ބ.އަތޮޅު ރީޖަނަލް ކޮވިޑް ސެންޓަރުގައި 6 މީހަކަށް މިވަގުތު ފަރުވާ ދެމުން އަންނަ ކަމަށާއި، އޭގެ ތެރެއިން އެކެއްގެ ހާލު ދެރަ ކަމަށް އެއަތޮޅު ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ބ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވީ، މިހާރު އެއަތޮޅުގެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އަންނަނީ ޖުމްލަ ހަ ބަލިމީހަކަށް ކަމަށާއި، އޭގެ ތެރެއިން ހާލު ދެރައީ އެކެއްގެ ކަމަށެވެ.

ނަމަވެސް ހާލު ދެރަމީހާވެސް އޮކްސިޖަން އެއްލެވަލެއްގައި ހިފަހައްޓަމުން އަންނަ ކަމަށާއި، އޭނާގެ ހާލުވެސް އަންނަނީ ރަނގަޅުވަމުން ކަމަށް ރަޝީދު ވިދާޅުވިއެވެ. "މިހާރު ހާލުދެރައޭ މި ދަންނަވާ މީހާވެސް އޮކްސިޖަން ހިފަހައްޓަމުން އަންނަނީ. އޭނާގެ ހާލުވެސް މަޑު މަޑުން އަންނަނީ ރަނގަޅު ވަމުން. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ" ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ ބާކީ ތިބި ފަސް މީހުންގެ ތެރެއިން އެކަކީ 65 އަހަރުން މަތީގެ މީހެއް ކަމަށާއި، އޭނާގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި ދެން ތިބި ހަތަރު މީހުންނަކީވެސް އެކި ގޮތްގޮތުން ހިރާސް ބޮޑު މީހުން ކަމަށާއި، އެމީހުންގެ ހާލުވެސް ރަނގަޅު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބ. އަތޮޅު ކޮވިޑް ފެސިލިޓީގައި މިހާތަނަށް 12 މީހުންނަށް ފަރުވާ ދީފައިވާ ކަމަށާއި، އެ ފެސިލިޓީއަކީ މިހާތަނަށް އެންމެ ގިނަ މީހުންނަށް މި ބަލީގައި ފަރުވާ ދީފައިވާ ފެސިލިޓީކަން ރަޝީދު ފާހަގަކުރެއްވިއެވެ.

އިއްޔެ ވެސް ރާއްޖެއިން އިތުރު 27 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އިއްޔެ ރާއްޖެއިން ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 17 ދިވެހިންނާއި 10 ބިދޭސީއެކެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 11532 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު