް ކުރާ ގިނަ ކަންތައްތަކެއް ފާހަގަ ކުރައްވައިފައެވެ.

އެގޮތުން ރިޔަސީ އިންތިޚާބު ބާތިލްކުރަން 2013 ވަނަ އަހަރު ޖޭޕީ އިން މައްސަލަ ހުށަހެޅި ހިސާބުން ބޭނުން ހުރިހާ ގޮތަކަށް ކަންކަން ކުރެވިދާނެ ކަމަށް ސުޕްރީމް ކޯޓުގައި ތިބި ފަނޑޔާރުންނަށް ވިސްނިވަޑައިގަތް ކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ޖޭއެސްސީ އާއި ފަނޑިޔާރުގެ ހިނގީ ރަނގަޅަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެކެއް ފެބްރުއަރީގެ އަމުރަކީ ބޭރުގެ ގައުމެއްގެ ނުފޫޒާއި އެކު ހިންގި އަމަލެއް ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފައވެެ.

" 1 ފެބްރުއަރީގައި ނެރުނު އަމުރާއި އެކު އެތަނުގެ ތެރޭގައި އެ މީހުން ބަލާ ދާންވެގެން ކޮންތާކު އެމްބަސީއެއްގެ ކާރެއްތޯ. ސުޕްރީމްކޯޓުން އެ ފަނޑިޔާރުން ބަލާދާން އުޅުނީ. ބަލާ ގޮސް އޮތީ. އޮއްވާ ސިފައިން ގޮސް ވަނީ. އެހެންވީމަ އެއީ ބޭރު ގައުމެއްގެ ބޭރު ދައުލަތަކުން ރާއްޖޭގެ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން އެ ނިންމުން ނިންމާފައި އޮޮތީ އޭރުގެ ވެރިކަން ނިންމަން ވެގެން." ޓޮމް ވިދާޅުވިއެވެ.

ޓޮމް މިފަދައިން ވިދާޅުވި ނަމަވެސް 1 ފެބްރުއަރީގެ އަމުރަށް ނުފޫޒު ފޯރުވީ ކޮން ގައުމަކުން ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.